ފަސޭހަ މޮޅަކާ އެކު ޔުވެންޓަސް އަށް ހަތް ޕޮއިންޓުގެ ލީޑެއް

Advertisement

ފަސޭހަ މޮޅަކާ އެކު ޔުވެންޓަސް އަށް ހަތް ޕޮއިންޓުގެ ލީޑެއް

ޢަލީ ޝަހީމް

އިޓާލިއަން ލީގުގައި ރޭ ލެއްޗޭ އަތުން 4-0 އިން ހޯދި ފަސޭހަ މޮޅާއެކު ލީގުގެ އެއް ވަނައިގައި ޔުވެންޓަސް އިން ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

އަމިއްލަ ދަނޑުގައި ހޯދި މޮޅާއެކު ޔުވެންޓަސް ލީގުގެ އެއް ވަނައިގައި އޮތީ 28 މެޗުން 69 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތީ 27 މެޗުން 62 ޕޮއިންޓް ލިބިފައިވާ ލާޒިއޯ އެވެ. ތިން ވަނައިގައި 27 މެޗުން 58 ޕޮއިންޓް ލިބިފައިވާ އިންޓަ މިލާން އޮތްއިރު ހަތަރު ވަނައިގައި އޮތީ 27 މެޗުން 54 ޕޮއިންޓް ލިބިފައިވާ އެޓަލާންޓާ އެވެ.

Advertisement

ތާވަލުގެ 18 ވަނައިގައި އޮތް ލެއްޗޭ އަށް ރޭ ޔުވެންޓަސް ހިފަހައްޓާލުމުގައި އުނދަގޫވީ މެޗުގެ 31 ވަނަ މިނެޓުގައި ފަބިއޯ ލޫސިއޯނީ އަށް ސީދާ ރަތް ކާޑެއް ދައްކައި ބާކީ ބައިގައި 10 ކުޅުންތެރިންނާ އެކު ކުޅެން ޖެހުމުންނެވެ. މެޗުގައި ޔުވެންޓަސްގެ ހަތަރު ގޯލު ވެސް ޖެހީ ފަހު ހާފުގަ އެވެ. ފުރަތަމަ ގޯލު 53 ވަނަ މިނެޓުގައި ޕައޮލޯ ޑިބާލާ ޖެހިއިރު ރޮނާލްޑޯ އަށް ކުރި ފައުލަކުން ލިބުނު ޕެނަލްޓީއަކުން 62 ވަނަ މިނެޓުގައި އޭނާ ވަނީ ޔުވެންޓަސް އަށް ލީޑު ފުޅާކޮށްދީފަ އެވެ. މިއީ ލީގުގައި ކުޅުނު 24 މެޗުން ރޮނާލްޑޯ މި ސީޒަނުގައި ކާމިޔާބުކުރި 23 ވަނަ ލީގު ގޯލެވެ. ލީގުގައި އެންމެ ފަހުން ބޮލޯނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ރޮނާލްޑޯ ގޯލު ޖެހީ ޕެނަލްޓީއަކުންނެވެ.

ޔުވެންޓަސްގެ ތިން ވަނަ ގޯލު މެޗުގެ 83 ވަނަ މިނެޓުގައި ރޮނާލްޑޯގެ އެހީތެރިކަމާއެކު ޖެހީ އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގުއައިން އެވެ. ޔުވެންޓަސްގެ ފަހު ގޯލު އޭގެ ދެ މިނެޓު ފަހުން ޖެހީ ޑިފެންޑަރު މަތިއެސް ޑި ލިޓް އެވެ. މިއީ ޑަގްލަސް ކޯސްޓާ ނަގައިދިން ހުރަހަކުން ބޮލުން ޑި ލިޓް ޖެހި ލަނޑެކެވެ.

ޔުވެންޓަސްއާ އެންމެ ގާތުން ވާދަކުރަމުން އަންނަ ލާޒިއޯ އިން މިއަދު ފިއޮރެންޓީނާ ބަލިކޮށްގެން އެއް ވަނައިގައިވާ ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކުރެވޭނެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *