މެސީ ފިޓްވެއްޖެ، ފުރަތަމަ މެޗުގައި ފެންނާނެ

ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލި ސްޕެނިޝް ލީގުގެ ކުޅުން އަލުން ފަށާއިރު އަންނަ ހޮނިހިރު ދުވަހު ރެއާލް މަޔޯކާއާ ދެކޮޅަށް ކުޅޭ މެޗަށް ބާސެލޯނާގެ ލިއޮނަލް މެސީ ފިޓްވާނެކަމަށް ޓީމުގެ ކޯޗު ކީކޭ ސެޓިއެން ބުނެފި އެވެ.
ލޮކްޑައުން އަށް ފަހު ފަރިތަކުރުންތައް އަލުން ފެށިއިރު މިދިޔަ ހަފްތާގައި ބާސެލޯނާގެ ބައެއް ފަރިތަކުރުންތަކުން މެސީ ފެނިފައެއްނުވެ އެވެ. އެންމެ ފަހުން ކުރިއަށް ގެންދިޔަ ދެ ޓްރެއިނިން ސެޝަން މެސީ އަށް ގެއްލުނު ނަމަވެސް ހޮނިހިރު ދުވަހުން ފެށިގެން މެސީ އަންނަނީ ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ.
“މެސީ އެކަންޏެއް ނޫން ފަރިތަކުރުންތަކުގައި ބައިވެރި ނުވަނީ އަދި އުނދަގޫކަމެއްގަ ހުރީވެސް. އެނބުރި އައިފަހުން އެންމެންނަށް ވެސް ވަނީ މި އުނދަގޫތައް ދިމާވެފަ. މެސީ އަށް ދިމާވީ އަނިޔާގެ ކުޑަ މައްސަލައެއް އެކަމަކު އެކަން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފަ. މެސީ ހުރީ ވަރަށް ރަނގަޅަށް މެޗަށް ފިޓުކޮށް” ސެޓިއެން ބުންޏެވެ.
މިދިޔަ ހުކުރު ދުވަހު ބާސެލޯނާ އިން ބުނެފައިވަނީ ފަރިތަކުރުންތަކުގައި މެސީ ބައިވެރިވާނީ ކުޑަ ދުވަސްކޮޅެއް ފަހުން ކަމަށެވެ. ރިޕޯޓުތައް ބުނާގޮތުން އަނިޔާވީ މެސީގެ ކަނާތު ފަލަމަސްގަނޑަށެވެ. އެހެންވެ ފުރަތަމަ މެޗާ ދެމެދު އޮތް 10 ވަރަކަށް ދުވަހު މެސީ އެއްކޮށް ފިޓްވުމުގެ ފުރުސަތު ކުޑަކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
މިއީ 32 އަހަރުގެ މެސީ އަށް އަނިޔާގެ މައްސަލަތައް ގިނަ ސީޒަނެކެވެ. މިގޮތުން އޮގަސްޓް މަހާއި ސެޕްޓެމްބަރު މަހާއި ދެމެދު އަނިޔާގެ ސަބަބުން ހަ ހަފްތާ މެސީ ކުޅުމާއި ދުރުގައި ހުރިއިރު އޭގެ ފަހުން އަނިޔާ ތަކުރާރުވެ އިތުރު ހަފްތާއަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހުނެވެ. އެކަމަކު އަނިޔާއިން ރަނގަޅުވުމަށް ފަހު ކުޅުނު 31 މެޗުގައި މެސީ ވަނީ 24 ގޯލު ބާސެލޯނާ އަށް ކާމިޔާބުކޮށްދީފަ އެވެ.
މެސީގެ އިތުރުން އަނިޔާއަށް ފަހު ފޯވާޑް ލުއިސް ސުއަރޭޒް ވެސް މިހާރު ވަނީ އަލުން ކުޅުމުގެ ތެރެއަށް އަންނަން ތައްޔާރުވެފަ އެވެ.
“ހީކުރި ވަރަށް ވުރެ ސުއަރޭޒްގެ ހާލަތު ރަނގަޅު. އެކަމަކު ސުވާލަކީ ދިގު މުއްދަތަކަށް ފަހު މެޗު ކުޅެން ސުއަރޭޒް ކިހާ ފިޓްތޯ. އަދި ފުރަތަމަ އެގާރައިގައި ކުޅެން އޭނާ ތައްޔާރުތޯ؟.” ސުއަރޭޒާ ގުޅޭގޮތުން ސެޓިއެން ބުންޏެވެ.
ތިން މަހުގެ މެދުކެނޑުމަކަށް ފަހު ލަލީގާގެ ކުޅުން އަލުން ފަށާނީ އަންނަ ބުރާސްފަތި ދުވަހު ސެވިއްޔާ އާއި ރެއާލް ބެޓިސް ވާދަކުރާ މެޗުންނެވެ. ލީގުގައި ކޮންމެ ޓީމަކަށް ބާކީ 11 މެޗު އޮތްއިރު ތާވަލުގެ އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑަކާއެކު އޮތީ ބާސެލޯނާ އެވެ. ދެ ވަނައިގައި ރެއާލް މެޑްރިޑް އޮތްއިރު ތިން ވަނައިގައި އޮތީ ސެވިއްޔާ އެވެ. ސެވިއްޔާއާ ޕޮއިންޓެއްގެ ފަހަތުން ހަތަރު ވަނައިގައި އޮތީ ރެއާލް ސޮސިއެޑާޑް އެވެ. ސްޕެނިޝް ލީގުގެ ކުޅުން ނިންމާލަން ކަނޑައަޅާފައިވާ ތާރީހަކީ ޖުލައި 19 އެވެ.
ސްޕެއިންގައި 242000 މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު އިއްޔެއާ ހަމައަށް މި ބަލީގައި 27136 މީހުން އެގައުމުން ވަނީ މަރުވެފަ އެވެ.
Advertisement


Leave a Reply