އޮލިމްޕިކްސް ފުޓްބޯޅަ 24 އަހަރުން ދަށަށް ބަދަލުކުރަނީ
އަންނަ އަހަރަށް ފަސްކޮށްފައިވާ ޓޮކިޔޯ އޮލިމްޕިކް ގޭމްސްގެ ފިރިހެން ފުޓްބޯޅަ އިވެންޓް 23 އަހަރުން ދަށުން 24 އަހަރުން ދަށަށް ބަދަލުކުރަން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން އެދިއްޖެ އެވެ.
މިއަހަރު ފަސްކުރި އޮލިމްޕިކް ފުޓްބޯޅަ އިވެންޓުގައި ކުޅޭގޮތަށް ހަމަޖެއްސީ 1997 ޖެނުއަރީ 1 ގެ ކުރިން އުފަން ވެފައިވާ ކުޅުންތެރިންނެވެ. އެއީ މުބާރާތުގައި ހުސް 23 އަހަރުން ދަށުގެ ކުޅުންތެރިން ވާދަކުރުމަށް ހަދާފައި އޮންނަ ގަވާއިދެކެވެ. އެހެންނަމަވެސް ގައުމުތަކުން ގޭމްސްގެ ފުޓްބޯޅަ އިވެންޓަށް ތައްޔާރުވަމުން އަންނަނިކޮށް ކޮރޯނާވައިރަހުގެ ނުރައްކަލާހެދި ގޭމްސް މިހާރު ވަނީ އަންނަ އަހަރުގެ ޖުލައި މަހު ފަށާގޮތަށް ފަސްކޮށްފަ އެވެ. އެހެންވެ ފީފާގެ ވިސްނުމަކީ މިއަހަރު ގޭމްސްގައި ކުޅެވޭ ކުޅުންތެރިންނަށް އަންނަ އަހަރު ފުރުސަތު ދިނުމުގެ ގޮތުން 24 އަހަރުން ދަށުގެ ކުޅުންތެރިންނަށް މުބާރާތް ހުޅުވާލާށެވެ. އޭރުންވެސް އަންނަ އަހަރު ކުޅޭ ފުޓްބޯޅަ އިވެންޓުގައި މިއަހަރު ކުޅެން ހަމަޖެހިފައިވާ ކުޅުންތެރިންނަށް ފުރުސަތު ލިބޭނެ އެވެ.
ފީފާ އިން އިއްޔެ ވަނީ އެކަމަށް ލަފާދީފަ އެވެ. 24 އަހަރުން ދަށުގެ ކުޅުންތެރިންނަށް ގޭމްސްގައި ކުޅެވޭނެކަން ޔަގީންވާނީ ފީފާ ބިއުރޯ އިން އެ ބަދަލު ބަލައިގަތުމުންނެވެ. ފީފާގެ ބިއުރޯ އަކީ ނިންމުންތައް ކަނޑައެޅުމަށް އެ އިދާރާގައި ގާއިމްކޮށްފައިވާ މަދު މެމްބަރުން ހިމެނޭ ކައުންސިލެކެވެ.
އެހެން ފަހަރުތަކެކޭ އެއްގޮތަށް އަންނަ އަހަރު ވެސް ފުޓްބޯޅަ އިވެންޓުގައި ކޮންމެ ގައުމަކަށް ވެސް ސީނިއާ ތިން ކުޅުންތެރިން ޓީމުގައި ހިމެނުމުގެ ފުރުސަތު ލިބޭނެ އެވެ. އެކަމަކު އަންނަ އަހަރު އޮންނަ އޮލިމްޕިކް އަންހެން ފުޓްބޯޅަ އިވެންޓުގައި ވަކި އުމުރެއް ކަނޑައަޅާފައެއް ނެތެވެ.
2016 ވަނަ އަހަރު ބްރެޒިލްގައި އޮތް އޮލިމްޕިކްސްގައި ފިރިހެން ފުޓްބޯޅަ އިވެންޓުގެ ޗެމްޕިއަންކަން ފައިނަލުގައި ޖަރުމަނު ބަލިކޮށް ހޯދީ ބްރެޒިލް އެވެ. ފައިނަލް މެޗު 1-1 އިން އެއްވަރުވުމުން ބްރެޒިލުން ޗެމްޕިއަންކަން ކަށަވަރުކުރީ ޕެނަލްޓީ ޖަހައިގެން 5-4 އިން މޮޅުވެގެންނެވެ. އަންހެން ބައިގެ ޗެމްޕިއަންކަން ސްވިޑެން ބަލިކޮށް ހޯދީ ޖަރުމަނެވެ.
ކޮރޯނާވައިރަހުގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކުން އެތައް ސަތޭކަ ބަތަކު ކޮންމެ ދުވަހަކު މަރުވެ ބަލި ފެތުރޭ ނިސްބަތް ކޮންޓްރޯލް ނުވާތީ އެހެން ކުޅިވަރުތަކެކޭ އެއްގޮތަށް ދުނިޔޭގެ ފުޓްބޯޅައިގެ ހުރިހާ ހަރަކާތެއް މިހާރު ވަނީ ހުއްޓިފަ އެވެ. ފީފާ އިން މިހާރު ވަނީ މިއަހަރުގެ ޖޫން މަހަށް ފަސްކުރި ބައިނަލްއަގްވާމީ މެޗުތައް ވެސް ވަކި މުއްދަތެއް ނެތްގޮތަށް ފަސްކޮށްފަ އެވެ.
ފަސްކުރި އޮލިމްޕިކް ގޭމްސް އަންނަ އަހަރު ޓޯކިޔޯގައި އޮންނާނީ ޖުލައި 23 އިން އޮގަސްޓް 8 ވަނަ ދުވަހުގެ ނިޔަލަށެވެ.
Advertisement
Leave a Reply