ފާގަސަން ތަށި ހޯދިޔަސް މިހާރު އެކަން ކުރަން ފަސޭހައެއް ނޫން: ސޯލްޝެއާ

Advertisement

ފާގަސަން ތަށި ހޯދިޔަސް މިހާރު އެކަން ކުރަން ފަސޭހައެއް ނޫން: ސޯލްޝެއާ

ޢަލީ ޝަހީމް

ސަރ އެލެކްސް ފާގަސަންގެ ދުވަސްވަރު މެންޗެސްޓަރ ޔުނައިޓެޑުން ގިނަ ތަށިތަކެއް ހޯދިޔަސް އެކަން ކުރަން މިހާރު ފަސޭހަ ނޫންކަމަށް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

ޔުނައިޓެޑްގެ ކޯޗުކަމުގައި ހޭދަކުރި 26 އަހަރާއި ބައިގެ މުއްދަތުގައި ފާގަސަން ވަނީ އެޓީމަށް 38 ތަށި ކާމިޔާބުކޮށްދީފަ އެވެ. ފާގަސަންގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ އެ މުއްދަތުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 13 ފަހަރު ހޯދުމެވެ. އެކަމަކު 2013 ވަނަ ވަނަ އަހަރު ފާގަސަން ޔުނައިޓެޑް ދޫކޮށްލި ފަހުން މިދިޔަ ހަތް އަހަރުތެރޭ ޔުނައިޓެޑަށް ލިބިފައިވަނީ ތިން ތައްޓެވެ.

Advertisement

“ތެދަށް ބުނަންޏާ ތަށި ހޯދުމަކީ މިހާރު މާ އުނދަގޫ ކަމެއް” ޔުނައިޓެޑްގެ ކާމިޔާބީއާ ގުޅޭގޮތުން ސުވާލުކުރުމުން ކުރިން ޔުނައިޓެޑަށް މުހިއްމު ގޯލުތަކެއް ޖަހައިދިން ސޯލްޝެއާ ބުންޏެވެ.

ފާގަސަން ކްލަބް ދޫކޮށްލި ފަހުން ޔުނައިޓެޑަށް ކާމިޔާބުކުރެވުނީ، 2016 ވަނަ އަހަރުގެ އެފްއޭ ކަޕާއި 2017 ވަނަ ވަނަ އަހަރުގެ ޔޫއެފާ ޔޫރޮޕާ ލީގު އަދި ލީގު ކަޕެވެ.

ތައްޓާއި ގުޅުވައިގެން ސޯލްޝެއާއާ ސުވާލުތައް ކުރިމަތިވީ މީގެ ދެ ދުވަސް ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ވާދަވެރި ލިވަޕޫލުން ކަށަވަރުކުރުމުންނެވެ. 30 އަހަރަށް ފަހު އިނގިރޭސި ލީގުގެ ޗެމްޕިއަންކަން 19 ވަނަ ފަހަރަށް ލިވަޕޫލަށް ލިބުނީ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓަރ ސިޓީ 2-1 އިން ބަލިވުމުންނެވެ.

“އަހަރެމެންނަށް އަބަދުވެސް ޗެލެންޖުތައް އޮތް. އެއީ އާސެނަލް ވިޔަސް ޗެލްސީ ވިޔަސް އަދި ލިވަޕޫލް ވެސް. އެކަމަކު މި ހުރިހާ ދުވަހު އެންމެ ބޮޑު ޗެލެންޖެއް ދެމުން އައީ މިތަނުން ޓީމެއް. ތިން ވަނައިގައި ލީގު ނިންމާލުމަކީ އޭރު އާދަޔާހިލާފު ކަމެއް. އެކަމަކު މިހާރު އެބައޮތް މަދުވެގެން ވާދަވެރި ހަތަރު ޓީމު. ލީގާއި ކަޕްތަކަށް ފަސް ވަރަކަށް ޓީމު އެބަ ވާދަކުރޭ” އިނގިރޭސި ފުޓްބޯޅައިގެ ވާދަވެރިކަން އިތުރުވެ ތަށި ހޯދުމުގައި އުނދަގޫތަކެއް ހުރިކަން ފާހަގަކުރަމުން ސޯލްޝެއާ ބުންޏެވެ.

ސޯލްޝެއާ ބުނީ އެހެން ޓީމަކުން ތައްޓެއް ކާމިޔާބުކުރުމަކީ ޔުނައިޓެޑާ ގުޅުން ހުރި އެންމެންނަށް ވެސް އަސަރުތަކެއް ކުރުވާނެ ކަމެއް ކަމަށެވެ. ސޯލްޝެއާ މިހެން ބުނީ ވާދަވެރި ލިވަޕޫލުން ލީގު ކާމިޔާބުކުރުމާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

ސޯލްޝެއާގެ ޔުނައިޓެޑް އަންނަނީ މި ސީޒަނުގެ ލީގުގެ ގަދަ ހަތަރަކުން ފުރުސަތު ހޯދައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވާން މަސައްކަތް ކުރަމުންނެވެ. ލީގު ޓާގެޓްގެ އިތުރުން އެފްއޭ ކަޕާއި ޔޫރޮޕާ ލީގު އެޓީމަށް އެބައޮތެވެ. ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުން ގާތްގަނޑަކަށް މިހާރު ފުރުސަތު ހޯދާފައިވާއިރު އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ރަށުން ބޭރުގައި ޔުނައިޓެޑުން މިރޭ ނުކުންނާނީ ނޯވިޗް ސިޓީއާ ދެކޮޅަށެވެ.

މިރޭގެ މެޗަށް ނުކުންނައިރު ޔުނައިޓެޑް އޮތީ ރަނގަޅު ފޯމެއްގަ އެވެ. އެންމެ ފަހުން ކުޅުނު 13 މެޗުން އެޓީމު ބަލިވެފައިނުވާއިރު މިއީ މޮރީނިއޯގެ ފުރަތަމަ ސީޒަނުގައި ބަލިނުވެ 17 މެޗު ހަމަކުރި ފަހުން އެޓީމުގެ އެންމެ ރަނގަޅު ރެކޯޑެވެ. އެޓީމުގެ ނަތީޖާތައް ރަނގަޅުވީ ޖެނުއަރީ މަހު އެޓީމާ ގުޅުނު ޕޯޗުގަލްގެ ބްރޫނޯ ފެނާންޑޭސް ދައްކަން ފެށި މޮޅު ކުޅުމާއެކު އެވެ. އަދި، މިހާރު ޕައުލް ޕޮގްބާ ފިޓްވެ ކުޅެން ފެށުމާއެކު ޓީމު އިތުރަށް ވަނީ ވަރުގަދަވެފަ އެވެ.

ޔުނައިޓެޑުން މިހާރު އަންނަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން މަޝްހޫރު ބައެއް ކުޅުންތެރިންނަށް ފާރަލަމުންނެވެ. އެޓީމުން އެންމެ ޝައުގުވެރިވާ ކުޅުންތެރިއަކީ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ އިންގްލެންޑުގެ ޒުވާން ތަރި ޖޭޑޮން ސަންޗޯ އެވެ. ސޯލްޝެއާ ބުނީ ކޮވިޑް-19 ގެ ސަބަބުން ކްލަބްތައް ނިކަމެތިވި ނަމަވެސް ޔުނައިޓެޑް އޮތީ މާލީގޮތުން ވަރުގަދަކޮށް ކަމަށެވެ. އެކަމަކު އެހެން ޓީމުތަކެކޭ އެއްގޮތަށް އެޓީމަށް ވެސް ގެއްލުންތަކެއް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސޯލްޝެއާ ބުންޏެވެ. ކުޅުންތެރިން ގެނައުމާ ގުޅޭގޮތުން ވާހަކަދެއްކުމުގެ ބަދަލުގައި ސޯލްޝެއާގެ ވިސްނުން ހުރީ މި ސީޒަނުގައި ރަނގަޅު ހިސާބެއްގައި ނިންމާލުމަށެވެ.

“އެންމެ ފުރަތަމަ ބަލަންވީ ސަޕޯޓަރުންނަށް ދަނޑަށް ވަދޭވޭނެ ގޮތެއް ހޯދުން. އަނެއްކޮޅުން މި ސީޒަނުގެ ލީގުގައި ޔުނައިޓެޑް ނިންމާލާ ހިސާބެއް މިހާރު މިވަނީ މުހިއްމުވެފަ. ތައްޓެއް ލިބެން އޮތްނަމަ ޔޫރޮޕާ ލީގު ހޯދައިގެން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ދެވޭނެ. އެކަމަކު ކުރިއަށް އޮތް ތިނެއް ނޫނީ ހަތަރު މަސް ދުވަހަކީ އުނދަގޫ ދުވަސްތަކެއް” ސޯލްޝެއާ ބުންޏެވެ.

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ޔުނައިޓެޑުން މިރޭ ނޯވިޗް ސިޓީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ 21:30 ގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *