ބޮޑު މެޗަކަށް ފުޓްބޯޅަ ސަޕޯޓަރުން ކުރި އިންތިޒާރަށް މިރޭ ނިމުން އަންނަނީ

Advertisement

ބޮޑު މެޗަކަށް ފުޓްބޯޅަ ސަޕޯޓަރުން ކުރި އިންތިޒާރަށް މިރޭ ނިމުން އަންނަނީ

ޢަލީ ޝަހީމް
ބަޔާންގެ ލެވަންޑޯސްކީ (ކ) އާއި ޑޯޓްމަންޑުގެ ޒުވާން ފޯވާޑް ހާލަންޑް. މިރޭގެ މެޗުގައި މި ދެކުޅުންތެރިން ފެންނާނެ.

ކޮވިޑް-19 އާއި ގުޅިގެން މުޅި ދުނިޔޭގައި ކުޅިވަރު ހަރަކާތްތައް ހުއްޓާލާފައި އޮތުމަށް ފަހު މީގެ ހަފްތާއެއްހާ ދުވަސްކުރިން ޖަރުމަނު ބުންޑަސްލީގާ ފެށުން ވެގެންދިޔައީ ފުޓްބޯޅަ ސަޕޯޓަރުންނަށް ލިބުނު އުފާވެރި ހަބަރަކަށެވެ. ސަޕޯޓަރުން ނުވައްދައި ޖަރުމަނު ލީގުގެ ކުޅުން ކުރިއަށް ގެންދާއިރު މެޗުތަކުގެ ފޯރި ކުޑަ ނަމަވެސް މުޅި ދުނިޔޭގެ ސަމާލުކަން މިހާރު ހުއްޓިފައިވަނީ އެ ލީގުގެ މެޗުތަކަށެވެ. ޖަރުމަނު ލީގުގެ ތާވަލަށް ބަލާއިރު މިރެއަކީ އެންމެ ފޯރިގަދަ އެއް މެޗު ކުޅޭނެ ރެ އެވެ. އެތައް ދުވަހަކަށް ފަހު މިއީ ވާދަވެރި ބޮޑު މެޗެއް ބަލާލުމުގެ ފުރުސަތު ސަޕޯޓަރުންނަށް ލިބޭ ރެ އެވެ. ލީގުގެ ދެ ވަނައިގައި މިވަގުތު އޮތް ބޮރޫޝިއާ ޑޯޓްމަންޑުން މިރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ ލީގުގެ އެއް ވަނައިގައި އޮތް ބަޔާން މިއުނިކާ ދެކޮޅަށެވެ.

ދެމަހަށް ފަހު އަލުން ކުޅެން ފެށި ޖަރުމަނު ލީގުގެ އެއް ވަނައިގައި މިވަގުތު ބަޔާން އޮތީ 27 މެޗުން 61 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް 27 މެޗުން ލިބިފައިވަނީ 57 މެޗެވެ. ބަޔާން އަތުން މޮޅުވެއްޖެނަމަ ޑޯޓްމަންޑަށް އެއް ވަނައިގެ ފަރަގު ޕޮއިންޓަކަށް ކުޑަކުރެވޭނެ އެވެ. މޮޅު ނުވަތަ އެއްވަރުކޮށްލައިގެން ބަޔާނަށް އެއް ވަނައިގައި ހަމަޖެހިލެވޭނެ އެވެ. އެހެންނަމަވެސް ޑޯޓްމަންޑަށް އޮތް މާޔޫސް ކަމަކީ އާއްމުކޮށް 82،000 ސަޕޯޓަރުންނާއެކު ފުރާލާ އެ ކްލަބުގެ ދަނޑު މިރޭ ހުސްކޮށް އޮންނާނެ ކަމެވެ. އަމިއްލަ ސަޕޯޓަރުން ކުރިމަތީ ޑޯޓްމަންޑަކީ ތަފާތު މޮޅު ކުޅުމެއް ދައްކައި މަޝްހޫރު ބޮޑެތި ޓީމުތަކަށް ލަނޑުދީފައިވާ ޓީމެކެވެ.

Advertisement

ޖަރުމަނު ލީގު އަލުން ފެށިފަހުން ކުޅުނު 18 މެޗުގެ ތެރެއިން 10 މެޗު ނިމުނީ އަވޭ ޓީމު މޮޅުވެގެންނެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި މިއީ ދަނޑަށް ސަޕޯޓަރުންނަށް ނުވަދެވޭތީ އަންނަ ތަފާތެވެ. ބަޔާނުން މިސީޒަނުގެ ލީގުގެ ފުރަތަމަ ބުރުގެ މެޗުގައި 4-0 އިން ޑޯޓްމަންޑް ބަލިކުރީ 75،000 ސަޕޯޓަރުން ކުރިމަތީގަ އެވެ. ބަޔާންގެ ކޯޗު ހަންސީ ފްލިކް ބުނީ މި މެޗަށް ނުކުންނައިރު ފެންނާނެ އެންމެ ބޮޑު އުނިކަމަކީ ސަޕޯޓަރުންނަށް ދަނޑަށް ނުވަދެވުމެވެ.

“ކޯޗެއްގެ ގޮތުގައި ބުނެވޭނީ ސަޕޯޓަރުން ނެތުމަކީ ވަރަށް ބޮޑު އުނިކަމެކޭ. ދަނޑުގެ މާހައުލުން ކޮންމެ ޓީމަކަށް ވެސް ހިތްވަރު ލިބޭނެ. ދެން އޮތީ ސަޕޯޓަރުން ނުލައި މިކަން ކުރާނެ ގޮތެއް ބެލުން. ބަހަނާ ދެއްކުމުގެ ބަދަލުގައި އޮތީ މިހާރުގެ ހާލަތު ގަބޫލުކުރުން” މިރޭގެ މެޗުގެ ކުރިން ބަޔާންގެ ކޯޗު ފްލިކް ބުންޏެވެ.

ލީގު އަލުން ފެށިފަހުން ކުޅުނު ދެ މެޗުން ވެސް ޑޯޓްމަންޑާއި ބަޔާނުން ވަނީ ކާމިޔާބުކޮށްފަ އެވެ. ފުރަތަމަ މެޗުގައި ޑޯޓްމަންޑުން 4-0 ގެ ނަތީޖާއަކުން ޝާލްކޭ ބަލިކުރިއިރު މިދިޔަ ހޮނިހިރު ދުވަހު އެޓީމުން ވަނީ ރަށުން ބޭރުގައި 2-0 އިން ވުލްފްސްބާގް ބަލިކޮށްފަ އެވެ. ބްރޭކަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި ޔޫނިއަން ބާލިން އަތުން ބަޔާން މިއުނިކް 2-0 އިން މޮޅުވިއިރު ހޮނިހިރު ދުވަހު ކުޅުނު މެޗުގައި އެޓީމުން ވަނީ 5-2 އިން އެއިންޓްރަކް ފްރެންކްފާޓް ބަލިކޮށްފަ އެވެ.

ފްލިކް ބުނީ ލީގުގެ ފުރަތަމަ ބުރުގައި ޑޯޓްމަންޑް އަތުން ހޯދި ބޮޑު މޮޅާއި މި މެޗާއި ތަފާތުތަކެއް އެބަހުރި ކަމަށެވެ.

“މެޗު ކުޅެން ޖެހޭ ހާލަތު މިއޮތީ ފުރަތަމަ މެޗާ (ދެޓީމު ވާދަކުރި) ބަލާއިރު ވަރަށް ބޮޑަށް ބަދަލުވެފަ. އަހަރެމެން މިދިޔަ މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ހޯދައި ކުޅުންތެރިން މިތިބީ މިހާރު އިތުރަށް މޯޓިވޭޓްވެފަ” ބޮޑު މެޗުގެ ކުރިން ފްލިކް ބުންޏެވެ.

ބޮޑު ދެޓީމުން މިރޭ ވާދަވެރި މެޗަކަށް ނުކުންނައިރު އެންމެ ގިނަ ބައެއްގެ ނަޒަރު ހުއްޓޭނީ ދެޓީމުގެ ފޯވާޑްގައި ކުޅޭ ކުޅުންތެރިންނަށެވެ. ބަޔާންގައި ކުރީގައި ލީޑްކުރަން ރޮބާޓް ލެވަންޑޯސްކީ ހުރިއިރު ޑޯޓްމަންޑުގައި ހުރީ، މިހާރު އެންމެ ވިދުންގަދަ އެއްތަރި އާލިން ބްރައުޓް ހާލަންޑް އެވެ. މިރޭގެ މެޗަކީ މި ދެކުޅުންތެރިންގެ ތަފާތު ފެނިގެންދާނެ މެޗެއް ކަމަށް ވެސް ގިނަ ބަޔަކު ސިފަކުރެއެވެ.

ޑޯޓްމަންޑާއި ބަޔާންއާ ވާދަކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 9:30 ގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *