ފާޓީ އާއި މެސީ ބާސެލޯނާ އަށް ލީޑް ފުޅާކޮށްދީފި

Advertisement

ފާޓީ އާއި މެސީ ބާސެލޯނާ އަށް ލީޑް ފުޅާކޮށްދީފި

ޢަލީ ޝަހީމް

17 އަހަރުގެ އަންސޫ ފާޓީ އާއި ލިއޮނަލް މެސީ ޖަހައިދިން ގޯލުތަކުން 2-0 އިން ލެގަނޭސް ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނައިގައި އަނެއްކާވެސް ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ރޭގެ މޮޅާއެކު ބާސެލޯނާ 29 މެޗުން 64 ޕޮއިންޓް ހޯދާފައިވާއިރު އެއް މެޗު މަދުން ކުޅެ ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 59 ޕޮއިންޓެވެ. އެކަމަކު ރެއާލުން ލީގުގައި މާދަމާ ރޭ އަމިއްލަ ދަނޑުގައި ވެލެންސިއާ ބަލިކޮށްގެން އެއް ވަނައިގެ ފަރަގު ދެ ޕޮއިންޓަށް ކުޑަކުރެވޭނެ އެވެ.

ރޭގެ މެޗަކީ ކޮވިޑް-19 ގެ ސަބަބުން ލީގުގެ ކުޅުން މެދުކަނޑާލިފަހުން ބާސެލޯނާއިން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ބާސެލޯނާ އަށް ލީޑު ނަގައިދިން ގޯލު ޖަހައިދިނީ ފާޓީ އެވެ. ގިނީ-ބިސާއޫ އަށް އުފަން އަދި މިހާރު ސްޕެއިނަށް ރަށްވެހިކަން ބަދަލުކޮށްފައިވާ ފޯވާޑް ތިރިތިރިން ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ކަނަށެވެ.

ފާޓީ އަކީ ބާސެލޯނާގެ ތާރީހުގައި އެންމެ ހަގު އުމުރުގައި ސީނިއާ ޓީމުން ފުރުސަތު ހޯދި ކުޅުންތެރިޔާ އެވެ. މިދިޔަ އަހަރުގެ އޮގަސްޓް 25 ވަނަ ދުވަހު ފާޓީ ބާސެލޯނާ އަށް ފުރަތަމަ މެޗު ކުޅެދިންއިރު އޭނާގެ އުމުރަކީ 16 އަހަރާއި 298 ދުވަހެވެ. ފުރަތަމަ ސީޒަނުގައި ފާޓީ ވަނީ ލީގުގައި މިހާތަނަށް ކުޅުނު 17 މެޗުގައި ފަސް ގޯލު ޖަހައިފަ އެވެ. މި ފަސް ގޯލު ފާޓީ ކާމިޔާބުކުރީ ގޯލާ އަމާޒުކުރި 10 ހަމަލާއިންނެވެ. އާއިލާއާ އެކު އުމުރުން ހަ އަހަރުގައި ސްޕެއިނަށް ބަދަލުވުމަށް ފަހު ފާޓީ ބާސެލޯނާގެ އެކެޑަމީއާ ގުޅުނީ 2012 ވަނަ އަހަރު އެވެ.

ރޭގެ މެޗުގައި މެސީ ހުއްޓުވަން ލެގަނޭސް ޑިފެންޑަރު އުނާއި ބުސްޓިންޒާ މަސައްކަތްކުރަނީ. މި ފޮޓޯ ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފައި

މެޗުގެ 69 ވަނަ މިނެޓުގައި ބާސެލޯނާގެ ލީޑު ފުޅާކޮށްދިން ގޯލު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން މެސީ އެވެ. މެޗުގައި ބާސެލޯނާ އަށް ޕެނަލްޓީ ލިބުނީ ލެގަނޭސްގެ ރުބެން ޕެރޭޒް މެސީ އަށް ފައުލް ކުރުމުންނެވެ. މިއީ ފުޓްބޯޅަ ކެރިއަރުގައި ކްލަބާއި ގައުމު ހިމެނޭ ގޮތަށް މެސީ ޖެހީ 699 ވަނަ ގޯލެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *