ޔުވެންޓަސް އިން އެއް ވަނައިގައި ލީޑު ފުޅާކޮށްފި
ކޮވިޑް-19 ގެ ދިގު މެދުކެނޑުމަށް ފަހު އިޓާލިއަން ލީގުގައި ކުޅުނު ފުރަތަމަ މެޗުން ޔުވެންޓަސް މޮޅުވެއްޖެ އެވެ. ރަށުން ބޭރުގައި ރޭ ބޮލޯނިއާއާ ވާދަކޮށް ޔުވެންޓަސް އިން މެޗު ކާމިޔާބުކުރީ 2-0 އިންނެވެ.
މޮޅާއެކު ޔުވެންޓަސް އިން ވަނީ މިދިޔަ ބުދަ ދުވަހު އިޓާލިއަން ކަޕްގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ނަޕޯލީ އަތުން ބަލިވުމުގެ މާޔޫސްކަން ފިލުވާލައިފަ އެވެ. ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑަކާއެކު ޔުވެންޓަސް އޮތީ 27 މެޗުން 66 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ 26 މެޗުން 62 ޕޮއިންޓް ލިބިފައިވާ ލާޒިއޯ އެވެ. ލީގުގެ ތިން ވަނައިގައި އޮތީ އެންމެ ފަހުން ކުޅުނު މެޗު ކާމިޔާބުކޮށް 26 މެޗުން 57 ޕޮއިންޓް ހޯދާފައިވާ އިންޓަ މިލާން އެވެ. ހަތަރު ވަނައިގައި އޮތް އެޓަލާންޓާ އަށް 26 މެޗުން ލިބިފައިވަނީ 51 ޕޮއިންޓެވެ. ޔުވެންޓަސްގެ ފަހަތުން ވިއްދާފައިވާ ލާޒިއޯ އިން ލީގުގައި ބުދަ ދުވަހު ކުޅޭ މެޗުގައި ރަށުން ބޭރުގައި ނުކުންނާނީ އެޓަލާންޓާއާ ދެކޮޅަށެވެ.
ރޭގެ މެޗުގެ ފުރަތަމަ ގޯލު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ، ޔުވެންޓަސްގެ މަތިއެސް ޑި ލިޓް އަށް ބޮލޯނިއާގެ ސްޓެފާނޯ ޑެންސްވިލް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ގޯލާއެކު ރޮނާލްޑޯ ވަނީ އިޓާލިއަން ލީގުގައި މި ސީޒަނުގައި 22 ގޯލު ޖަހައިފަ އެވެ. މިދިޔަ ސީޒަން ނިމުނުއިރު ލީގުގައި ރޮނާލްޑޯ އަށް ޖެހުނީ 21 ގޯލެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުވެންޓަސް އަށް ލީޑު ފުޅާކޮށްދިން ގޯލު ކާމިޔާބުކޮށްދިނީ ޕައޮލޯ ޑިބާލާ އެވެ. އެކަމަކު މެޗުގެ އިތުރު ވަގުތުގައި ޑިފެންޑަރު ޑެނީލޯ އަށް ދެ ވަނަ ރީނދޫ ކާޑާއެކު ދެއްކި ރަތް ކާޑު ދެއްކުމުން ޔުވެންޓަސް އިން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.
މުޅި މެޗުގައި ވެސް ޔުވެންޓަސް އިން މޮޅަށް ކުޅުނުއިރު އެޓީމަށް ވަނީ ގޯލު ޖަހާނެ އިތުރު ފުރުސަތުތައް ލިބި ބޭކާރުވެފަ އެވެ. އެޓީމުގެ ފެޑެރިކޯ ބާނަޑޭސްކީ ޖެހި ބޯޅައެއް ގޯލުގެ ދަނޑިއާ އަމާޒުވިއިރު ރޮނާލްޑޯ ގޯލުގެ ތެރެއަށް ވައްދާލި ބޯޅައެއް، އެވަގުތު އޭނާ އޮފްސައިޑްގައި ހުރުމުން ވަނީ ގޯލެއް ނޫންކަމަށް ނިންމައިފަ އެވެ.
Advertisement
Leave a Reply