އިނގިރޭސީ ޕްރިމިއަރ ލީގު ކާމިޔާބު ނުކުރެވުނު އެންމެ މަޝްހޫރު 10 ކުޅުންތެރިން!

Advertisement

އިނގިރޭސީ ޕްރިމިއަރ ލީގު ކާމިޔާބު ނުކުރެވުނު އެންމެ މަޝްހޫރު 10 ކުޅުންތެރިން!

އައްބާސް
ޖެރާޑް، ޑެސައިލީ އަދި ބޭލް. މަޝްހޫރު ބައެއް ކުޅުންތެރިން ކެރިއަރު ނިންމާލިއިރު ޕްރިމިއާ ލީގު ނުލިބުނު

ޓެނިހާއި އެތުލެޓިކްސް ފަދަ ކުޅިވަރުތަކާއި ހިލާފަށް ފުޓްބޯޅައަކީ ޓީމު ކުޅިވަރަކަށްވާއިރު ވަކިވަކި ކުޅުންތެރިންގެ ހުނަރަކީ ގިނަފަހަރަށް އެކުޅުންތެރިޔާއަށް ތަށްޓެއްގައި އަތްލުމަށް ފުރުސަތު ހޯދައިދޭ އެއްޗަކަށް ނުވެދެ އެވެ. ފުޓްބޯޅައިގައި އާއްމުކޮށް ކާމިޔާބު ހޯދެނީ ޓީމެއްގެ ގޮތުގައި ކުޅެގެންނެވެ. ވަރުގަދަ ފޯވާޑް ލައިނެއް އޮތަސް ދިފާއު ފޫގޮސްފައިވާނަމަ އޭގެން ކުރާނެ މާބޮޑު ފައިދާއެއް ނޯވެ އެވެ. އަނެއްކޮޅުން ދިފާއު ވަރުގަދަޔަސް ލަނޑުނުޖެހޭނަމަ މުޅިން ބޭކާރެކެވެ. ޓިމުގެ 10 ކުޅުންތެރިން މޮޅަށް ކުޅޭއިރު ކީޕަރުން އަޅާ ޅައެއްޗެހިން މުޅި ޓީމަށް ކޮޅުކެހި ލިބެނީވެސް މަދެއްކޮށްނޫނެވެ. އެހެންކަމުން ކުޅުންތެރިޔާއަކީ ކިތަންމެ މޮޅު ކުޅުންތެރިއަކަށްވިޔަސް އެކުޅުންތެރިޔާ ކުޅޭ ޓީމެއްގެ ސަބަބުން އެންމެ ބޭނުންވާ ތަށީގައި އަތްނުލެވި ކެރިއަރު ނިންމާލަން ޖެހުމަކީ ހަމަ ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. މިލިޔުމުގައި މި ބަލާލަނީ އިނގިރޭސި އެންމެ މަތީ ލީގުގައި ފާހަގަކޮށްލެވޭފަދަ މޮޅުކުޅުމެއް ކުޅުނު ނަމަވެސް ލީގު ތަށީގައި އަތް ޖައްސާލަން ލިބިފައިނުވާ އެންމެ މަޝްހޫރު 10 ކުޅުންތެރިންނަށެވެ. މީގެ ތެރޭގައި ހިމެނޭ ގިނަކުޅުންތެރިންނަނީ މިހާރު ރިޓަޔަރ ކޮށްފައިވާ ކުޅުންތެރިންނެވެ.

ސްޓީވެން ޖެރާޑް

ލިވަޕޫލް ލެޖެންޑް ޖެރާޑް 17 އަހަރު ވަންދެން ލިވަޕޫލަށް ކުޅުނެވެ. އަދި ކެޕްޓަން ކަމުގެ ޒިންމާވެސް އަހަރުތަކެއް ވަންދެން ނެގި އެވެ. ލީގުގެ ވަރަށް ގިނަ މެޗުތަކުގައި ލިވަޕޫލް މޮޅުކޮށްދިނުމުގެ ޒިންމާ އޭނާ އުފުލި އެވެ. އަދި 2005 ގައި ލިވަޕޫލުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު އެކާމިޔާބިގެ އެންމެބޮޑު ހިއްސާދާރަކީ ޖެރާޑެވެ. އެހެންނަމަވެސް މެންޗެސްޓަރ ޔުނައިޓެޑާއި، ޗެލްސީ  އަދި އާސެނަލުން ލީގުގައި ކާމިޔާބީތައް ހޯދަމުން ދިޔައިރު ލިވަޕޫލާއެކު ޖެރާޑު ހުރީ ހުސްއަތާ އެވެ. ޖެރާޑް ލީގު ކާމިޔާބުކުރުމާއި އެންމެ ގާތަށް އައީ 2013-2014 ސީޒަނުގަ އެވެ. އެހެންނަމަވެސް ސީޒަން ނިމެމުން ދަނިކޮށް ޗެލްސީ އާއި ދެކޮޅަށް ކުޅުނުމެޗުގައި ބައިކުޅުންތެރިއަކު ޖައްސާލި ބޯޅައެއް ކޮންޓްރޯލް ކުރަން އުޅުނުވަގުތު ޖެރާޑް ކައްސާލައިގެން ވެއްޓުން ދިޔައީ ލިވަޕޫލްގެ އުއްމީދުތައް ވިއްސިވިހާލިވެގެންދިޔަ ވެއްޓުމަކަށެވެ. އެމެޗުން ޗެލްސީ މޮޅުވުމާއެކު އެފަހަރު ތަށި ގެންދިޔައީ މެންޗެސްޓަރ ސިޓީއިންނެވެ.

މެޓް ލެ ޓިސިއަރ

ލެ ޓިސިއަރ އަކީ ސައުންތެމްޕްޓަން ގެ ލެޖެންޑެކެވެ. އެޓީމަށް އޭނާވަނީ 10 އަހަރުތެރޭގައި ބަރާބަރު 100 ގޯލް ޖަހާދީފަ އެވެ. ޓީމަށް އޮތް ލޯތްބާއެކު ޓިސިއަރ ކުޅުނީ ހަމައެކަނީ އެޓީމަށެވެ. އެހެންކަމުން އެދުވަސްވަރު އަބަދު ކަހަލަ ގޮތަކަށް ރެލިގޭޝަންގައި ހަނގުރާމަކުރަމުންދިޔަ ސައުތެމްޕްޓަންއާ އެކު މާ އެދެވޭ ހިސާބަކަށް ޓިސިއަރ އަށް ދެވިފައެއް ނުވެ އެވެ.

ޖިއަންފްރަންކޯ ޒޯލާ

އިޓަލީގެ ޒޯލާ ޗެލްސީއާ ގުޅުމާއެކު އެހެންޓީމުތަކުން ސީރިޔަސްކޮށް ނަގަންޖެހޭ ޓީމަކަށް ޗެލްސީ ވެގެންދިޔަ އެވެ. ޒޯލާ ދިޔައީ އޭނާގެ މޮޅު ކުޅުމާއެކު ސަޕޯޓަރުންގެ ލޯބި ހޯދަމުންނެވެ. އެހެންނަމަވެސް އެއީ ޗެލްސީ އާއި ރަޝިޔާގެ މަހުޖަނު އަބްރޮމޮވިޗް ހަވާލުވުމުގެ ކުރި އެވެ. އެހެންކަމުން ތަށީގައި އަތްލުމުގެ ފުރުސަތެއް ޒޯލާއަކަށްވެސް ނުލިބުނެވެ. އަބްރޮމޮވިޗް ޗެލްސީ އާއި ހަވާލުވުމަށް ފަހު އަދި އެއް ސީޒަނުގައި ޗެލްސީގައި މަޑުކުރުމަށް ތިން މިލިއަން ޕައުންޑު ހުށައެޅިނަމަވެސް ޒޯލާ އެކަން ގަބޫލުނުކޮށް ޗެލްސީ ދޫކޮށްލީ އެވެ.

ފެނާންޑޯ ޓޮރޭސް

އެއް ދުވަސްވަރެއްގައި ޓޮރޭސް އަކީ ޕްރިމިއަރ ލީގުގެ އެންމެ މޮޅު ސްޓަރައިކަރެވެ. ލިވަޕޫލަށް ކުޅުނުއިރު ޓޮރޭސް ވެގެން ގޮސްފައިވަނީ ކޮންމެ ދިމާއަކުންވިޔަސް ކޮންމެ ކުޅުންތެރިއެއްގެ ގާތުންވިޔަސް ސްކޯކުރާ އެންމެ އިތުބާރުކުރެވޭ ފޯވަޑަށެވެ. އެކަމަކު ލިވަޕޫލަކީ އޭރު ލީގަށް ވާދަކުރި ޓީމެއްނޫންކަމުން އޭނާ 50 މިލިއަން ޕައުންޑަށް ޗެލްސީއަށް ބަދަލުވި އެވެ. ޗެލްސީއާއެކު ޓޮރޭސް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އެވެ. އެހެންނަމަވެސް ލީގު ތަށި ވެގެންދިޔައީ އޭނާއަށްވެސް ބީރަށްޓެހި އެއްޗަކަށެވެ.

ލުއިސް ސުއަރޭޒް

ލިވަޕޫލުން ޓޮރޭސް ދިޔުމުން އެޖާގަ ފޫބައްދަން ގެނައީ އެންޑީ ކެރޯލް އެވެ. އެހެނެއްކަމަކު އެމީހުންގެ އެންމެ ކާމިޔާބު ޓްރާންސްފަރއަކަށް އޭރު ވެގެންދިޔައީ ލުއިސް ސުއަރޭޒް އެވެ. ސުއަރޭޒް ލިވަޕޫލާއެކު ހޭދަކުރީ މުޅިއެކު 4 ސީޒަނެވެ. އެހެންނަމަވެސް އެ ސީޒަންތަކުގައި ސުއަރޭޒް ދެއްކި ކުޅުމަކީ ޕްރިމިއަރ ލީގުގެ ތާރީހުގައިވެސް ފާހަގަކޮށްލެވޭފަދަ ކުޅުމެކެވެ. 2013-2014 ގައި ލިވަޕޫލް ތަށީގެ ހުވަފެން ދެކެންފެށީ ސުއަރޭޒްގެ ސަބަބުންނޭ ބުނެވިދާނެ އެވެ. އެހެންނަމަވެސް ދެން އައީ ޖެރާޑް ގެ ކައްސާލުމެވެ. އެހިސާބުން ބާސެލޯނާގެ ގޮވުމަށް އިޖާބަދީ ސުއަރޭޒް ދިޔައީ އެވެ.

ގަރެތު ބޭލް

ސުއަރޭޒެކޭ އެއްފަދައިން ގެރެތު ބޭލް ވެސް ޕްރިމިއަރ ލީގުގައި ހޭދަކޮށްފައިވަނީ ނިސްބަތުން މަދު އަހަރުތަކެކެވެ. ޕްރިމިއަރލީ ގުގައި ބޭލް ކުޅުނު ހަ ސީޒަނުގައި އޭނާ އަކީ ޓޮޓްންހަމް ހޮޓްސްޕަރސްގެ އެންމެ މުހިއްމުކުޅުންތެރި އެވެ. އަދި ހަމައެއާއެކު އޭނާއަކީ މުޅި ލީގުގައިވެސް އެންމެ ބޮޑަށް ފާހަގަވެގެންދިޔަ އެއް ކުޅުންތެރިޔާ އެވެ. އެހެންނަމަވެސް ޓޮޓްންހަމް އަކީ ލީގަށް ވާދަކުރި ޓީމަކަށް ނުވުމާއެކު އޭރުގެ ރެކޯޑު އަގެއް ކަމަށްވާ 85 މިލިއަން ޕައުންޑަށް ރެއާލް މެޑްރިޑަށް ބަދަލުވީ އެވެ. ރިޕޯޓުތައް ބުނާގޮތުން ބޭލް ހުރީ މިހާރު ޕްރިމިއަރ ލީގަށް އެނބުރި އައުމުގެ މަގުމަތީގަ އެވެ. އެހެންކަމުން މިލިސްޓުން ބޭލްގެ ނަން އުނިވުމަކީ ކުރިއަށްއޮތްތާގައި ހަމަ ވެދާނެކަމެކެވެ.

ޒަބީ އަލޮންސޯ

ސްޕޭންގެ ގައުމީޓީމުގެ މެދުތެރެ ބެލެހެއްޓި އަލޮންސޯ އަކީ ފަސް އަހަރުވަންދެން ލިވަޕޫލްގެ ވެސް މެދުތެރޭގެ އެންމެ މުހިއްމު އެއް ތަނބެވެ. އޭނާއަކި ރަފައެލް ބެނިޓޭޒް ގެ އިރުޝާދުގެ ދަށުން 2005 ގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު އެމަސައްކަތުގަވެސް އެންމެ މުހިއްމު ރޯލެއް ކުޅުނު އެކަކެވެ. އަދި ލީގުގައި ލިވަޕޫލް 2009 ގައި ދެ ވަނަ ހޯދިއިރު އަލަންސޯގެ ކުޅުން ވަރަށް ބޮޑަށް ފާހަގަވެގެން ދިޔަ އެވެ. އެހެންނަމަވެސް ލީގު ތަށްޓެއް ހޯދުމަށްޓަކައި އަލޮންސޯއަށް ވެސް ޖެހުނީ ލިވަޕޫލް ދޫކޮށް ސްޕޭންގެ ރެއާލް މެޑްރިޑަށް ބަދަލުވާށެވެ.

ސެމީ ހިޕިއާ

ހިޕިޔާ އަކީ ޕްރިމިއަރ ލީގު ދުށް އެންމެ މޮޅު އެއް ސެންޓަރ ބެކް ކަމުގައި ވަރަށްގިނަ މީހުން ދެކެ އެވެ. ފިންލެންޑަށް ނިސްބަތްވާ މި ޑިފެންޑަރު ވަނީ ލިވަޕޫލާއެކު 10 ސީޒަން ހޭދަކޮށްފަ އެވެ. އެމުއްދަތުގައި އޭނާވަނީ ލިވަޕޫލާ އެކު ޗެމްޕިއަންސް ލީގާއި ޔުއެފާ ކަޕް ކާމިޔާބުކޮށް އެފްއޭ ކަޕް ދެފަހަރު އަދި ލީގުކަޕް ދެފަހަރު ހޯދާފަ އެވެ. އެކަމަކުވެސް ލިވަޕޫލަށް ކުޅުނު ވަރަށްގިނަ މަޝްހޫރު ތަރިންނެކޭ އެއްގޮތަށް ލީގު ތަށީގައި އަތްލުމުގެ ފުރުސަތު ހިޕިޔާއަކަށް ވެސް ނުލިބުނެވެ.

ޑޭވިޑް ޖިނޯލާ

ފްރާންސްގެ މި ކުޅުންތެރިޔާ ޕްރިމިއަރ ލީގަށް އައީ 1995 ގަ އެވެ. އަދި ކެވިން ކީގަންއާ އެކު ނިއުކާސަލް ޔުނައިޓެޑް ލީގުގެ ރަނަރ އަޕް މަގާމަށް ޖެހިގެން އައި އަހަރު ގެންގޮސްދިނެވެ. އެހެންނަމަވެސް ޖެހިގެން އައި އަހަރު ޓޮޓެންހަމް ހޮޓްސްޕާސް އަށް ބަދަލުވި އެވެ. ޖިނޯލާގެ ދުވަސްވަރު އޭނާއަކީ ޕްރިމިއަރ ލީގުގައި އެންމެ މޮޅު އަދި އެންމެ ބަލާހިތްވާ ފުޓްބޯޅައެއް ކުޅުނު އެއް ކުޅުންތެރިޔާ އެވެ. އެހެންނަމަވެސް ލީގުތަށީގައި ޖިނޯލާއަށް ވެސް އަތްލެވޭ ވަތެއް ނުވި އެވެ.

މާސެލް ޑެސައިލީ

ޑެސައިލީ ޕްރިމިއަރ ލީގާ ގުޅުނީ 1998 ގެ ވޯލްޑް ކަޕް ފްރާންސަށް ކާމިޔާބު ކޮށްދިނުމަށްފަހު އެވެ. އަދި ޗެލްސީއާ ގުޅުމުގެ ކުރިން އޭނާވަނީ އޭސީ މިލާނާއެކު ދެފަހަރު އިޓާލިއަން ލީގު ކާމިޔާބުކޮށްފަ އެވެ. އެހެންކަމުން ޑެސައިލީ ޗެލްސީއާ ގުޅުމާއެކު ޗެލްސީގެ ސަޕޯޓަރުންގެ އުއްމީދުތައް އާވެގެންދިޔަ އެވެ. ޑެސައިލީ އަކީ ދުނިޔޭގެ އެންމެ މަތީފެންވަރުގެ ޑިފެންޑަރެކެވެ. އެހެންނަމަވެސް ޒޯލާއެކޭ އެއްގޮތަށް ޑެސައިލީ ވެސް ޗެލްސީގަ ހޭދަކުރި ދުވަސްތައް ނިންމާލީ ލީގުތަށިގައި އަތްޖައްސާލަން ނުލިބި އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *