ބެޔާން މިޔުނިކުން އިތުބާރާއެކު ލީޑް ދަމަހައްޓައިފި

ޖަރުމަނު ލީގުގައި މިރޭ ބެޔާން މިޔުނިކުން ފްރޭންކްފަޓާއި ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކޮށް ޓޭބަލްގެ އެއްވަނައިގައި އެ ޓީމުން ދަމަހައްޓަމުން އައި ހަތަރު ޕޮއިންޓްގެ ލީޑް އަލުން ހޯދައިފިއެވެ. އަމިއްލަ ދަނޑުގައި ބެޔާން މިއުނިކުން ފްރޭންކްފަޓާއި ދެކޮޅަށް ކުޅުނު މެޗްގެ ކުރިން ޓޭބަލްގެ ދެވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑުން ކުޅުނު މެޗް އެ ޓީމުން ކާމިޔާބުކުރުމާއެކު ބެޔާން އާއި ޑޯޓްމަންޑާއި ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަވެފައި ވަނިކޮށް ބެޔާނުން މިރޭ ކުޅުނު މެޗް ކާމިޔާބުކޮށްފައިވަނީ 2-5 އިންނެވެ.
މިރޭގެ މެޗްގައި ބެޔާން މިޔުނިކުން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗްގެ ފުރަތަމަ ހާފްގައެވެ. މެޗްގެ 17 ވަނަ މިނެޓްގައި ބެޔާން މިޔުނިކްގެ ލިއޮން ގޮރެޒްކާ އެ ޓީމުގެ ފުރަތަމަ ލަނޑުޖަހައި ލީޑް ނަގައިދިން އިރު ދެވަނަ ލަނޑު މެޗްގެ 41 ވަނަ މިނެޓްގައި ޖެހީ ތޯމަސް މުލާ އެވެ.
މެޗްގެ ދެވަނަ ހާފް ފަށައިގެން އަނެއްކާވެސް ފެނުނީ ބެޔާން މިޔުނިކުން ލަނޑެއް ޖަހައި ލީޑް އިތުރަށް ފުޅާ ކުރި ތަނެވެ. މެޗްގެ 46 ވަނަ މިނެޓްގައި އެޓީމްގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ނުރައްކާތެރި ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އެވެ. ބެޔާނުން ތިން ލަނޑުގެ ލީޑެއް ނަގައިފައިވަނިކޮށް ދެން ފެނުނީ ކުއްލިއަކަށް މެޗްގެ އޮއިވަރު ބަދަލުވި ތަނެވެ. މެޗްގެ 52 ވަނަ މިނެޓްގަ އާއި 55 ވަނަ މިނެޓްގައި ފްރޭންކަފަޓްގެ ޑިފެންޑަރު ހިންޓެންގާ ދެ ގޯލް ޖަހައި ބެޔާން މިޔުނިކް ހާސްކޮށްލީއެވެ. އެކަމަކު ވިސްނުންތެރިކަމާއެކު ކުޅެމުން އައި ބެޔާން މިޔުނިކުން މެޗްގެ ކޮންޓްރޯލް ފްރޭންކްފަޓްގެ އަތްދަށަށް ދިޔަޔަކަ ނުދިނެވެ. 61 ވަނަ މިނެޓްގައި އިތުރު ލަނޑެއް ޖަހައި ލީޑް ފުޅާކޮށް އަލުން ޓީމް ހަމަޔަކަށް އެޅުވިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލްފޮންސޯ ޑޭވިސް އެވެ. މެޗްގައި ބެޔާން މިޔުނިކުން ޖެހި ފަސް ވަނަ ލަނޑަކީ ފްރޭންކަފަޓްގެ ޑިފެންޑަރު ހިންޓެންގާގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
Advertisement


Leave a Reply