އިޓަލީ ލީގު އޮގަސްޓް 20 އަށް ނިންމަން އަމާޒު ހިފައިފި

Advertisement

އިޓަލީ ލީގު އޮގަސްޓް 20 އަށް ނިންމަން އަމާޒު ހިފައިފި

ޢަލީ ޝަހީމް

ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލާފައިވާ އިޓާލިއަން ލީގުގެ ކުޅުން އޮގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލުމަށް އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން އަމާޒުހިފައިފި އެވެ.

ކޮވިޑްގެ ނުރައްކާ އެންމެ ބޮޑު އެއް ގައުމު، އިޓަލީގެ ފުޓްބޯޅަ ސީޒަން ވައިރަހާ ގުޅިގެން މެދުކަނޑާލީ މިދިޔަ މާޗް މަހުގެ މެދުތެރޭގަ އެވެ. އިޓަލީ އިން 227,000 މީހުންނަށް ކޮވިޑް-19 ޖެހި 32،330 މީހުން އިއްޔެގެ ނިޔަލަށް ވަނީ މަރުވެފަ އެވެ. އެހެންނަމަވެސް އެގައުމުން މިހާރު އަންނަނީ މެދުކަނޑާލާފައިވާ ލީގުގެ ކުޅުން ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުންނެވެ.

އިޓަލީގެ ފެޑެރޭޝަނުން އޮގަސްޓް 20 ވަނަ ދުވަހުގެ ނިޔަލަށް ސީޒަން ނިންމަން އަމާޒުހިފިއިރު ޖެހިގެން އަންނަ ސީޒަން ފެށުމަށް ތާވަލްކޮށްފައިވަނީ ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެވެ. އެހެންކަމުން ދެ ސީޒަން ދޭތެރޭ އެ ލީގުގެ ޓީމުތަކަށް ލިބޭނީ 10 ވަރަކަށް ދުވަހެވެ. އިޓަލީގެ އިތުރުން ޔޫރަޕްގެ އެހެން ލީގުތަކުގެ ޓީމުތަކަށް ވެސް ދެ ސީޒަން ދޭތެރޭ ލިބޭނީ މަދު ދުވަސްކޮޅެކެވެ.

އިޓާލިއަން ލީގުގެ އިތުރުން އެގައުމުގެ އެފްއޭ އިން ވަނީ އޭގެ ދަށުން އޮތް ދެ ޑިވިޝަންގެ ކުޅުން ނިންމުމަށް ވެސް އަމާޒު ހިފާފަ އެވެ. އިޓަލީ ލީގުގައި އަށް ޓީމަކުން 25 މެޗު ކުޅެފައިވާއިރު ބާކީ ޓީމުތަކުން ވަނީ 26 މެޗު ކުޅެފަ އެވެ. މި ލީގުގައި ބާކީ އަދި 12 ބުރުގެ މެޗުތައް އެބައޮތެވެ. ލީގުގެ އެއް ވަނައިގައި މިވަގުތު އޮތީ ޕޮއިންޓެއްގެ ތަފާތަކާއެކު ޔުވެންޓަސް އެވެ. އެޓީމަށް 63 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި އޮތް ލާޒިއޯ އަށް ލިބިފައިވަނީ 62 ޕޮއިންޓެވެ.

އިޓަލީގެ ފެޑެރޭޝަނުން ބުނީ ތިން ޑިވިޝަނުގެ ކުޅުން ފެށުމަށް ފަހު މެދުކަނޑާލަން ޖެހިއްޖެ ނަމަ ސީޒަނުގެ ބާކީ ބައި ކަނޑައަޅާނީ ޕްލޭއޮފް މެޗުތަކެއް ކުޅެގެން ކަމަށެވެ. ޕްލޭއޮފް ކުޅެވޭނެ އިންތިޒާމެއް ހަމަނުޖެހިއްޖެ ނަމަ ސީޒަން ކެންސަލް ކުރާނެކަމަށް އިޓަލީގެ އެފްއޭ އިން ވަނީ ބުނެފަ އެވެ.

ފެޑެރޭޝަނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ތިން ވަނަ ޑިވިޝަނުގެ މެޗުތައް ނިންމާލުމެވެ. އެ ޑިވިޝަނުގައި 60 ކްލަބުން ވާދަކުރާއިރު ލީގު ކުރިއަށް ގެންދަނީ ތިން ސަރަހައްދަކަށް ބަހާލައިގެން ރީޖަނަލް ގްރޫޕްތަކެއްގެ ގޮތުގަ އެވެ. އަދި، ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް އައި ލޮޅުމާއެކު އެ ޑިވިޝަނުގެ ގިނަ ޓީމުތަކަށް މިހާރު ވަނީ މާލީ ދަތިކަން ވަރަށް ބޮޑަށް ފޯރާފަ އެވެ.

އިޓަލީގެ ފުޓްބޯޅަ ސީޒަނާ މެދު ގޮތެއް ނިންމާނީ މި މަހުގެ 28 ވަނަ ދުވަހު ބާއްވާ ބައްދަލުވުމުގަ އެވެ. މި ބައްދަލުވުމުގައި އިޓަލީ ސަރުކާރުގެ އިސްފަރާތްތަކާއި ލީގުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެކަމަށް އިޓަލީގެ ކުޅިވަރުގެ ވަޒީރު ވިޒެންޒޯ ސްޕަޑަފޯރާ ވަނީ ވިދާޅުވެފަ އެވެ.

ސްޕޯޓްސް މިނިސްޓަރު ވިދާޅުވީ މެއި 28 ވަނަ ދުވަހަކީ ސީޒަން ކުރިއަށް ގެންދޭތޯ ކަނޑައަޅާ ދުވަސް ކަމަށެވެ. އަދި، ޖޫން 15 ގެ ކުރިން ސީޒަން އަލުން ނުފެށޭނެކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *