ބަންގްލަދޭޝްގެ ޕްރިމިއާ ލީގު ކެންސަލްކޮށްފި

Advertisement

ބަންގްލަދޭޝްގެ ޕްރިމިއާ ލީގު ކެންސަލްކޮށްފި

ޢަލީ ޝަހީމް

ކޮރޯނާވައިރަހުގެ ސަބަބުން ހުއްޓާލާފައިވާ ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގެ ކުޅުން އެގައުމުން ކެންސަލްކޮށްފި އެވެ. އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ލީގު ކެންސަލްކުރަން އިއްޔެ ނިންމީ މެޗުތައް ކުޅެވޭނެ ހާލަތެއް ނެތި ގިނަ ދުވަސްތަކެއް ހޭދަވާތީ ކްލަބްތަކުން މިގޮތަށް އެދުމުންނެވެ.

ކުރިން ބީ ލީގުގެ ނަމުގައި ކުރިއަށްދިޔަ ބަންގްލަދޭޝްގެ ލީގުގެ ނަން ޕްރިމިއާ ލީގަށް ބަދަލުކުރީ 2007 ވަނަ އަހަރު އެވެ. މިހާރު އެ ލީގުގައި 13 ޓީމަކުން ވާދަކުރެއެވެ. އެލީގުގެ ކުޅުން މާޗް މަހު މެދުކަނޑާލިއިރު ކޮންމެ ޓީމަކުން ކުޅެފައިވަނީ ހަ މެޗެވެ. އެހެންވެ އެގައުމުގެ ފެޑެރޭޝަނުން ނިންމީ ޗެމްޕިއަންކަމާއި ޕްރޮމޯޝަން މި ސީޒަނުގައި ކަނޑަނާޅާށެވެ. މި ނިންމުމާއެކު ދެން ފަށާ ސީޒަނުގައި ވެސް ފުރަތަމަ ޑިވިޝަނުގައި ކުޅޭނީ މި ޓީމުތަކެވެ. އެގައުމުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ބަންގްލަދޭޝް ލީގުގެ އާ ސީޒަން ދެން ފަށާނީ އަންނަ ސެޕްޓެމްބަރު މަހު އެވެ. އެކަމުގެ މަޝްވަރާތައް ފެޑެރޭޝަނުން ވަރަށް އަވަހަށް ފަށަން ވަނީ ނިންމައިފަ އެވެ.

ބަންގްލަދޭޝްގެ ލީގަކީ މިހާރު މި ސަރަހައްދުގައި ކްލަބްތަކުން އެންމެ ބޮޑު ހޭދައެއް ކުރާ އެއް ލީގެވެ. އެހެންވެ ލީގުގެ ކުޅުން ކުރިއަށް ނުދާތީ ޓީމުތަކަށާއި ކުޅުންތެރިންނަށް ވަނީ މާލީ ދަތިކަން ފޯރާފަ އެވެ. ބަންގްލަދޭޝްގެ ސަރުކާރުން މިހާރު ވަނީ ކުޅިވަރު ކުޅުންތެރިންނަށް އިނާޔަތް ދޭން ނިންމައިފަ އެވެ. މިގޮތުން ސަރުކާރުން އިނާޔަތް ދޭން ނިންމާފައިވާ 1000 ކުޅުންތެރިންގެ ލިސްޓުގައި ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ 240 ފުޓްބޯޅަ ކުޅުންތެރިންގެ ނަން ހިމަނައިފަ އެވެ.

ބަންގްލަދޭޝްގެ ލީގު ކެންސަލްކުރިއިރު އަވައްޓެރި އިންޑިއާ އިން ވަނީ އެގައުމުގެ އައި ލީގު ކެންސަލްކޮށްފަ އެވެ. އެކަމަކު އެގައުމުން ވަނީ ލީގު މެދުކަނޑާލިއިރު ބޮޑު ލީޑަކާ އެކު އެއް ވަނައިގައި އޮތް މޯހަން ބަގާން އަށް ޗެމްޕިއަންކަން ދީފަ އެވެ. އިންޑިއާގެ ލީގުގެ އިތުރުން ރާއްޖޭގެ ފެޑެރޭޝަނުން ވެސް ވަނީ ސީޒަނުގެ ބާކީބައި ކެންސަލްކޮށްފަ އެވެ. ރާއްޖޭން ސީޒަނުގެ ބާކީ ބައި ކެންސަލްކުރިއިރު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން އޮތީ ނިމިފަ އެވެ. އެހެންވެ ޓީމުތަކަށް ގެއްލުނީ އެފްއޭ ކަޕްގެ ސެމީ ފައިނަލާއި ފައިނަލް މެޗުގެ އިތުރުން ޕްރެޒިޑެންޓްސް ކަޕެވެ.

ބަންގްލަދޭޝްގައި ކޮރޯނާވައިރަހުގެ އަސަރު 22000 މީހުންނަށް ކޮށްފައިވާއިރު އެގައުމުގައި ބަލި ޖެހިގެން 300 އެއްހާ މީހުން ވަނީ މަރުވެފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *