ޔުވެންޓަސް އިޓާލިއަން ކަޕްގެ ފައިނަލަށް

Advertisement

ޔުވެންޓަސް އިޓާލިއަން ކަޕްގެ ފައިނަލަށް

ޢަލީ ޝަހީމް
ޔުވެންޓަސް އަށް ލިބުނު ޕެނަލްޓީ ރޮނާލްޑޯ ފޮނުވާލަނީ. އަމާޒުވީ ގޯލުގެ ތިރީ ދަނޑިއަށް

އިޓާލިއަން ކަޕްގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގްގައި މިރޭ އޭސީ މިލާނާ 0-0 އިން އެއްވަރުކޮށް ޔުވެންޓަސް އިން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ. މި ނަތީޖާއާ އެކު ޔުވެންޓަސް އިން އިޓާލިއަން ކަޕްގެ ފައިނަލަށް ދަތުރުކުރީ މިލާނާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގްގެ މެޗު 1-1 އިން އެއްވަރުވުމުން އަވޭ ގޯލުގެ އުސޫލުން ކުރި ލިބިގެންނެވެ.

ޔުވެންޓަސްއާ ދެކޮޅަށް ފައިނަލުގައި ނުކުންނާނީ އިންޓަ މިލާނާއި ނަޕޯލީ ވާދަކުރާ ސެމީ ފައިނަލުން ކުރި ހޯދާ ޓީމެކެވެ. މި ދެޓީމު އިންޓަގެ ދަނޑުގައި ވާދަކުރި ފުރަތަމަ ލެގްގެ މެޗު 1-0 އިން ކާމިޔާބުކުރީ ނަޕޯލީ އެވެ. މާދަމާ ރޭ އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގްގެ މެޗުން ބަލިނުވެ ފަރުޖައްސާލައިގެން ވެސް ނަޕޯލީ އަށް ފައިނަލުގެ ދެ ވަނަ ޖާގަ ކަށަވަރުވާނެ އެވެ.

މިރޭގެ މެޗަށް ޔުވެންޓަސް ނުކުތްއިރު އެޓީމުގެ ގޮންޒާލޯ ހިގުއައިން އާއި ޖިއޯޖިއޯ ކިއެލީނީ އަދި އާރޮން ރަމްސީ ތިބީ އަނިޔާގަ އެވެ. ކޮވިޑް-19 އަށް ފަރުވާ ހޯދި ޕައޮލޯ ޑިބާލާ އާއި ބްލައިސް މަޓުއިޑީ އަށް ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީ ވަނީ މިރޭ ފުރަތަމަ އެގާރައިން ފުރުސަތުދީފަ އެވެ. ޑިބާލާ އާއި މަޓުއިޑީގެ އިތުރުން ކޮވިޑް-19 ގެ ތަޖުރިބާކުރި ޔުވެންޓަސްގެ ޑެނިއެލް ރުގާނީ މިރޭ އިނީ ބެންޗުގަ އެވެ. އަނިޔާގެ ސަބަބުން މިލާންގެ ތަޖުރިބާކާރު ފޯވާޑް ޒަލަޓަން އިބްރަހިމޮވިޗް މެޗުގައި ނުކުޅެ އެވެ.

މެޗުގެ ބޮޑުބައެއް ޑޮމިނޭޓްކޮށްގެން ޔުވެންޓަސް އިން ކުޅުނު ނަމަވެސް އެޓީމަށް ދިމާވީ ގޯލު ޖެހުމުގެ މައްސަލަ އެވެ. ފުރަތަމަ ހާފު ފެށިގެން 16 ވަނަ މިނެޓުގައި ޔުވެންޓަސް އަށް ޕެނަލްޓީއަކުން ލީޑު ނަގަން ލިބުނު ފުރުސަތު ވަނީ ބޭކާރުވެފަ އެވެ. މިލާންގެ ކުޅުންތެރިއަކު އޭރިޔާ ތެރެއިން އަތުން ޖެއްސި ކަމަށް ބުނެ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ރެފްރީ ދިން ޕެނަލްޓީ ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލުމުން އަމާޒުވީ ގޯލުގެ ތިރީ ދަނޑިއަށެވެ. މި ޕެނަލްޓީ އަށް ފަހު މިނެޓެއް ނުވަނީސް މިލާންގެ ކްރޮއޭޝިއާ ފޯވާޑް އަންޓޭ ރެބިޗް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާ އަށް ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. ރެބިޗަށް ރަތް ކާޑު ދެއްކީ ޔުވެންޓަސްގެ ޑެނީލޯގެ ބޯޅަ ހޯދަން އެރިވަގުތު ފައިގެ ދަށް ފުށުން މެޔަށް ޓެކުލް ކުރުމުންނެވެ. މެޗުގެ ނަތީޖާ ހަމަހަމަ ވާން ދިއުމުން މިލާނުން ވަނީ ކުރިއަށް ޖެހި ގޯލެއް ޖަހަން މަސައްކަތްކޮށްފަ އެވެ. އަނެއްކޮޅުން މެޗުގެ ފަހުކޮޅު ޔުވެންޓަސް އިން ފެނުނީ ބަދަލުކުޅުންތެރިންނާއެކު ގޯލެއް ޖަހަން ވަރަށް ބޮޑަށް މަސައްކަތް ކުރިތަނެވެ.

މިލާންގެ ދަނޑުގައި ސެމީގެ ފުރަތަމަ ލެގްގެ މެޗު ކުޅުނީ ފެބްރުއަރީ 13 ވަނަ ދުވަހު އެވެ. ދެ ވަނަ ލެގްގެ މެޗު ފަސްކުރަން ޖެހުނީ ކޮވިޑް-19 ގެ ނުރައްކާ އިޓަލީއަށް ބޮޑުވުމުންނެވެ. މިރޭގެ މެޗަކީ ހާލަތަށް އައި ބަދަލާއެކު އިޓަލީގައި މިދިޔަ ތިން މަސްތެރޭ ކުޅުނު ފުރަތަމަ ފުޓްބޯޅަ މެޗެވެ. އިޓާލިއަން ކަޕުން އިޓަލީގެ ފުޓްބޯޅަ އަލުން ފެށިއިރު އިޓާލިއަން ލީގުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

އިޓާލިއަން ކަޕްގެ ދެ ވަނަ ސެމީގައި ނަޕޯލީ އާއި އިންޓަ ވާދަކުރާ މެޗު ފަށާނީ މާދަމާރޭ ރާއްޖެ ގަޑިން މެންދަމު 12 ޖަހާއިރު އެވެ. އިޓާލިއަން ކަޕްގެ ފައިނަލް މެޗު ރޯމްގައި ކުޅޭނީ އަންނަ ބުދަ ދުވަހު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *