ނެދަލެންޑްސްގެ ލީގު ކެންސަލްކޮށްފި

ކޮރޯނާވައިރަސްގެ ސަބަބުން މެދުކަނޑާލާފައިވާ ނެދަލެންޑްސްގެ ޑަޗް ލީގުގެ ކުޅުން ކުރިއަށް ނުގެންދަން އެގައުމުގެ އެފްއޭ އިން ރަސްމީކޮށް ނިންމައިފި އެވެ. ޑަޗް ލީގާއެކު އެފްއޭ އިން ވަނީ ދެ ވަނަ ފަންތީގެ ލީގުގެ ކުޅުން ވެސް ކުރިއަށް ނުގެންދަން ނިންމައިފަ އެވެ.
ލީގުގެ ކުޅުން މެދުކަނޑާލިއިރު ގޯލުގެ ތަފާތުން އެއް ވަނައިގައި އޮތީ މިދިޔަ ސީޒަނުގެ ވެސް ޗެމްޕިއަންކަން ކަށަވަރުކުރި އަޔަކްސް އެވެ. ޕޮއިންޓުގެ ގޮތުން އަޔަކްސްއާ އެއްވަރުކޮށް ދެ ވަނައިގައި އޮތީ އޭޒެޑު އަލްކަމާ އެވެ. ޑަޗް ލީގުގެ މި ނިންމުމާއެކު ޗެމްޕިއަންކަމާއި، ރެލިގޭޝަނާއި ޕްރޮމޯޝަންގެ ފުރުސަތެއް ވެސް ކްލަބްތަކަށް ވަނީ ގެއްލިފަ އެވެ. އެހެންކަމުން މި ސީޒަނުގައި އެއްވެސް މަގާމެއް ކަނޑަނާޅާން އެފްއޭ އިން ވަނީ ނިންމައިފަ އެވެ. ޑަޗް ލީގުގެ ކުޅުން ހުއްޓާލިއިރު ބާކީ އަދި ނުވަ މެޗު އެބައޮތެވެ.
ނެދަލެންޑްސްގައި ކޮރޯނާވައިރަސް ފެތުރޭތީ އަންނަ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ކުރިން ބޮޑު އެއްވެސް ހަރަކާތެއް ނުބޭއްވޭނެކަމަށް އެގައުމުގެ ސަރުކާރުން ވަނީ އަންގައިފަ އެވެ. ސަރުކާރުގެ މި ނިންމުމާއެކު ޑަޗް ލީގުން ފުރަތަމަ ޑިވިޝަން ފުޓްބޯޅަ ހުއްޓާލަން މަޝްވަރާކުރާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. އޭރު ބުނެފައިވަނީ ލީގު ކެންސަލް ކުރުމުގައި ފަހުބަސް ބުނާނީ ޔޫއެފާއިން ކަމަށެވެ.
ޑަޗް ލީގުން ބުނެފައިވަނީ މެދުކަނޑާލިއިރު އެއް ވަނައިގައި އޮތް އަޔަކްސް އާއި ދެ ވަނައިގައި އޮތް އޭޒެޑް އަލްކަމާ އަށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކޮލިފައިން ބުރުން ފުރުސަތު ލިބޭނެ ކަމަށެވެ. އެހެންނަމަވެސް އެކަމުގައި ގޮތް ނިންމުން އޮތީ ޔޫއެފާގެ އަތްމަތީގަ އެވެ. މި ސީޒަނުގެ ޔޫރަޕްގެ ކްލަބް މުބާރާތްތައް ކުރިއަށްދާ ގޮތަށް ބަލައި އެއް ވަނައިގައި އޮތް އަޔަކްސް އަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބިދާނެކަމަށް ބެލެވެ އެވެ.
ދެ ވަނަ ޑިވިޝަނުގެ އެއް ވަނައިގައި 11 ޕޮއިންޓުގެ ލީޑަކާއެކު މިވަގުތު އޮތީ ކްލަބް ކަމްބޫ އެވެ. އެހެންނަމަވެސް ކެންސަލް ކުރަން ނިންމުމުން އެޓީމަށް އަންނަ ސީޒަނުގައި އެންމެ މަތީ ފަންތީގައި ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ.
މިއީ 1956 ވަނަ އަހަރު ޑަޗް ލީގު އުފެދުނުފަހުން ޗެމްޕިއަންކަން ކަނޑަނާޅައި ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ.
ނެދަލެންޑްސް އެފްއޭގެ ރައީސް ޖަސްޓް ސްޕީ ވިދާޅުވީ ސަޕޯޓަރުން ނުވައްދައިވެސް ޔޫރަޕްގެ ލީގުތައް ކުރިއަށް ގެންދިއުމަކީ މި ސީޒަނުގައި އުނދަގޫ ކަމަކަށް ވާނެކަމަށެވެ.
“ޕްރިމިއާ ލީގަށް ބެލިޔަސް ލީގު ނިންމާލަން ވަރަށް ގިނަ ހަފްތާތަކެއް ބޭނުންވާނެ. އެކަން ކުރަން އެކަށީގެންވާ ވަގުތު ލިބޭނެތަ؟ ޝައްކު، ވަރަށް ޝައްކު” އިނގިރޭސި ޕްރިމިއާ ލީގު ކުރިއަށް ގެންދިއުމުގައި ވެސް ދަތިތަކެއް ހުންނާނެކަމަށް އިޝާރަތްކުރަމުން ސްޕީ ވިދާޅުވި އެވެ.
ޑަޗް ލީގަކީ ޔޫރަޕްގެ ލީގުތަކުގެ ތެރެއިން ރަސްމީކޮށް ހުއްޓާލި ފުރަތަމަ ލީގެވެ. ނެދަލެންޑްސްގެ އިތުރުން ލީގު ކުރިއަށް ނުގެންދަން ނިންމާފައިވާ އަނެއް ގައުމަކީ ބެލްޖިއަމެވެ. މީގެ އިތުރުން ސްކޮޓްލެންޑުން ވެސް ދަށް ފަންތީގެ ފުޓްބޯޅަ ޑިވިޝަންތައް ކެންސަލްކޮށް ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ނިންމާލުމުގެ މަޝްވަރާތައް ވެސް މިހާރު ވަނީ ފަށައިފަ އެވެ.
ނެދަލެންޑްސް އިން ކޮވިޑް-19 ޖެހިގެން މިހާތަނަށް ވަނީ 4000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.
Advertisement


Leave a Reply