ކެތްތެރިވެއްޖެ ނަމަ އުނދަގޫތަކުން އަރައިގަނެވޭނެ: ރޮނާލްޑޯ

Advertisement

ކެތްތެރިވެއްޖެ ނަމަ އުނދަގޫތަކުން އަރައިގަނެވޭނެ: ރޮނާލްޑޯ

ޢަލީ ޝަހީމް

އުނދަގޫތަކުން އަރައިގަތުމަށް ކެތްތެރިވުމާއި އެއްގޮތެއްގައި ދެމިތިބުން މުހިއްމުކަމަށް ބުނެ، ކޮވިޑް-19 އާއި ގުޅިގެން ނެގި ބްރޭކަށް ފަހު މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަލުން ޕްރެކްޓިހަށް ނުކުމެއްޖެ އެވެ.

ޔުވެންޓަސްގެ ޕްރެކްޓިހަށް ރޮނާލްޑޯ ނުކުތްކަން އޭނާ ކަށަވަރުކޮށްދިނީ އަންގާރަ ދުވަހު ކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގަ އެވެ.

“އަހަރެމެން ކެތްތެރިވެ އެއްގޮތެއްގައި ދެމިތިބެއްޖެ ނަމަ އުނދަގޫތަކުން އަރައިގަނެވޭނެ ގޮތެއް އަހަރެމެންނަށް ހޯދޭނެ” އަމިއްލަ ފޮޓޯއަކާއެކު ހިއްސާކުރި ޕޯސްޓުގައި އުމުރުން 35 އަހަރުގެ ރޮނާލްޑޯ ބުނެފައިވެ އެވެ.

ކޮވިޑް-19 ގެ ސަބަބުން މާޗް މަހުން ފެށިގެން އިޓަލީ ލީގުގެ ކުޅުން ވަނީ މެދުކަނޑާލައިފަ އެވެ. އެގައުމަކީ މި ބަލިމަޑުކަމުގައި އެންމެ ބޮޑު ނުރައްކަލެއްގައި އޮތް އެއް ގައުމެވެ. އިޓަލީގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެން ފެށުމުން ރޮނާލްޑޯ ވަނީ އަމިއްލަ ޖެޓްގައި އެނބުރި އަމިއްލަ ގައުމަށް ގޮސްފަ އެވެ. އެހެންނަމަވެސް އިޓަލީ ލީގުގެ ކުޅުން އަލުން ފެށޭނެ ކަމުގެ ފެހި ސިގްނަލް ސަރުކާރުން ދިނުމުން ރޮނާލްޑޯ އަލުން ޕްރެކްޓިހަށް ނުކުތީ އިޓަލީ އަށް އެނބުރި ދިއުމަށް ފަހު އެވެ. ސީޒަން މެދުކަނޑާލިއިރު ޔުވެންޓަސް އަށް ކުޅުނު 32 މެޗުގައި ރޮނާލްޑޯ ވަނީ 25 ގޯލު ޖަހައިފަ އެވެ. ލޮކްޑައުންގައި ގޭގައި ހޭދަކުރި މުއްދަތުގައި ވެސް ރޮނާލްޑޯ ވަނީ އަމިއްލަ ފަރިތަކުރުންތައް ކުރުންތައް ކުރިއަށް ގެންގޮސްފަ އެވެ.

އިޓަލީ އިން 226،000 މީހުންނަށް ކޮވިޑް-19 ޖެހި 32،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް މަރުވެފައިވާއިރު އެގައުމުގެ ލީގު އަލުން ފެށިދާނެތޯ ވަނީ ސުވާލު އުފެދިފަ އެވެ. އެހެންނަމަވެސް އިޓަލީގެ ސަރުކާރުގެ އިތުރުން އެގައުމުގެ އެފްއޭގެ އަމާޒަކީ ވެސް ސަޕޯޓަރުން ނުވައްދައި ލީގުގެ ބާކީ މެޗުތައް ނިންމާލުމެވެ. މި އަމާޒަށް ދިއުމުގެ ގޮތުން އިޓަލީ ސަރުކާރުން މިހާރު ވަނީ ކްލަބްތަކުގެ ކުޅުންތެރިން ގްރޫޕް ޕްރެކްޓިސް ކުރެވޭ ގޮތަށް ހުއްދަދީފަ އެވެ.

އިޓަލީގެ ފުޓްބޯޅަ ސީޒަނާ މެދު ގޮތެއް ނިންމާނީ މި މަހުގެ 28 ވަނަ ދުވަހު ބާއްވާ ބައްދަލުވުމުގަ އެވެ. މި ބައްދަލުވުމުގައި އިޓަލީ ސަރުކާރުގެ އިސްފަރާތްތަކާއި ލީގުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެކަމަށް އިޓަލީގެ ކުޅިވަރުގެ ވަޒީރު ވިޒެންޒޯ ސްޕަޑަފޯރާ ވަނީ ވިދާޅުވެފަ އެވެ.

ސްޕޯޓްސް މިނިސްޓަރު ވިދާޅުވީ މެއި 28 ވަނަ ދުވަހަކީ ސީޒަން ކުރިއަށް ގެންދޭތޯ ކަނޑައަޅާ ދުވަސް ކަމަށެވެ. އަދި، ޖޫން 15 ގެ ކުރިން ސީޒަން އަލުން ނުފެށޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިޓާލިއަން ފުޓްބޯލާސް އެސޯސިއޭޝަނުގެ ރައީސް ޑަމިއާނޯ ޓޮމާސީ ވަނީ ސީޒަން އަލުން ފަށާނަމަ އޭގެ ކުރިން ހަތަރު ހަފްތާ ވަންދެން ކުޅުންތެރިން ޕްރެކްޓިސް ކުރުމަށް އެދިފަ އެވެ.

“އަނިޔާތަކުން ސަލާމަތްވުމަށް އެންމެ މަދުވެގެން ހަތަރު ހަފްތާގެ ޕްރެކްޓިސް ކުޅުންތެރިންނަށް ބޭނުންވާނެ. ބައެއް ކުޅުންތެރިންނަށް ހަ ހަފްތާ ވެސް ބޭނުންވެދާނެ. އުއްމީދަކީ ކުރިއަށް އޮތް ހަފްތާތަކުގައި މިކަމުގައި ކުރިއެރުން ލިބުން” ޓޮމާސީ ވިދާޅުވި އެވެ.

އިޓަލީ ލީގުގެ މެދުކަނޑާލިއިރު އެއް ޕޮއިންޓުގެ ލީޑަކާއެކު ޔުވެންޓަސް އެންމެ ކުރީގައި އޮތްއިރު ދެ ވަނައިގައި އޮތީ ލާޒިއޯ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *