ބޮޑު މެޗަކުން އިޓަލީގައި މިރޭ ފުޓްބޯޅަ އަލުން ފަށަނީ

Advertisement

ބޮޑު މެޗަކުން އިޓަލީގައި މިރޭ ފުޓްބޯޅަ އަލުން ފަށަނީ

ޢަބްދުﷲ އަޝްރަފް

ކޮރޯނާވައިރަހާ ގުޅިގެން އިޓަލީގައި ފުޓްބޯޅަ ހަރަކާތްތައް މެދުކަނޑާލައިފައި އޮތުމަށްފަހު ބޮޑު މެޗަކުން މިރޭ އަލުން ފަށަން ތައްޔާރުވެއްޖެ އެވެ. ވައިރަހުގެ ސަބަބުން މާޗް މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ފުޓްބޯޅައިގެ ހުރިހާ ހަރަކާތެއް މެދުކަނޑާލިފަހުން ކުޅޭ ފުރަތަމަ މެޗްގައި މިރޭ ބައްދަލުކުރާ ގޮތަށް ހަމަޖެހިފައިވަނީ ޔުވެންޓަސް އާއި އޭސީ މިލާނެވެ. މިއީ އިޓާލިއަން ކަޕްގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގެވެ.

ސެމީގެ ފުރަތަމަ ލެގްގައި މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު މިލާންގެ ދަނޑުގައި ޔުވެންޓަސްއާ ބައްދަލުކުރި މެޗް ނިމިފައިވަނީ 1-1 އިން އެއްވަރުވެގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗް ކުޅޭ ގޮތަށް މިހާރު ހަމަޖައްސާފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ރެ އެވެ.

ސެމީ ފައިނަލްގެ ދެ ވަނަ މެޗްގައި ވާދަކުރަނީ ނަޕޯލީ އާއި އިންޓަ މިލާނެވެ. މި މެޗްގެ ފުރަތަމަ ލެގް 0-1 އިން ނަޕޯލީ ކާމިޔާބުކޮށްފައިވާއިރު ދެވަނަ ލެގްގެ މެޗްގެ ކުޅުން އޮންނާނީ ހޮނިހިރު ދުވަހުގެ ރެ އެވެ.

އިޓަލީގެ ފުޓްބޯޅަ ސީޒަން ނިމުމުގެ ކުރިން ކޮންމެވެސް މިންވަރަކަށް ސަޕޯޓަރުން ދަނޑަށް ވައްދައިގެން މެޗްތައް ކުޅެން އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން އުއްމީދުކުރަމުން އައި ނަމަވެސް އިޓާލިއަން ކަޕް ސެމީ ފައިނަލްގެ ފަހު ލެގްގެ މެޗްތައް ކުޅޭ ގޮތަށް ހަމަޖައްސާފައިވަނީ ސަޕޯޓަރުން ނުވައްދަ އެވެ.

އިޓާލިއަން ކަޕް ސެމީ ފައިނަލްގެ ފަހު ލެގްގެ މެޗްތައް މިރޭ ފަށާއިރު މެޗްގެ 90 މިނެޓް ހަމަވާއިރު އެގްރިގޭޓް ނަތީޖާ އިން ދެ ޓީމް އެއްވަރުވެއްޖެ ނަމަ 15 މިނެޓްގެ ދެ ހާފް ކުޅުމުގެ ބަދަލުގައި ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރޭ ގޮތަށް އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން މިދިޔަ ހަފްތާގައި ވަނީ ނިންމައިފަ އެވެ.

އިޓަލީ އަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ކޮރޯނާވައިރަހުގެ ނުރައްކާ އެންމެ ބޮޑަށް ކުރި އެއް ގައުމެވެ. އެހެން ގިނަ ގައުމުތަކަށްވުރެ ކުރިން އިޓަލީގައި ވައިރަހުގެ ނުރައްކާ އާންމުވާން ފެށުމާއެކު އިޓަލީ ހިމެނެނީ ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެންމެ ފުރަތަމަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންފެށި ގައުމުތަކުގެ ތެރޭގަ އެވެ. އިޓާލިއަން ލީގްގެ މެޗްތައް މި މަހުގެ 20 ވަނަ ދުވަހު އަލުން ފަށަން ހަމަޖައްސައިފައި އޮތްއިރު އިޓަލީގައި ފުޓްބޯޅަ ހަރަކާތްތައް މެދު ކަނޑާލުމުގެ ކުރިން ލީގުގައި ކުޅުނު ހަ މެޗެއް ވަނީ ސަޕޯޓަރުން ނުވައްދައި ކުޅެފަ އެވެ.

އިޓާލިއަން ކަޕް ސެމީ ފައިނަލްގައި މިރޭ ޔުވެންޓަސް އާއި އޭސީ މިލާން ވާދަކުރާ މެޗް ފަށާ ގޮތަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *