ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ނިންމަން ޖެހޭ އެންމެ ފަހު ތާރީހް ކަނޑައަޅައިފި

Advertisement

ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ނިންމަން ޖެހޭ އެންމެ ފަހު ތާރީހް ކަނޑައަޅައިފި

ޢަލީ ޝަހީމް
ޔޫއެފާގެ ރައީސް ކެފެރިން. ޔޫރަޕްގެ ކްލަބް ފައިނަލް ކުޅޭނެ އެންމެ ފަހު ތާރީހް ވަނީ ކަނޑައަޅާފައި

އެންމެ ލަސްވެގެން އޮގަސްޓް މަހުގެ ތިން ވަނަ ދުވަހުގެ ކުރިން ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫއެފާ ޔޫރޮޕާ ލީގުގެ ފައިނަލް ކުޅެ ނިންމަން ޖެހޭނެ ކަމަށް ޔޫއެފާގެ ރައީސް އެލެކްސަންޑަ ކެފެރިން ވިދާޅުވެއްޖެ އެވެ.

“އޮގަސްޓް ތިން ވަނަ ދުވަހުގެ ކުރިން ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ނިންމާލަން ޖެހޭނެ. މިހާރު މިއޮތީ ހީނުކުރާ ހާލަތެއްގައި. އެހެންވީމަ ތާރީހުތަކާއި މެޗުތައް ކުޅޭ ވަގުތު ބަދަލުކުރުމަކީ ކުރެވިދާނެ ކަމެއް. މި ބަލިމަޑުކަން ތަންކޮޅެއް ކުރިން ރަނގަޅުވެއްޖެ ނަމަ ދެ މުބާރާތް ތަންކޮޅެއް ކުރިން ފެށިދާނެ” ޖަރުމަނުގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއެއްގައި ކެފެރިން ވިދާޅުވި އެވެ.

Advertisement

ކޮރޯނާވައިރަހުގެ ސަބަބުން ދުނިޔޭގެ ހުރިހާ ކުޅިވަރު ހަރަކާތްތަކެއް ހުއްޓިފައިވާއިރު ޔޫރަޕްގެ ގިނަ ލީގުތައް ވަނީ ވަކި މުއްދަތެއް ނެތްގޮތަށް ފަސްކޮށްފަ އެވެ. އެހެންވެ ލީގުތައް ނިންމާލަން ގައުމުތަކަށް ފުރުސަތު ދިނުމުގެ ގޮތުން ޔޫއެފާއިން މިހާރު ވަނީ މިއަހަރުގެ ޔޫރޯ އަންނަ އަހަރަށް ފަސްކޮށްފަ އެވެ. ޔޫއެފާއިން ޔޫރަޕްގެ މުބާރާތްތައް ނިންމާލުމަށް ދީފައިވާ ފަހު ތާރީހަކީ ޖޫން 30 އެވެ. އެހެންނަމަވެސް، ވައިރަސް ފެތުރޭ ނިސްބަތަށް ބަލާއިރު ލީގުތައް އެތާރީހަށް ނިންމާލުމަކީ ދުރު ކަމެކެވެ.

ޔޫއެފާގެ މިހާރު ވިސްނުމަކީ ވެސް ޖޫން މަސް ނިމުމުގެ ކުރިން ޔޫރަޕްގެ ލީގުތައް ނިންމާލުމަށެވެ. މިދިޔަ މަހުގެ ފަހުކޮޅު ކެފެރިން ވިދާޅުވީ ޕްލޭނާ އެއްގޮތަށް ޔޫރަޕްގެ މެޗުތައް ކުރިއަށް ނުގެންދެވިއްޖެ ނަމަ މި ސީޒަން ގެއްލުމުގެ ފުރުސަތު ބޮޑުކަމަށެވެ. މިދިޔަ މަހުގެ 29 ވަނަ ދުވަހު ކެފެރިން ވިދާޅުވީ މިހާރު އަމާޒަކީ މެއި މަހުގެ މެދުތެރެ އާއި ޖޫން މަހުގެ ކުރީކޮޅު ނުވަތަ ޖޫން މަހުގެ ފަހުކޮޅު ޔޫރަޕްގެ ފުޓްބޯޅަ ސީޒަން އަލުން ފަށަން ކަމަށެވެ. އެހެންނަމަވެސް އޮގަސްޓް މަހުގެ ކުރީކޮޅު ޔޫރަޕްގެ މުބާރާތްތައް އަލުން ނުފެށިއްޖެ ނަމަ ކެންސަލް ކުރަން ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ކެފެރިން އޭރު ވަނީ ވިދާޅުވެފަ އެވެ.

ކެފެރިން ވިދާޅުވީ މިހާރު މަޝްވަރާ ކުރަނީ ނޮކްއައުޓް ސްޓޭޖްތަކުގެ މެޗުތައް ކުޅޭނެ އުސޫލާމެދު ގޮތެއް ނިންމަން ކަމަށެވެ.

“މިހާރު އޮތް ގޮތަށް ވެސް އަދި ނިއުޓްރަލް ދަނޑެއްގައި އެއް ލެގު ކުޅޭ ގޮތަށް ވެސް ހެދިދާނެ. އަދި ގަދަ އަށް ޓީމު ނުވަތަ ގަދަ ހަތަރު ޓީމާއެކު ވެސް އެގޮތަށް ކުޅުމަކީ މިވަގުތަށް ހެދިދާނެ ގޮތެއް” ކެފެރިން ވިދާޅުވީ އެވެ.

ޔޫއެފާގެ ރައީސް އިތުރަށް ވިދާޅުވީ މިވަގުތު އެންމެ ގޯސް ނިންމުމަކަށް ވާނީ ސިއްހަތާއި ރައްކާތެރިކަމަށް ނުބަލައި މެޗުތައް ކުޅުން ކަމަށެވެ.

“ސިއްހަތާއި ކުޅުންތެރިންގެ ރައްކާތެރިކަމާއި ސަޕޯޓަރުން އަދި ރެފްރީން ނުރައްކަލެއްގައި ބައިތިއްބައިގެން މެޗުތައް ކުޅުމަކީ މިވަގުތަށް އެންމެ ގޯސް ނިންމުމަށް ވާނެ. އެކަމަކު ހާލަތު ރަނގަޅުވީމަ މެޗުތައް ކުޅުމަކުން މައްސަލައެއް ނެތް” ކެފެރިން ވިދާޅުވި އެވެ.

ޔޫރަޕްގެ މުބާރާތްތައް ނިންމުމަށް ކެފެރިން ވަކި ތާރީހެއް ކަނޑައެޅިއިރު ސީޒަން ފުރިހަމަނުކޮށް ނިންމާލާ ލީގުތަކުގެ ކްލަބްތަކަށް ޔޫއެފާއިން ވަނީ މީގެ ދެދުވަސް ކުރިން އިންޒާރެއް ވެސް ދީފަ އެވެ. ޔޫރަޕްގެ ކްލަބްތަކަށް ޔޫއެފާއިން ފޮނުވި ސިޓީގައި ފާހަގަކޮށްފައިވަނީ މިހާލަތާއި ގުޅިގެން ފުޓްބޯޅަ ސީޒަން ނިންމާލުމުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު އެ ކްލަބްތަކުން އެލަނީ ރިސްކެއްގެ ތެރެއަށް ކަމަށެވެ.

ޔޫއެފާއިން ކްލަބްތަކަށް ސިޓީ ފޮނުވީ ބެލްޖިއަމްގެ ޕްރޯ ލީގު ކެންސަލްކުރަން ނިންމުމުންނެވެ. ބެލްޖިއަމްގެ ޕްރޯ ލީގު ކެންސަލް ކުރުމަށް ފަހު އެއް ވަނައިގައި އޮތް ކްލަބް ބުރޫޖަށް ތަށި ދިނުމަށް އެގައުމުގެ އެފްއޭ އިން ވަނީ ނިންމައިފަ އެވެ. އަދި، ބާކީ ޖާގަތައް ކަށަވަރުކުރަން ޕްލޭއޮފް މެޗުތަކެއް ރާވާފައިވާއިރު އެކަން ރަސްމީކޮށް އިއުލާންކުރާނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. 16 ޓީމު ވާދަކުރާ ބެލްޖިއަމް ލީގު މެދުކަނޑާލިއިރު ކޮންމެ ޓީމަކަށް ބާކީ އޮތީ އެންމެ މެޗެކެވެ. ބެލްޖިއަމް ލީގުގެ ޗެމްޕިއަންކަން ހޯދި ކްލަބް ބުރޫޖަށް އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. އެހެންނަމަވެސް ލީގު ކެންސަލް ކުރުމުން ޔޫއެފާގެ އިންޒާރު އެ ކްލަބަށް ވެސް ވަނީ ލިބިފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *