މި ސީޒަން ކުރިއަށް ނުގެންދަން ފީފާގެ މެޑިކަލް ޓީމުން އެދިއްޖެ

Advertisement

މި ސީޒަން ކުރިއަށް ނުގެންދަން ފީފާގެ މެޑިކަލް ޓީމުން އެދިއްޖެ

ޢަލީ ޝަހީމް
ފީފާގެ މެޑިކަލް ޓީމުގެ އިސް ޑޮކްޓަރު ޑިހޫގޭ. އޭނާ ވިދާޅުވަނީ މި ސީޒަން ކުރިއަށް ނުގެންގޮސް އަންނަ ސީޒަނަށް ތައްޔާރުވުން ރަނގަޅުވާނެކަމަށް

ކޮރޯނާވައިރަސްގެ ސަބަބުން މެދުކަނޑާލާފައިވާ ފުޓްބޯޅަ އަލުން ފެށުމުގެ ވިސްނުން ދޫކޮށް އާ ސީޒަނަށް ތައްޔާރުވާން ފީފާގެ މެޑިކަލް ޓީމު ޗެއާ ކުރައްވާ ޑރ. މިކެލް ޑިހޫގޭ ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ފުޓްބޯޅައިގެ ހަރަކާތްތައް ވަނީ ހުއްޓާލައިފަ އެވެ. ބައެއް ގައުމުތަކުން އަންނަނީ ސަޕޯޓަރުން ނުވައްދައި ސީޒަނުގެ ބާކީބައި ނިންމާލަން މަސައްކަތް ކުރަމުންނެވެ. އެކަމަށް އިޝާރަތްކޮށް މެޑިކަލް ޓީމުގެ އިސް ޑޮކްޓަރު ޑިހޫގޭ ގެ ބަހަކީ އެފަދަ ރިސްކެއް ނުނަގައި މެދުކަނޑާލާފައިވާ ލީގުތައް ކެންސަލްކުރުމެވެ.

Advertisement

“އަހަރެންގެ ޕްރޮޕޯސަލަކީ ކުރެވޭވަރުގެ ކަމަކަށް ވާނަމަ ކުރިއަށް އޮތް ހަފްތާތަކުގައި ވާދަވެރި ފުޓްބޯޅަ މެޗުތައް ނުކުޅުން. މަސައްކަތް ކުރަންވީ ކަންކަން ރަނގަޅު ކުރުމަށްފަހު އަންނަ ސީޒަނަށް ތައްޔާރުވާން” ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ޑޮކްޓަރު ވިދާޅުވި އެވެ.

ޔޫރަޕްގެ ލީގުތަކާމެދު މެއި 25 ގެ ކުރިން ގޮތެއް ނިންމުމަށް ޔޫއެފާއިން ވަނީ މެމްބަރު ގައުމުތަކަށް އަންގައިފަ އެވެ. އެހެންވެ، އަންނަމަހުގެ 25 ގެ ކުރިން ޔޫރަޕްގެ ހުރިހާ ލީގަކާމެދު އަމަލުކުރާނެގޮތް ކަށަވަރުވާނެ އެވެ.

ޑިހޫގޭ ވިދާޅުވީ ގައުމުތަކުން އަލުން ފުޓްބޯޅަ ފެށުމަކީ ރިސްކެއް ކަމަށާއި، އެކަމުގެ ސަބަބުން މެދުވެރިވާނީ އާދައިގެ ކަންތައްތަކެއް ނޫންކަމަށެވެ.

“މިއީ މަރާ ހަނގުރާމަކުރަންޖެހޭ ބައްޔެއް. އެހެންވެ އަހަރެން މި އެދެނީ އެންމެންވެސް ވަރަށް ބޮޑަށް ސަމާލުވާން. އަހަރެން އެދެނީ އަލުން ކުޅެން ފެށުމުގެ ކުރިން މިކަމާމެދު އެންމެންވެސް ރަނގަޅަށް ސަމާލުވުން. މި ވާހަކަ ދައްކަނީ މެޑިކަލް ޑޮކްޓަރެއްގެ ހައިސިއްޔަތުން. ފަހަރެއްގައިވެސް މެޗުތައް އިންތިޒާމުކުރާ މީހެއްގެ ހައިސިއްޔަތަކުން ނޫން. މެޑިކަލް ވިސްނުމެއްގައި އަހަރެއްނަށް ބުނެވޭނީ މެޗުތައް އަލުން ފެށުމަކީ ރަނގަޅު ކަމެއް ނޫނޭ” ޑޮކްޓަރު ވިދާޅުވި އެވެ.

ޑިހޫގޭ އިތުރަށް ވިދާޅުވީ މެޗުތަކުގައި ގައިދުރުކަން ބެހެއްޓުމަކީ ވަރަށް އުނދަގޫކަމަކަށް ވާނެކަމަށެވެ. އަދި، މެޗުތައް އަލުން ފަށާނަމަ ސާފުތާހިރުކަން އިސްކޮށް ހާއްސަ ގަވާއިދުތަކެއް ހެދިފައި ހުންނަން ޖެހޭނެކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

“ކިހިނެއް ޑައިރެކްޓް ކޮންޓެކްޓް ނައްތާލާނީ؟ މިއީ އަހަރެންގެ ސުވާލު.” މި ދަނޑިވަޅުގައި ސީޒަން ކެންސަލް ކުރުމަށް ބާރުއަޅަމުން ޑިހޫގޭ ވިދާޅުވި އެވެ.

ޔޫރަޕްގެ ލީގުތަކުގެ ތެރެއިން ނެދަލެންޑްސްގެ ފުޓްބޯޅަ ލީގާއި ފްރާންސްގެ ފުރަތަމަ ދެ ޑިވިޝަނުގެ ފުޓްބޯޅަ ލީގުތައް މިހާރު ވަނީ ކެންސަލްކޮށްފަ އެވެ. މިދިޔަ ހުކުރު ދުވަހު ނެދަލެންޑްސްގެ ލީގު ކެންސަލްކުރީ ޗެމްޕިއަން ޓީމާއި، ރެލިގޭޝަން އަދި ޕްރޮމޯޝަން ކަނޑަނާޅާ ގޮތަށެވެ. ފްރާންސްގެ ލީގުތައް ކުރިއަށް ނުގެންދަން އިއްޔެ ނިންމާފައިވަނީ އެގައުމުގެ ސަރުކާރުންނެވެ. އެ ލީގުގެ ޗެމްޕިއަންކަމާއި، ރެލިގޭޝަން އަދި ޕްރޮމޯޝަނާމެދު އަމަލުކުރާނެ ގޮތެއް ފްރާންސްގެ އެފްއޭ އިން އަދި ހާމަކޮށްފައެއްނުވެ އެވެ.

ޔޫރަޕްގެ ލީގުތަކުގެ ތެރެއިން އިނގިރޭސިވިލާތުން އަންނަނީ އަންނަ ޖޫން މަހުގެ އަށް ވަނަ ދުވަހު ލީގު އަލުން ފެށުމުގެ ވިސްނުމެއް ގެންގުޅެމުންނެވެ. އަދި، އާސެނަލާއި ވެސްޓް ހޭމް ޔުނައިޓެޑް އަދި ބްރައިޓަން އިން މިހާރު ވަނީ ވަކިވަކި ކުޅުންތެރިން ފަރިތަކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިފަ އެވެ.

ނެދަލެންޑްސް އާއި ފްރާންސްގެ ލީގު ކެންސަލްކުރިއިރު ބެލްޖިއަމުން ވެސް ވަނީ އެގައުމުގެ ޕްރޯ ލީގު ކެންސަލް ކުރުމަށް ނިންމައިފަ އެވެ. އެހެންނަމަވެސް އެކަން ރަސްމީކޮށް އިއުލާން ކުރުން އަންނަ ހަފްތާއަށް ފަސްކުރީ ހޯމަ ދުވަހު ކްލަބްތަކުގެ މެދުގައި ބޭއްވި ވޯޓަކުންނެވެ.

މުޅި ދުނިޔެއިން 3.1 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު މި ބަލީގައި މިހާތަނަށް 217،000 މީހުން ވަނީ މަރުވެފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *