ނުރައްކާތެރި ފޯވާޑް ވާނާގެ ސޮއި ޗެލްސީން ހޯދައިފި

Advertisement

ނުރައްކާތެރި ފޯވާޑް ވާނާގެ ސޮއި ޗެލްސީން ހޯދައިފި

ޢަލީ ޝަހީމް

ޔޫރަޕްގައި މިވަގުތު ކުޅެމުން އަންނަ އެންމެ ނުރައްކާތެރި ފޯވާޑުންގެ ތެރޭގައި ހިމެނޭ ޖަރުމަނުގެ އާރުބީ ލައިޕްޒިގަށް ކުޅެމުން އަންނަ ޓީމޯ ވާނާ އިނގިރޭސި ޕްރިމިއަރ ލީގުގެ ކްލަބް ޗެލްސީ އަށް ބަދަލުވާން އެއްބަސްވެއްޖެ ކަން ޗެލްސީން ކަށަވަރުކޮށްދީފި އެވެ.

ޗެލްސީން މިއަދު ހާމަކޮށްފައިވާ ގޮތުގައި ވާނާގެ ސޮއި އެ ކްލަބުން ހޯދައިފައިވަނީ 47.5 މިލިއަން ޕައުންޑަށެވެ. އަދި ވާނާ ފަސް އަހަރުގެ ދުވަހުގެ މުއްދަތަށް ޗެލްސީ އަށް ބަދަލުވާން ނިންމައިފައިވާ ކަމަށާއި، އެ ކްލަބުން އޭނާ އަށް ހަފްތާއަކު 170،000 ޕައުންޑްގެ މުސާރަ އެއް ދޭން ނިންމައިފައިވާ ކަމަށް ޗެލްސީން ހާމަކޮށްފައި ވެއެވެ. ވާނާ ޗެލްސީ އަށް ބަދަލުވާން ހަމަޖެހިފައިވަނީ އަންނަ މަހު އެވެ.

24 އަހަރުގެ ވާނާ އަކީ ޔޫރަޕްގައި މިހާރު އެންމެ ވިދުންގަދަ އެއް ތަރި އެވެ. މި ސީޒަނުގައި ވާނާ ވަނީ ލައިޕްޒިގަށް ކުޅުނު 43 މެޗުގައި 32 ގޯލު ޖަހައި އަދި 13 ގޯލް ޖަހަން އެހީތެރިވެދީފަ އެވެ. އަދި، ވާނާގެ އެހީތެރިކަމާއެކު އެޓީމު މިހާރު ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ވެސް ދަތުރުކޮށްފަ އެވެ. ވާނާގެ ފަރާތުން ފެންނަ މޮޅު ކުޅުމާއެކު ޔޫރަޕްގެ ބޮޑެތި ކްލަބްތަކުގެ ތެރެއިން ބަޔާން މިއުނިކާއި، ރެއާލް މެޑްރިޑް އަދި ޔޫރަޕްގެ ޗެމްޕިއަން ލިވަޕޫލުން ވެސް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. ޖަރުމަނު ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 29 މެޗުގައި ވާނާ ވަނީ 11 ގޯލު ޖަހައިފަ އެވެ.

ވާނާ ގެންދަން މިދިޔަ ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ވެސް ބައެއް ކްލަބްތަކުން ވަނީ މަސައްކަތްކޮށްފަ އެވެ. އޭރު ވާނާގެ އަގު ހުރީ މިހާރުގެ އަގަށް ވުރެ 23 މިލިއަން ޕައުންޑް ދަށުގަ އެވެ. ޖެނުއަރީ މަހު ވާނާ ކްލަބް ބަދަލުނުކުރީ ޗެމްޕިއަންސް ލީގުގައި ލައިޕްޒިގްއާ އެކު ރަނގަޅު ހިސާބަކަށް ދިއުމުގެ އިތުރުން ޖަރުމަނު ލީގުގެ ޗެމްޕިއަންކަމަށް ވާދަކުރުމަށެވެ. ޖަރުމަނު ލީގުގައި ލައިޕްޒިގް މިހާރު އޮތީ ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑުގެ ފަހަތުން ތިން ވަނައިގަ އެވެ.

ވާނާ ހޯދުމުގެ މަސައްކަތް ޗެލްސީން ކާމިޔާބުކޮށްފައިވާއިރު އެ ކްލަބަށް މިހާރު އެންމެ މުހިއްމީ ރަނގަޅު ފެންވަރުގެ ފޯވާޑެކެވެ. ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ދާދިފަހުން ބުނީ މިދިޔަ ޖެނުއަރީ މަހު ކްލަބުން ބޭނުންވި ބައެއް ކުޅުންތެރިން ގެނެވިފައިނުވާތީ އެންމެ އަވަހަށް ހުޅުވޭ ޓްރާންސްފާ ބާޒާރުގައި ޓީމަށް ބަދަލުތަކެއް ގެންނަން ބޭނުންވާކަމަށެވެ. ޖެނުއަރީ މަހު ޗެލްސީން ވަނީ ޕީއެސްޖީގެ އެޑިންސަން ކަވާނީ އާއި ނަޕޯލީގެ ފޯވާޑް ޑްރިސް މާޓެންސް ގެންނަން މަސައްކަތްކޮށްފަ އެވެ.

ޗެލްސީގެ ފޯވާޑް ލައިން މި ސީޒަނުގައި ބަލަހައްޓަނީ އިނގިރޭސި ޒުވާން ފޯވާޑް ޓަމީ އަބްރަހަމް އެވެ. އެޓީމުގެ ފްރާންސް ފޯވާޑް އޮލިވިއޭ ޖިރޫޑް މިދިޔަ މެއި މަހު ވަނީ ކްލަބްގައި އިތުރު އެއް އަހަރު މަޑުކުރަން ނިންމައިފަ އެވެ. އަބްރަހަމް އާއި ޖިރޫޑްގެ އިތުރުން ޗެލްސީގެ ކުރި ބަލަހައްޓާ ތިން ވަނަ ކުޅުންތެރިއަކީ ބެލްޖިއަމްގެ ފޯވާޑް މިޝީ ބަޓްޝުއާޔީ އެވެ. އެކަމަކު މި ސީޒަނަށް ފަހު ބަޓްޝުއާޔީ ޗެލްސީ ދޫކޮށްލުމުގެ ފުރުސަތު ބޮޑެވެ. ޗެލްސީން އެންމެ ފަހުން ސޮއި ހޯދި ކުޅުންތެރިއަކީ އަޔަކްސްގެ ހަކީމް ޒިޔެކް އެވެ. މިދިޔަ ފެބްރުއަރީ މަހު ޒިޔެކް ޗެލްސީ އަށް ބަދަލުވީ 37 މިލިއަން ޕައުންޑަށެވެ. އެކަމަކު ޗެލްސީން ޒިޔެކް ފެންނާނީ ކުރިއަށް އޮތް ސީޒަނުގަ އެވެ.

 

އިނގިރޭސި ޕްރިމިއަރ ލީގަށް ބަދަލުވުމުގެ ޝައުގުވެރިކަން ވާނާ މީގެ ކުރިން ހާމަކޮށްފައިވާއިރު އޭނާ ގުޅުމުގެ ފުރުސަތު އެންމެ ބޮޑީ ލިވަޕޫލާ ކަމަށް ކުރިން ބައެއް މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވެ އެވެ. ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވާނާ އަށް ޝައުގުވެރިކަން ހުންނައިރު މިދިޔަ ފެބްރުއަރީ މަހު ޖަރުމަނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވާނާ ވަނީ ލިވަޕޫލް ބަދަލުވުމުގެ ފުރުސަތު އޮތްކަމަށް ބުނެ ހިންޓެއްވެސް ދީފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *