ކޯޗިންގެ އެންމެ މަތީ ފާސް މޯހަން ހާސިލްކޮށްފި، މަރުހަބާ!

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިން ލައިސަންސް ފާސް، އޭއެފްސީ ޕްރޯ ލައިސަން ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ހާސިލްކޮށްފި އެވެ.
މޯހަން އަކީ މި ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހޯދި ރާއްޖޭގެ ދެ ވަނަ ކޯޗެވެ. އޭ ލައިސަންސަށް ފަހު އެންމެ މަތިން ނެގެން އޮން މި ކޯސް ރާއްޖޭން އެންމެ ފުރަތަމަ ފުރިހަމަކުރީ ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) އެވެ. އޭއެފްސީގެ ކޯޗިން އިންސްޓްރަކްޓަރެއްގެ އިތުރުން މޯހަން އަކީ އޭއެފްސީ ސީ ލައިސަންސް ކޯސް ކިޔަވައިދިނުމުގައި ބައެއް ގައުމުތަކުގައި މަސައްކަތް ކޮށްފައިވާ ކޯޗެކެވެ.
މޯހަން ފުޓްބޯޅައިގެ އެންމެ މަތީ ފާސް ހާސިލްކުރީ އެފްއޭއެމުން އޭނާ އަށް ހޯދަދިން ފުރުސަތެއްގަ އެވެ. މިދިޔަ އަހަރު ޖަޕާނުގައި ފެށި މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމުން މޯހަން ވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަށާއި އެފްއޭއެމްގެ ކުރީގެ ޓެކްނިކަލް ޑިރެކްޓަރު އިހްސާން އަބްދުލްގަނީ (ސާންތީ) އަށް ޝުކުރު އަދާކޮށްފަ އެވެ.
“ހަގީގަތުގައި ވަރަށް ބޮޑު ކަމެއް މި ހާސިލު ވީ، މިފުރުސަތު ތަނަވަސް ކޮށްދިނުމުގައި ބައްސާމް ކޮށްދެއްވި މަސައްކަތް ފާހަގަ ކުރަން. ދެން މި ފުރުސަތު އަޅުގަނޑަށް ލިބުނީ ސާންތީގެ އިސްނެގުމުގެ މަތިން.” އޮންލައިން ނޫސް އަވަސް އަށް ދިން އިންޓަވިއުއެއްގައި މޯހަން ބުނެފައިވެ އެވެ.
Congratulations Shiyaz Mohamed ( mohan)Congratulations for achieving AFC professional coaching diploma
Posted by Football Association of Maldives on Thursday, June 25, 2020
1997 ވަނަ އަހަރު ގައުމީ ޓީމުގެ އެސިސްޓެންޓުގެ ގޮތުގައި ކޯޗިން ކެރިއަރަށް ނުކުތް މޯހަން ވަނީ މިހާތަނަށް ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. މޯހަން ފާހަގަކުރެވެނީ ކޮންމެ ޓީމަކާއެކު ވެސް ކާމިޔާބީ ނެރޭ ކޯޗެއްގެ ގޮތުގަ އެވެ. ނުވަދިހައިގެ ފަހުކޮޅު ގައުމީ ޓީމުގެ ކޯޗިން ޓީމާ ގުޅުމަށް ފަހު މޯހަން ވަނީ 2008 ވަނަ އަހަރުގެ ނިޔަލަށް އެ މަގާމް އަދާކޮށްފަ އެވެ. ރާއްޖޭން ފުރަތަމަ ފަހަރަށް ފުޓްބޯޅައިގެ ރަން މެޑަލް ހޯދިއިރު މޯހަން ވަނީ ކޯޗިން ޓީމުގައި މުހިއްމު މަސައްކަތްތަކެއް ކޮށްފަ އެވެ.
ގައުމީ ޓީމަށް ފަހު މޯހަންގެ ކޯޗިންގައި އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދީ ނިއު ރޭޑިއަންޓުގަ އެވެ. 2012 ވަނަ އަހަރު އެ ކްލަބުން ބަލިނުވެ ދިވެހި ލީގު ކާމިޔާބުކުރީ މޯހަންގެ ކޯޗުކަމުގަ އެވެ. ލީގުގެ އިތުރުން މޯހަން ވަނީ އެ އަހަރު ނިއު އަށް ޕްރެޒިޑެންޓްސް ކަޕް ވެސް ކާމިޔާބުކޮށްދީފަ އެވެ. މޯހަންގެ ކޯޗުކަމުގައި އެ އަހަރު ނިއު ހަމައެކަނި ބަލިވީ އެފްއޭ ކަޕްގައި ސާންތީގެ އިރުޝާދުގެ ދަށުން ކުޅުނު ކްލަބް އީގަލްސް އަތުންނެވެ. ނިއުގެ އިތުރުން ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބް، ކްލަބް ވެލެންސިއާ އާއި އދ. މަހިބަދޫ ފުޓްބޯޅާ ޓީމުގެ ކޯޗުކަން ވެސް މޯހަން ވަނީ ކޮށްފަ އެވެ.
A huge Congratulations to our head coach and leader,Shiyaz Mohamed ( mohan) for achieving AFC professional coaching…
Posted by Club Eagles on Thursday, June 25, 2020
މޯހަންގެ އެންމެ ވަރުގަދަ ޗެލެންޖަކީ 2017 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ދ. ކުޑަހުވަދޫ ޓީމަށް ކޯޗުކޮށްދިނުމެވެ. އެ އަހަރުގެ މުބާރާތް އެރަށަށް ކާމިޔާބުކޮށްދީ މޯހަން ވަނީ ދިވެހި ޕްރިމިއާ ލީގަށް އެރަށް ކޮލިފައިކޮށްދީފަ އެވެ. ލީގުގައި އެރަށުގެ ނަތީޖާތައް ދަށްވި ނަމަވެސް މޯހަން ވަނީ ޒުވާން ގިނަ ކުޅުންތެރިންތަކެއް ދަނޑަށް ނެރެފަ އެވެ. ކުޑަހުވަދޫ އަށް އިރުޝާދު ދިނުމަށް ފަހު މޯހަންގެ މިހާރު ކްލަބް، އީގަލްސްއާ އޭނާ ހަވާލުވީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. މޯހަން ކޯސް ފުރިހަމަކުރީ އީގަލްސްގެ ކޯޗުކަމުގައި ހުރެގެންނެވެ. ކޯސް ފުރިހަމަކުރިއިރު ތަމްރީނުތައް ފުރިހަމަކުރުމަށް އީގަލްސްއާ ދުރުގައި ހޭދަކުރި ދުވަސްތަކުގައި، ކްލަބުން އޭނާ ވީއްލަދިނީތީ މޯހަން ވަނީ އީގަލްސް އަށް ޝުކުރުއަދާކޮށްފަ އެވެ.
މޯހަންގެ ކޯޗުކަމުގައި އީގަލްސް ވަނީ މިދިޔަ ސީޒަނުގައި ލީގުގެ ދެ ވަނަ ހޯދައި އޭއެފްސީ ކަޕްގެ ކޮލިފައިން ބުރުން އެ ކްލަބަށް ފުރަތަމަ ފަހަރަށް ފުރުސަތު ހޯދައިދީފަ އެވެ.
ކޯޗު މޯހަން ފުޓްބޯޅަ ކޯޗިން އިން ހާސިލްކުރި މަތީ ފާހަށް މި ނޫހުގެ ފަރާތުން މަރުހަބާ ކިޔަމެވެ.
Advertisement


Leave a Reply