މެސީ އަށް ވުރެ އަހަރެންނަށް ކަމުދިޔައީ އިނިއެސްޓާ: ކަނަވާރޯ

Advertisement

މެސީ އަށް ވުރެ އަހަރެންނަށް ކަމުދިޔައީ އިނިއެސްޓާ: ކަނަވާރޯ

ޢަލީ ޝަހީމް

ގިނަމީހުންގެ ޝައުގުވެރިކަން ލިއޮނަލް މެސީ އަށް ހުއްޓުނަސް އޭނާ އެންމެ ބޮޑަށް އަޅައިގަތީ އަންދްރޭ އިނިއެސްޓާ ދެއްކި މޮޅު ކުޅުމަށް ކަމަށް ކުރީގެ މަޝްހޫރު ޑިފެންޑަރު ފަބިއޯ ކަނަވާރޯ ބުނެފި އެވެ.

ކެޕްޓަންކަމުގައި އިޓަލީއާ އެކު 2006 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށް އެ އަހަރުގެ ބެލޮންޑިއޯ އެވޯޑް ހޯދި ކަނަވާރޯ އަކީ އިނިއެސްޓާ ބާސެލޯނާގައި ކުޅުނު ދުވަސްވަރު ވާދަވެރި ރެއާލް މެޑްރިޑްގެ ފަހަތް ބެލެހެއްޓި ޑިފެންޑަރެކެވެ. ކަނަވާރޯ  ރެއާލަށް ކުޅުނީ 2006 އިން 2009 އާ ހަމައަށެވެ. އެ މުއްދަތުގައި ބާސެލޯނާގެ ޓީމުގައި މެސީ އާއި އިނިއެސްޓާ ދިޔައީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

އިނިއެސްޓާ އަށް މިދިޔަ ހޯމަ ދުވަހު 36 އަހަރު ފުރުނުއިރު، އޭނާ މިހާރު ކުޅެމުން އަންނަނީ ޖަޕާނު ލީގުގެ ވިސެލް ކޯބޭ އަށެވެ. ބާސެލޯނާ އަށް އެތައް ކާމިޔާބީއެއް ހޯދައިދިނުމަށް ފަހު އިނިއެސްޓާ އެ ކްލަބް ދޫކޮށްލީ 2018 ވަނަ އަހަރު އެވެ.

ކަނަވާރޯ ބުނީ އިނިއެސްޓާ އަކީ ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް މިޑްފީލްޑަރު ކަމަށާއި، އެދުވަސްވަރު އިނިއެސްޓާގެ ކުޅުމަށް އޭނާ ވަރަށް ގަޔާވި ކަމަށެވެ.

“ތަފާތު މޮޅު ސްޓައިލެއްގަ ކުޅުނީ. އިނިއެސްޓާ ކުޅޭތަން ފެނިފަ ގަޔާނުވާ މީހަކު ނުހުންނާނެ. ވަރަށް ހިތްތިރި ވަރަށް ފުރިހަމަ ކުޅުންތެރިއެއް އެއީ. އަހަރެން ވަރަށް ގަޔާވާ ކުޅުންތެރިއެއް” ރެއާލަށް ކުޅުނު ދުވަސްވަރު އެ ކްލަބާއެކު ލީގު ކާމިޔާބުކުރި ކަނަވާރޯ ބުންޏެވެ.

ޔޫރަޕްގައި ކުޅުނު ދުވަސްވަރު އިނިއެސްޓާގެ މުޅި ކެރިއަރު ހޭދަކުރީ ބާސެލޯނާއާ އެކު އެވެ. 16 އަހަރުތެރޭ އެ ކްލަބާއެކު އިނިއެސްޓާ ވަނީ ލީގުގެ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދައި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ހަތަރު ފަހަރު ކާމިޔާބުކޮށްފަ އެވެ. އަދި، ޔޫއެފާ ސުޕަރ ކަޕާއި ކްލަބް ވޯލްޑް ކަޕްގެ އިތުރުން ސްޕެނިޝް ކޮޕަ ޑެލް ރޭ ވެސް އިނިއެސްޓާ ވަނީ ބާސެލޯނާއާ އެކު ކާމިޔާބުކޮށްފަ އެވެ.

2006 އިން 2018 އާ ހަމައަށް ސްޕެއިންގެ ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދެއްކި އިނިއެސްޓާ އަކީ ސްޕެއިންގެ ރަން ޖީލުގެ އެންމެ މުހިއްމު ތަރިއެވެ. 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ސްޕެއިނަށް ކާމިޔާބުކޮށްދިން ލަނޑު އިނިއެސްޓާ ޖެހިއިރު އޭނާ ވަނީ 2008 އާއި 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ވެސް ސްޕެއިނާ އެކު ކާމިޔާބުކޮށްފަ އެވެ.

ކްލަބް ލެވެލް އާއި ގައުމީ ޓީމުގައި އިނިއެސްޓާ ދެއްކި މޮޅު ކުޅުމާއެކު އިނިއެސްޓާ އަކީ ފުޓްބޯޅައިގެ ތާރީހުގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރު ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. ކަނަވާރޯ ބުނީ މެސީ އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި، އެކަމަކު އޭނާގެ ސަމާލުކަން ހުއްޓުނީ މެދުތެރޭގައި އިނިއެސްޓާ ދެއްކި ޖާދުވީ ކުޅުމަށް ކަމަށެވެ.

“އެންމެން ވެސް ބަލަނީ މެސީގެ ކުޅުމަށް، އެކަމަކު އަހަރެން ބެލީ އިނިއެސްޓާ ކުޅޭ ތަނަށް” ކަނަވާރޯ ބުންޏެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *