ފްރާންސްގެ ސީޒަން އަލުން ފެށުމަށް އެދި ލިޔޯންގެ ސިޓީއެއް ސަރުކާރަށް
ކެންސަލްކޮށްފައިވާ ފްރާންސްގެ ފުޓްބޯޅަ ސީޒަން އަލުން ފެށުމަށް އެދި ލިޔޯނުން އެގައުމުގެ ސަރުކާރާއި އިދާރާތަކަށް ސިޓީއެއް ފޮނުވައިފި އެވެ. ލިޔޯންގެ ރައީސް ޖީން-މިކޭލް އައުލަސް، ފްރާންސްގެ ބޮޑުވަޒީރު އެޑޮއާޑް ފިލިޕޭ އާއި ސްޕޯޓްސް މިނިސްޓަރަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ކެންސަލްކުރި ފުޓްބޯޅަ ސީޒަން އަލުން ފެށުމާމެދު ދެ ވަނަ ވިސްނުމަކަށް މިވަގުތު ދިއުން މުހިއްމު ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ފްރެންޗް ލީގު ހިމެނޭގޮތަށް އެގައުމުގެ އެންމެ މަތީ ދެ ޑިވިޝަން ކެންސަލްކުރަން ނިންމީ އޭޕްރީލް 28 ވަނަ ދުވަހު އެވެ. މިގޮތަށް ނިންމީ ސެޕްޓެމްބަރު މަހުގެ ކުރިން ބޮޑެތި ހަރަކާތްތައް ބޭއްވުން އެގައުމުގެ ސަރުކާރުން މަނާކުރުމުންނެވެ. މި ނިންމުމާއެކު ސަރުކާރުން ބުނެފައިވަނީ ބޮޑެތި ކުޅިވަރު ހަރަކާތްތައް ވެސް އެ މުއްދަތުގައި ނުބޭއްވޭނެ ކަމަށެވެ. އެހެންވެ ދި ފްރެންޗް ލީގުން ނިންމީ ލީގު އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބަލައި ލީގު ކެންސަލް ކުރާށެވެ. ލީގު ނިންމާލިއިރު އެއް ވަނައިގައި އޮތް ޕީއެސްޖީ އަށް ވަނީ ޗެމްޕިއަންކަންދީފަ އެވެ. ލީގު ހުއްޓާލިއިރު ލިޔޯނަށް ހަތް ވަނަ ލިބުމުން އެ ކްލަބަށް ވަނީ އެތައް އަހަރަކަށް ފަހު ޔޫއެފާގެ މުބާރާތްތަކުން ފުރަތަމަ ފަހަރަށް ފުރުސަތު ގެއްލިފަ އެވެ.
ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން ކެންސަލްކުރަން ނިންމި ފުރަތަމަ ލީގަކީ ފްރާންސްގެ ލީގެވެ. އަނެއް ހަތަރު ލީގުގެ ތެރެއިން ޖަރުމަނު ލީގު މިހާރު ފަށާފައިވާއިރު ސްޕެއިން އާއި އިޓަލީ އަދި އިނގިރޭސި ވިލާތުން އަންނަނީ ލީގު އަލުން ފެށުމަށް ތައްޔާރުވަމުންނެވެ. ފްރާންސްގެ އިތުރުން ނެދަލެންޑްސް އާއި ބެލްޖިއަމުން ވެސް ވަނީ ލީގު ކެންސަލްކޮށްފަ އެވެ.
“ބުންޑެސްލީގާ ފެށީ 16 މެއި ގައި، ސްޕެއިނުން ޖޫން އަށެއްގައި މެޗުތައް ފަށާނެ، އިޓަލީ، ރަޝިއާ، ޕޯޗުގަލްގެ ކްލަބްތަކުން ޓްރެއިނިންތައް ފަށައިފި އަދި އިންގްލެންޑުން އަންނަނީ ޖޫން 19 ގެ ފަހުން ލީގު ފަށަން ތައްޔާރުވަމުން. ފްރާންސަށް ކިހިނެއް އެހާ އަވަހަށް ޕްރޮފެޝަނަލް ފުޓްބޯޅަ ހުއްޓާލާފައި ބޮޑު ގެއްލުމަކާ ދިމާއަށް ދާނީ؟” ފްރާންސްގެ ސަރުކާރަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
އައުލަސް ވިދާޅުވީ ސީޒަން ކެންސަލް ކުރުމަކީ ފްރާންސްގެ ކްލަބްތަކަށް ހީނުކުރާވަރުގެ އިގްތިސާދީ އަދި އިޖުތިމާއީ ގެއްލުމެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ. ފްރާންސްގެ ސީޒަން ކެންސަލްކުރިއިރު މިހާރު އެގައުމުގެ ސަރުކާރުން މަޝްވަރާކުރަމުން އަންނަނީ ޖޫން ދެ ވަނަ ދުވަހުން ފެށިގެން ލޮކްޑައުންއަށް ލުއިތަކެއް ދިނުމަށެވެ. ލިޔޯނުން ބުނީ ޖޫން ދެ ވަނަ ދުވަހަކީ ފްރާންސް ފުޓްބޯޅައަށް ހެދުނު ގޯސް ރަނގަޅު ކުރަން ފުރުސަތު ލިބޭ ދުވަހެއް ކަމަށާއި ސިއްހީ ޕްރޮޓޮކޯލްތައް ބޭނުންކޮށް މަޑުމަޑުން ފަރިތަކުރުންތަކަށް ފުރުސަތުދީ ސީޒަން އަލުން ފެށިދާނެ ކަމަށެވެ.
“ވަރަށް ބޮޑު ކުރިއެރުންތަކާއި އުއްމީދެއް އެދުވަހުން ލިބޭނެ. އެހެންވީމަ ފްރާންސުން މަޑުމަޑުން ކަންކަން ރަނގަޅުކޮށް ފުޓްބޯޅަ ސީޒަން ޖުލައި ނޫނީ އޮގަސްޓް މަސްތެރޭ ފެށިދާނެ” ސިޓީގައި ބުނެފައިވެ އެވެ.
ފްރާންސްގެ ފުޓްބޯޅަ ސީޒަން ކެންސަލްކުރުމުން ލިޔޯންގެ އިތުރުން ރެލިގޭޓްވި އެމިއެންސް އާއި ޓުލޫސް އިން ވަނީ ނިންމުން ބަލައިނުގަންނާނެ ކަމަށް ބުނެފަ އެވެ. އަދި، އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫއެފާ ޔޫރޮޕާ ލީގުން ފުރުސަތު ގެއްލުމުން މާލީގޮތުން ލިބޭ ބަދަލު ހޯދަން ލިޔޯނުން މިހާރު ވަނީ ކޯޓަށް ދާން ނިންމައިފަ އެވެ. މީގެ ކުރިން އައުލަސް ވިދާޅުވީ އެކްލަބަށް މާލީ ބޮޑު ގެއްލުމެއް ކުރިމަތިވީ ފްރާންސްގެ ފުޓްބޯޅަ ސީޒަން ފުރިހަމަނުކުރުމުން ކަމަށެވެ.
Advertisement
Leave a Reply