ބޯކޮށަން އިން ގޮތަކުން ސަންޗޯ ޖޫރިމަނާކޮށްފި
ކުޅުންތެރިން އަމަލުކުރަންޖެހޭ އުސޫލާ ހިލާފަށް، ބޮރޫޝިއާ ޑޯޓްމަންޑުގެ ޒުވާން ތަރި ޖޭޑޮން ސަންޗޯ ބޯކޮށުމުގައި އަމަލުކުރުމުން ޖަރުމަނު ފުޓްބޯޅަ ލީގުން އޭނާ ޖޫރިމަނާކޮށްފި އެވެ. ސަންޗޯ ޖޫރިމަނާ ކުރީ ބޯކޮށަށް އިންއިރު ފޭސް މާސްކް ނާޅާ އިނުމުގެ ސަބަބުންނެވެ. ސަންޗޯގެ އިތުރުން އެ ކްލަބުގެ ޑިފެންޑަރު މެނުއެލް އަކާންޖީ ވެސް ވަނީ ޖޫރިމަނާކޮށްފަ އެވެ.
ކުޅުންތެރިން ޖޫރިމަނާކުރި އަދަދު ޖަރުމަނު ލީގުން ހާމަކޮށްފައެއްނުވެ އެވެ. އެހެންނަމަވެސް އަމިއްލަ ގޭގައި މާސްކް ނާޅާ ބޯކޮށަށް 20 އަހަރުގެ ސަންޗޯ އާއި ސްވިޒަލެންޑުގެ 24 އަހަރުގެ ޑިފެންޑަރު އަކާންޖީ އިންކަން ހާމަވީ އެކުޅުންތެރިން ސޯޝަލް މީޑިއާގައި އާއްމުކުރި ފޮޓޯތަކަކުންނެވެ. އާއްމުވި ފޮޓޯގައި ސަންޗޯ އިނީ މާސްކް އަޅައިގެނެއް ނޫނެވެ. މައްސަލަ ހޫނުވީ އެހިސާބުންނެވެ.
ކޮވިޑް-19 އާއި ގުޅިގެން ޖަރުމަނުގައި ދިން ލުއިތަކާއެކު ބޯކޮށާ ތަންތަން އަލުން ހުޅުވުމުގެ ހުއްދަ ވަނީ ދީފަ އެވެ. އެކަމަކު ބޯކޮށާއިރު ކަސްޓަމަރާއި ބޯކޮށައިދޭ މީހާ ވެސް މާސްކް އަޅަން ޖެހޭނެކަމަށް ވަނީ އަންގައިފަ އެވެ. ޖަރުމަނު ލީގުން ބުނީ ސަންޗޯ އާއި އަކާންޖީ ވަނީ އާއްމު ސިއްހަތުގެ އުސޫލުތަކާއި ހިލާފުވެފައިކަމަށެވެ.
ޖޫރިމަނާކުރުމުން އިނގިރޭސި ފޯވާޑް ސަންޗޯ ވަނީ ޓްވިޓާގައި އެކަމަށް ފާޑުކިޔައިފަ އެވެ. ކުރު ޓްވީޓެއްގައި ސަންޗޯ ބުނީ ބޯކޮށަން އިން ގޮތަކުން ޖޫރިމަނާ ކުރުމަކީ ބޮޑު ޖޯކެއް ކަމަށެވެ. އެކަމަކު ސަންޗޯ ފަހުން ވަނީ އެ ޓްވީޓް ޑިލީޓް ކޮށްލާފަ އެވެ.
ޑޯޓްމަންޑުން ވަނީ ޖޫރިމަނާ ކުރި ކުޅުންތެރިންގެ ދިފާއުގައި ނުކުމެފަ އެވެ. އެ ކްލަބުން ބުނީ މާސްކް ނާޅާ ފޮޓޯއެއް ނެގުމަކީ ބުންޑަސްލީގާގެ ސިއްހަތާއި ރައްކާތެރިކަމުގެ ގަވާއިދުތައް މުގުރާލުން ނޫން ކަމަށެވެ.
ބުރާސްފަތި ދުވަހު ޑޯޓްމަންޑުގެ ސްޕޯޓްސް ޑިރެކްޓަރު މިކޭލް ޒޯކް ބުނީ ބޯކޮށުމުގައި ރައްކާތެރިކަމުގެ ގައިޑްލައިންތަކަށް އަމަލުކުރިކަމުގެ ޔަގީންކަން އެ ކްލަބުގެ ހަ ކުޅުންތެރިއަކު ދީފައިވާ ކަމަށެވެ. ޒޯކް ބުނީ ޖޫރިމަނާ ކުރި ކުޅުންތެރިންގެ މޫނުން މާސްކް ނެގީ ހަމައެކަނި ފޮޓޯ ނަގަން ކަމަށެވެ.
“ޕްރޮފެޝަނަލް ކުޅުންތެރިން ވެސް ބޯކޮށަށް ޖެހުމަކީ ސުވާލެއް އޮތް ކަމެއް ނޫން. އެކަމަކު މިހާލަތުގަ އެކަން ވެސް ކުރަން ޖެހޭނީ މެޑިކަލް އޯގަނައިޒޭޝަނަލް ކޮންސެޕްޓަށް” ޖަރުމަނު ލީގުން ބުނެފައިވެ އެވެ.
ރިޕޯޓުތައް ބުނާގޮތުން ޖޫރިމަނާ އައީ ހަމައެކަނި ފޮޓޯ އާއްމުވި ދެކުޅުންތެރިންނަށެވެ. ސަންޗޯ އާއި އަކާންޖީގެ އިތުރުން އެޓީމުގެ ރަފައެލް ގަރޭރޯ އާއި ތޯގަން ހަޒާޑް ވެސް ބޯކޮށިއިރު ގަވާއިދާ ހިލާފުވެފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އެ ކުޅުންތެރިން ޖޫރިމަނާއިން ސަލާމަތްވީ މާސްކް ނާޅާ ނަގާފައިވާ ފޮޓޯތައް އާއްމުނުވުމުންނެވެ.
Advertisement
Leave a Reply