ޔުވެންޓަސް ބަލިކޮށް ނަޕޯލީ އިޓާލިއަން ކަޕް ކާމިޔާބުކޮށްފި
ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 4-2 އިން ވަރުގަދަ ޔުވެންޓަސް ބަލިކޮށް ނަޕޯލީ އިން އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ. ރޭ އިޓަލީގެ ރޯމްގައި ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ނިމުނީ ދެޓީމު 0-0 އިން އެއްވަރުވެގެންނެވެ.
މިއީ، އިޓާލިއަން ކަޕް ނަޕޯލީން ކާމިޔާބުކުރި ހަ ވަނަ ފަހަރެވެ. މި ކާމިޔާބީއަކީ ކޯޗެއްގެ ގޮތުގައި 42 އަހަރުގެ ޖެނާރޯ ގަޓޫސޯ އަށް ލިބުނު ފުރަތަމަ ތައްޓެވެ. އޭސީ މިލާނުގެ ކޯޗުކަން މިދިޔަ އަހަރުގެ މެއި މަހު ދޫކޮށްލުމަށް ފަހު ގަޓޫސޯ ނަޕޯލީއާ ހަވާލުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ނަޕޯލީން އިޓާލިއަން ކަޕް ކާމިޔާބުކުރީ ގަޓޫސޯގެ ކޯޗުކަމުގައި ކުޅުނު 17 ވަނަ މެޗުގަ އެވެ. އަނެއްކޮޅުން ވާދަވެރި ޔުވެންޓަސްގެ ކޯޗަކަށް ހުރި މައުރީޒިއޯ ސާރީ ވަނީ ކުރިން ނަޕޯލީ އަށް ކޯޗުކޮށްދީފަ އެވެ. އެކަމަކު އެޓީމަށް އިރުޝާދުދިން 147 މެޗުން ސާރީ އަށް ތައްޓެއް ލިބިފައެއްނުވެ އެވެ.
މެޗު ފެށިގެން ކުރީކޮޅު ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ބާރު ބޯޅަ ނަޕޯލީގެ ގޯލްކީޕަރު އެލެކްސް މެރެޓް ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފަ އެވެ. މި ހާފުގައި ނަޕޯލީން ވަނީ ކައުންޓަ އެޓޭކުގައި ނުރައްކާތެރި ހަމަލާތަކެއް ޔުވެންޓަސްގެ ގޯލަށް ފޮނުވާލައިފަ އެވެ. އެޓީމުގެ ލޮރެންޒޯ އިންސީނިއޭ ފޮނުވާލި ހިލޭ ޖެހުމެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު ފުރަތަމަ ހާފު ނިމުމުގެ އިންސީނިއޭ ފޮނުވާލި ހަމަލާ ދިޔައީ އަރިމަތިން ބޭރަށެވެ. މި ހާފުގެ ފަހުކޮޅު ނަޕޯލީގެ ޑިއޭގޯ ޑެއްމޭ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ޔުވެންޓަސްގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ވަނީ މަތަކޮށްފަ އެވެ.
ފުރަތަމާ ހާފާއި ހިލާފަށް ދެ ވަނަ ހާފުގައި ނަޕޯލީން ވަނީ މޮޅު ކުޅުމެއް ދައްކައި ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަސްވަކޮށްފަ އެވެ. މި ހާފު ފެށިގެން ކުރީކޮޅު ނަޕޯލީގެ ފަބިއަން ރުއިޒް ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތިން ދިޔައިރު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މަޓެއޮ ޕޮލިޓާނޯ ފޮނުވާލި ބޯޅަ ބުފޮން ވަނީ ހިފަހައްޓައިފަ އެވެ. އޭގެ އިރުކޮޅެއް ފަހުން ޕޮލެންޑުގެ ފޯވާޑް އަކާޑިއުސް މިލިކަށް ހުސްކޮށް ގޯލަށް ޖަހަން ލިބުނު ބޯޅަ ފޮނުވާލުމުން ދިޔައީ މާ މަތިންނެވެ. މެޗުގެ އިތުރު ވަގުތުގައި ނަޕޯލީގެ ސާބިއާ ޑިފެންޑަރު ނިކޮލާ މަކްސިމޮވިޗް ކަނަށް ފޮނުވާލި ބޯޅަ ވެސް ބުފޮން ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފަ އެވެ.
އެއްވަރުވެގެން ޖެހި ޕެނަލްޓީ ގައި ޔުވެންޓަސް އަށް ވައްދާލެވުނީ ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ އެވެ. އެޓީމުގެ ފުރަތަމަ ޕެނަލްޓީ ޕައޮލޯ ޑިބާލާ ޖެހުމުން ނަޕޯލީގެ ކީޕަރު މެރެޓް މަތަކުރިއިރު ދެ ވަނަ ޕެނަލްޓީ ޑެނީލޯ ފޮނުވާލުމުން ދިޔައީ ގޯލުގެ މަތިންނެވެ. ޔުވެންޓަސް އަށް ކާމިޔާބުކުރެވުނީ ލިއޮނާޑޯ ބޮނޫޗީ އާއި އާރޮން ރަމްސީ ޖެހި ޕެނަލްޓީތަކެވެ. ނަޕޯލީން ޗެމްޕިއަންކަން ކަށަވަރުކުރީ ފުރަތަމަ ހަތަރު ޕެނަލްޓީ ވެސް ވައްދާލައިގެންނެވެ.
އިޓާލިއަން ކަޕަށް ފަހު އިޓާލިއަން ލީގުގެ ކުޅުން އަންނަ ހޮނިހިރު ދުވަހު ފަށާނެ އެވެ.
Advertisement
Leave a Reply