ތަށީގައި އަތްލެވޭހާ ކައިރިއަށް ލިވަޕޫލް ޖެހިލައިފި

Advertisement

ތަށީގައި އަތްލެވޭހާ ކައިރިއަށް ލިވަޕޫލް ޖެހިލައިފި

އިބްރާހީމް ޝާހީން

ރޭ އަމިއްލަ ދަނޑުގައި 4-0 އިން ކްރިސްޓަލް ޕެލޭސް ބަލިކޮށް 30 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އިނގިރޭސި ޕްރިމިއާ ލީގު ހޯދުމާ ގާތަށް ލިވަޕޫލް ޖެހިލައިފި އެވެ.

ލީގުގެ އެއް ވަނައިގައި ލިވަޕޫލް އޮތީ 31 މެޗުން 86 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް 30 މެޗުން ލިބިފައިވަނީ 63 ޕޮއިންޓެވެ. ލީގު ޗެމްޕިއަންކަން ކަށަވަރުކުރަން ލިވަޕޫލަށް ދެން ބޭނުންވަނީ ދެ ޕޮއިންޓެވެ. އެކަމަކު މިރޭ ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުން ސިޓީ އަށް މޮޅު ނުވެވިއްޖެނަމަ ލިވަޕޫލަށް ޗެމްޕިއަންކަން ކަށަވަރުވާނެ އެވެ.
ރޭގެ މެޗް ފެށުމާ އެކު ލިވަޕޫލުން ކުރިޔަށްޖެހި ގޯލެއް ޖެހޭތޯ މަސައްކަތް ފެށިއެވެ. ކައުންޓަ އެޓޭކިން އަށް ޕްލޭން ކޮށްގެން ކުޅެމުންދިޔަ ޕެލަސްގެ ޕްލޭން ފެއިލްވީ، ކައުންޓަ އެޓޭކްގައި އެންމެ ނުރައްކާތެރި ހަތިޔާރަކަށް ބޭނުންކުރަން ހުރި ފޯވާޑް ވިލްފްރެޑް ޒަހާ އަށް އަނިޔާވެ 15 ވަނަ މިނެޓްގައި ދަނޑުން ބާލަންޖެހުމުންނެވެ.

ކޯނަރެއްގައި ކުރިޔަށް އަރާ ޑިފެންޑަރ ވާޖިލް ވެންޑައިކް އުފައްދަން އުޅުނު ހަމަލާ ހުއްޓުވުމުގެ ތެރޭގައި ޖޯޑަން އާޔޫ ކުރި ފައުލަކާ ގުޅިގެން ލިބުނު ހިލޭޖެހުމަކުން 23 ވަނަ މިނެޓުގައި ލިވަޕޫލުން ލީޑު ނެގިއެވެ. ޓްރެންޓް އަލެގްޒެންޑާ އާނޯލްޑް މި ހިލޭޖެހުން ގޯލުގެ ކަނާތްފަރާތު މަތީކަނަށް އަމާޒު ކޮށްލި ބޯޅަ ސަލާމަތް ކުރުމަށް ކީޕަރު ވޭން ހެނެސީ އަށްވެސް މާބޮޑު މަސައްކަތެއް ނުކުރެވުނެވެ.

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ނުފެނުނު މުހައްމަދު ސަލާހްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މެޗުގެ ދެ ވަނަ ގޯލް 44 ވަނަ މިނެޓުގައި އޭނާ ކާމިޔާބު ކޮށްދިނީ ފަބީނިއޯގެ ވަރަށް ބަލާލާފައި ޕެލަސް ޑިފެންސްގެ ފަހަތަށް ވައްޓާލި ބޯޅަ އަތުލުމަށްފަހު ކީޕަރަށް އެއްވެސް ފުރުސަތެއްނުދީ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ދެ ވަނަ ހާފް ފެށިގެން ވެސް ލިވަޕޫލުން އުފައްދަމުން ދިޔަ ހަމަލާތަކުގެ ތެރެއިން މެޗްގެ ތިންވަނަ ގޯލް 55 ވަނަ މިނެޓްގައި ފަބީނިއޯ ކާމިޔާބުކޮއްދިނީ ހާފް މެދާ ހިސާބުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ. މެޗުގައި ބޯލް ޕޮޒެޝަންގެ ހަތަރުބައިކުޅަ ތިންބައި ހިއްސާކުރި ލިވަޕޫލްގެ ފަހު ގޯލް 69 ވަނަ މިނެޓްގައި ސަޑިއޯ މާނޭ ކާމިޔާބު ކުރީ ސަލާހް ތަނަވަސްކޮށްދިން ހުސް ފުރުސަތެއްގަ އެވެ.

އޭގެފަހުން ގެނެވުނު ބަދަލުތަކާ އެކު ހަމަލާތައް އުފެއްދުމުގައި ޓީމުގެ ބަދަހިކަން ކުޑަވެގެން ދިޔަ ނަމަވެސް ލިވަޕޫލުން މެޗްގެ ކޮންޓްރޯލް ހިފެހެއްޓި އެވެ. އަދި މެޗް ނިމެމުންދަނިކޮށް ޒުވާން ޑިފެންޑަރު ނެކޯ ވިލިއަމްސް އާއި ސަލާހް ފޮނުވާލި ހަމަލާ ތަކުން ޕެލަސްގެ ގޯލަށް ނުރައްކާކުރި އެވެ.

ޗެލްސީ އާއި ސިޓީ ވާދަ ކުރާމެޗު މިރޭ ދަންވަރު 00:15 ގައި ފަށާއިރު ބާންލީ އާއި ވެޓްފޯޑް ބައްދަލު ކުރާ މެޗާއި ސައުތުހެމްޓަން އާއި އާސެނަލް ބައްދަލުކުރާ މެޗް 22:00ގައި ފަށާނެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *