ކޮވިޑަށް ނެގެޓިވް ވުމުން ޓީސީ ޓީމު ކަރަންޓީނުން ދޫކޮށްލައިފި

ކަރަންޓީނުގައި ރ. ފުރަވެރި ރިސޯޓުގައި ތިބި ޓީސީ ސްޕޯޓްސް ކްލަބުގެ ހުރިހާ މެމްބަރުން ކޮވިޑް-19 އަށް ނެގެޓިވްވުމުން މިއަދު ދޫކޮށްލައިފި އެވެ. އެ ރިސޯޓުގައި ތިބި ޓީމުގެ 29 މެމްބަރުން ކޮވިޑް-19 އަށް ނެގެޓިވް ވެފައިވާކަން “ފަހުމިނެޓް” އަށް ވަނީ ޔަގީންވެފަ އެވެ.
ކޮރޯނާވައިރަހުގެ ސަބަބުން ޓީސީ ޓީމު އެންމެ ފުރަތަމަ ކަރަންޓީނުކުރީ ސްރީ ލަންކާގަ އެވެ. ލަންކާގައި ޓީސީ މަޑުކުރަން ޖެހުނީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ބަންގްލަދޭޝްގައި އެގައުމުގެ ބަޝުންދުރާ ކިންގްސްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު މާލެ އައި ދަތުރުގަ އެވެ. .
ބަންގްލަދޭޝްއިން ކޮވިޑް-19 ފެނުމުން އެގައުމުން ސީދާ ރާއްޖެ އައުމުގެ ބަދަލުގައި ސަރުކާރުން މިދިޔަ މަހުގެ 12 ވަނަ ދުވަހު ޓީސީ ޓީމު ކަރަންޓީނުކުރީ ލަންކާގެ މެރީނޯ ބީޗް ހޮޓަލުގަ އެވެ. ލަންކާގައި 14 ދުވަހުގެ ކަރަންޓީނު މުއްދަތު މާޗް 26 ވަނަ ދުވަހު ހަމަވި ނަމަވެސް އޭރު އެގައުމު ލޮކްޑައުން ކޮށްފައި އޮތުމުން ޓީސީ ވަނީ ލަންކާގައި ތާށިވެފަ އެވެ. ރާއްޖެ އަންނަށް ފެށި ދަތުރުގައި ލަންކާގައި ޓީސީ ޓީމު ކަރަންޓީނުކުރީ ބަންގްލަދޭޝުން ރާއްޖެއަށް މީހުން އައުން ވަގުތީގޮތުން ދިވެހި ސަރުކާރުން ހުއްޓާލުމުންނެވެ. އެއީ ބަންގްލަދޭޝްގައި އޭރު ކޮވިޑް-19 ފެތުރިފައި އޮތުމުގެ ސަބަބުން ސަރުކާރުން ނިންމި ނިންމުމެކެވެ.

އޭއެފްސީ ކަޕް މެޗު ކުޅެން ބަންގަލަދޭޝަށް ދަތުރުކުރި ޓީސީ ޓީމު. މިއަދު އަލުން އާއިލާއާ ބައްދަލުވީ ގިނަ ދުވަސްތަކަކަށް ފަހު
ޓީސީ ޓީމު ރާއްޖެ އައީ މޯލްޑިވިއަނުން ހަމަޖެއްސި ފްލައިޓެއްގައި މިމަހުގެ ފަސް ވަނަ ދުވަހު އެވެ. އަދި، ރާއްޖޭން ބޭރުން އަންނަ އެންމެން 14 ދުވަހުގެ ކަރަންޓީނު ފެސިލިޓީއަކަށް ގެންދަން ދިވެހި ސަރުކާރުން ނިންމާފައިވާތީ ޓީސީ ޓީމު ވަނީ އެރޭ ފުރަވެރި ރިސޯޓަށް ގެންގޮސްފަ އެވެ.
ފުރަވެރި ރިސޯޓުގައި ޓީސީ ޓީމުގެ 14 ދުވަހުގެ ކަރަންޓީނު މުއްދަތު ހަމަވީ މި މަހުގެ 19 ވަނަ ދުވަހު އެވެ. ޓީސީ ޓީމު ކޮވިޑް-19 އަށް ޓެސްޓު ކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. ޓެސްޓުގެ ނަތީޖާ މިހާރު ލިބިފައިވާއިރު އެންމެންވެސް ކޮވިޑް-19 އަށް ނެގެޓިވްކަން ވަނީ ކަށަވަރުވެފަ އެވެ.
އޭއެފްސީ ކަޕް މެޗު ކުޅުމަށް ޓީސީ ޓީމު ބަންގްލަދޭޝަށް ދިއުމަށް ރާއްޖޭން ދަތުރުފެށީ މާޗް ހަތް ވަނަ ދުވަހު އެވެ. އޭގެފަހުން އެޓީމު ތާށިވެ އާއިލާއާ ދުރުގައި ވަނީ ގިނަ ދުވަސްތަކެއް ހޭދަކޮށްފަ އެވެ. ޓީސީ ޓީމުގެ މެމްބަރުން އެނބުރި އާއިލާ ގާތަށް ދިއުމުގެ ފުރުސަތު މިއަދު ލިބުނީ ދަތުރުފެށިތާ 49 ދުވަސް ފަހުންނެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގައި ބާކީ އޮތް އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ނުކުޅޭ ގޮތަށް އެފްއޭއެމުން ހަމަޖެއްސުމުން ކްލަބްތަކަށް ވަނީ ސީޒަން ނިމިފަ އެވެ. އެކަމަކު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ޓީސީ އާއި މާޒިޔާ ވާދަކުރާތީ އެ މެޗުތައް މި ދެ ކްލަބުން ކުޅޭނެ އެވެ. އެހެންނަމަވެސް ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ އޭއެފްސީ ކަޕްގެ މެޗުތައް ވެސް މިހާރު ވަނީ ވަކި މުއްދަތެއް ނެތްގޮތަށް ފަސްކޮށްފަ އެވެ.
Advertisement


Leave a Reply