ރޮނާލްޑޯ އާއި މެސީ ބެލޮންޑިއޯ ހޯދުމުގެ ކުރީގެ ބައެއް ހަނދާންތައް

ކްރިސްޓިއާނޯ ރޮނާލްޑޯ ތޯ ނޫނީ ލިއޮނަލްމެސީ ތޯ މި ބަހުސަކީ ފުޓްބޯޅައިގެ ދުނިޔޭގައި އެންމެ ހިނގާ ބަހުސޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. ފުޓްބޯޅައިގެ ގިނަގުނަ ރެކޯޑްތަކެއް ގާއިމްކޮށްފައިވާ މިދެކުޅުންތެރިން މިހާރު ރިޓަޔާ ކުރާ ހިސާބަށް ފޯރަންކައިރިވެފައިވާއިރު ޔަގީންވާ އެއްކަމަކީ މިދެކުޅުންތެރިން ރިޓަޔަރކުރުމަށް ފަހު ވެސް މި ބަހުސް ކުރިއަށް ދާނޭކަމެވެ. މިދެކުޅުންތެރިންގެ މަޝްހޫރުކަމާއެކު މިދެކުޅުންތެރިންގެ ރެކޯޑްތަކާއި ކާމިޔާބީތަކަކީ ފުޓްބޯޅަ ބަލާ ގިނަބަޔަކު ހިތުދަސް ތަކެއްޗެވެ. އެހެންނަމަވެސް އެކުޅުންތެރިން ފުޓްބޯޅައިގައި މަޝްހޫރުކަން ހޯދުމުގެ ކުރިން އެކުޅުންތެރިން އަލަށް ފުޓްބޯޅައަށް ނިކުތް އިރުގެ ބައެއް މަޢުލޫމާތުތަކަކީ ފުޓްބޯޅަ ފޭނުން އެހާ ފަރިތަ މަޢޫލޫމާތުތަކަކަށް ނުވެ ހިނގައިދާނެ އެވެ. މިލިޔުމުގައި މިބަލާލަނީ އޭގެ ބައެއް މަޢުލޫމާތުތަކަށެވެ. ކޮވިޑް19 ގެ ސަބަބަން ހުސްއަތާ ތިބި މިދުވަސްކޮޅު މީ ކިޔާލަން ރަނގަޅު މައުލޫމާތު ކޮޅަކަށް ވެދާނެ އެވެ.
ފުރަތަމަ މެޗު:
ކްރިސްޓިއާނޯ ރޮނާލްޑޯ: ޕޯޗުގަލްގެ ސްޕޯޓިން ކްލަބް އިޓަލީގެ އިންޓަ މިލާނާއި ދެކޮޅަށް ކުޅުނު މެޗު (14 އޯގަސްޓް 2002)
ފަހުން އެބިންދާލި ބޮޑު ރާޅާ އަޅާބަލާއިރު މާފޯރިއެއް ނެތް ވަނދުމެޗެކެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކޮލިފިކޭޝަން ރައުންޑުގައި ކުޅެވުނު ފުރަތަމަ މެޗުގައި ރޮނާލްޑޯ ބެންޗުގައި އިނދެފައި ކުޅެން އެރީ މެޗުގެ 58 ވަނަ މިނެޓްގަ އެވެ. ގޯލެއް ނުޖެހި އެއްވަރުވެގެން ނިމުނު މިމެޗަށް ފަހު ރޮނާލްޑޯ ނެތި ކުޅެވުނު ދެވަނަ ލެގު 2-0 އިން ކާމިޔާބުކޮށް މުބާރާތަށް ކޮލިފައިވީ އިންޓަ އެވެ.
ލިއޮނަލް މެސީ: ބާސެލޯނާ އެސްޕަންޔޯލް އާއި ދެކޮޅަށް ކުޅުނު މެޗު (16 އޮކްޓޯބަރ 2004)
ރޮނާލްޑޯގެ ފުރަތަމަ މެޗެކޭ އެއްގޮތަށް މާ ހާއްސަކަމެއް ނެތްމެޗެކެވެ. މެސީ މިމެޗުގައި ކުޅެން ނިކުތީ ޑެކޯ ގެ ބަދަލުގައި 82 ވަނަ މިނެޓުގަ އެވެ. ސްޕެނިޝް ލީގުގެ މިމެޗު 1-0 އިން ކާމިޔާބުކުރީ ބާސެލޯނާ އެވެ.
ފުރަތަމަ ލަނޑު:
ރޮނާލްޑޯ ފުރަތަމަ ލަނޑު ޖެހީ 7 އޮކްޓޯބަރު 2002 ގައި ޕޯޗުގީޒް ލީގުގައި އޭނާ ކުޅުނު ފުރަތަމަ މެޗުގައި މޮރެއިރެންސް އާއި ދެކޮޅަށެވެ. މި ލަނޑު ވެގެންދިޔައީ ރޮނާލްޑޯގެ ކުރިމަގު އޮތްގޮތް އެންމެންނަށް އެނގޭނޭ ފަދަ ގޯލަކަށެވެ. މެދުރޮނގާ ކައިރިން ހޯދި ބޯޅަ ދެކުޅުންތެރިން ގާތުން ނައްޓާލުމަށްފަހު އޭނާގެ މަޝްހޫރު ‘ސްޓެޕްއޯވަރ’ގެ އެހީގައި ތިން ވަނަ ކުޅުންތެރިއެއްގެ ގާތުންވެސް ނައްޓާފައި ޖެހިގޯލަކީ މުޅިން އާތަރިއެއް ފުޓްބޯޅައިގެ ދުނިޔެއަށް އަތުވެއްޖެކަން އަންގައިދިން ގޯލެކެވެ. މިމެޗު ނިމިގެންދިޔައީ ރޮނާލްޑޯ ބޮލުންޖެހި އިތުރު ގޯލަކާއެކު 3-0 އިން ސްޕޯޓިން މޮޅުވެގެންނެވެ. އޭރު ރޮނާލްޑޯގެ ޖާޒީ ނަމްބަރަކީ 28 އެވެ.
މެސީގެ ފުރަތަމަ ގޯލު ފެނުނީ ސްޕެނިޝް ލަލީގާގައި 1 މެއި 2005 ގައި އަލްބަސޭޓޭ އާއި ދެކޮޅަށް ކުޅުނު މެޗުގަ އެވެ. މިގޯލު އިތުރަށް ހާއްސަވެގެން ދިޔައީ މިގޯލު ޖެހުމަށް މެސީ އަށް އެހީވީ ފުޓްބޯޅައިގެ ދުނިޔޭގައި އެފަދަ ދެ ވަނައެއް ނެތް ރޯނާލްޑީނިއޯ ކަމަށްވީތީ އެވެ. މިގޯލަށް ފަހު މެސީ އުފާފާޅުކުރީ ރޮނާލްޑީނިއޯގެ ބުރަކަށިމަތީގައި ‘ޕިގީބެކް’ ދުއްވައިގެންނެވެ. ލެޖެންޑެއް އޭނާއަށް ފަހު އަންނަންހުރި ލެޖެންޑު މުޅިދުނިޔެއަށް ތައާރަފުކުރީ އެގޮތަށެވެ. އޭރު މެސީގެ ޖާޒީ ނަމްބަރަކީ 30 އެވެ.
ފުރަތަމަ ރަތް ކާޑު:
ރޮނާލްޑޯގެ ފުރަތަމަ ރަތް ކާޑު ފެނުނީ 15 މެއި 2004 ގައި މެންޗެސްޓަރ ޔުނައިޓެޑް އެސްޓަން ވިލާ އާއި ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ރޮނާލްޑޯ އަށް އެމެޗުގައި ފުރަތަމަ ރީނދޫ ކާޑު ދެއްކީ ޑައިވުކުރިކަމަށް ބަލާފަ އެވެ. އެވެސް ޕެނަލްޓީ އޭރިއާ ބޭރުންނެވެ. (ރޮނާލްޑޯ ވެއްޓުނީ އޭނާގެ އަމިއްލަފައިގައި އަޅައިގަނެގެން) ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކީ އޮފުސައިޑުވިކަމަށް ބަލައި ރެފްރީ ކަށިގަނޑު ގޮއްވާފައި އޮއްވާ ބޯޅަ ގޯލަށް ޖަހައިގެންނެވެ. އޭރު މެންޗެސްޓަރ ޔުނައިޓެޑް އޮތީ 2-0 އިން ކުރީގަ އެވެ.
މެސީ: ހަންގޭރީ – އާޖެންޓީނާ 17 އޯގަސްޓް 2005
ގައުމީ ޓީމަށް ކުޅުނު ފުރަތަމަމެޗުގައި ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމަށްވުރެ ވަކިން ދެރަ ކަމެއް އެކުޅުންތެރިއަކަށް އެބައޮތްހެއްޔެވެ؟ އާއެކެވެ. އެއީ އެމެޗަށް ނިކުމެ މިނެޓެއްވެސް ނުވަނީސް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމެވެ. ހަންގޭރިއާއި ދެކޮޅަށް އާޖެންޓީނާ ކުޅުނު އެކުވެރިކަމުގެ މެޗެއްގައި މެޗުގެ 64 ވަނަ މިނެޓްގައި ކުޅެން ނިކުމެ މެސީގެ ޓްރޭޑްމާކް ހަރަކާތެއްކަމަށްވާ ކަނާތުފަޅިން ގޮސް ޕެނަލްޓީ އޭރިއާ ތެރެއަށް ވަންނަންދިއުމުގައި ހަންގޭރީގެ ވިލްމޮސް ވޭންޒެކްއާ އެކު ހިނގި ކުރިމަތިލުމުގައި ވިލްމޮސް ވެއްޓި ރެފްރީ ކަށިގަނޑުގެ އަޑާއެކު މެސީ ހުއްޓުނީ ހީވާގޮތުން މެސީގެ ޖާޒީގައި ހިފެހެއްޓުމުގެ ސަބަބުން ރެފްރީގެ ނިންމުން އަންނާނީ އޭނާއާއި އެއްކޮޅަށް ކަމުގައިބަލައިގެންނެވެ. އެކަމަކު ރަތްކާޑަކާ އެކު މެސީ އަށް ދަނޑުން ފައިބަން ޖެހުނީ ވިލްމޮސްގެ މޫނަށް އުޅަނބޮށިން ހަމަލާދިންކަމުގެ ތުހުމަތާއެކުގަ އެވެ.
ފުރަތަމަ ހެޓްރިކް:
ރޮނާލްޑޯ: މެންޗެސްޓަރ ޔުނައިޓެޑް – ނިއުކާސަލް ޔުނައިޓެޑް 12 ޖަނަވަރީ 2008
ފުޓްބޯޅައިގެ ދުނިޔޭގައި މިހާތަނަށް ރޮނާލްޑޯއަށް ވުރެ ވަކިން ގިނައިން ހެޓްރިކް ހަދާފައިވާ އެހެން ކުޅުންތރިއަކު ރެކޯޑްކުރެވިފައެއް ނެތެވެ. އެކަމަކުވެސް އޭނާގެ ފުރަތަމަ ހެޓްރިކް ފެނިފައިވަނީ އޭނާ ފުރަތަމަ ގޯލް ޖެހިތާ 5 އަހަރާއި 5 މަސް ދުވަސް ފަހުންނެވެ. ރޮނާލްޑޯގެ ފުރަތަމް ހެޓްރިކް ފެނުނީ އޭނާގެ އުމުރުން 23 އަހަރުގަ އެވެ. މިމެޗުގައި އޭނާގެ ފުރަތަމަ ގޯލަކީ ހިލޭ ޖެހުމަކުން ޖެހި ގޯލެކެވެ. ދެ ވަނަ ގޯލަކީ ޓީމު ގޯލެކެވެ. ތިން ވަނަ ގޯލް ޖަހާފައިވާނީ މެޗުގެ 88 ވަނަ މިނެޓްގަ އެވެ.
މެސީ : ބާސެލޯނާ – ރެއާލް މެޑްރިޑް 10 މާޗް 2007
އުމުރުން އެންމެ 19 އަހަރުގައި މަޝްހޫރު ރެއާލް މެޑްރިޑް ކޮޅަށް 3 ލަނޑު ޖަހާ ފުރަތަމަ ހެޓްރިކް ހަދައިގެން މެސީގެ އޭނާގެ ފެންވަރު މުޅިދުނިޔެއަށް ދައްކާލި އެވެ. އެމެޗުގައި މެސީގެ ފުރަތަމަ ގޯލަކީ ކެމަރޫންގެ ލެޖެންޑް ސެމިއުލް އެޓޫގެ ޕާހަކުން ޖެހިގޯލެކެވެ. ދެ ވަނަ ގޯލަކީ ދެ ވަނައެއްނެތް ރޮނާލްޑީނިއޯގެ މޮޅުކުޅުމާއެކު އުފެއްދި ފުރުސަތެއްގައި މެސީ ޖެހިގޯލެކެވެ. ތިން ވަނަ ގޯލަކީ ވެސް ރޮނާލްޑީނިއޯގެ ޕާހަކުން ޖެހިގޯލެކެވެ. އެހެންނަމަވެސް މިފަހަރު މެސީގެ މޮޅު ކުޅުމާއެކު ރެއާލްގެ (ސާޖިއޯ ރާމޯސް ވެސް ހިމެނިގެން) 3 ޑިފެންޑަރުން ކަޓުވާފަ އެވެ.
ދެކުޅުންތެރިންގެ ފުރަތަމަ ކުރިމަތިލުން
ބާސެލޯނާ – މެންޗެސްޓަރ ޔުނައިޓެޑް 23 އޭޕްރީލް 2008

2008 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީގައި ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މެޗުގައި ރޮނާލްޑޯ އާއި މެސީ ބޯޅަ ހޯދަން މަސައްކަތް ކުރަނީ
ޗެމްޕިއަންސްލީގުގެ ސެމީފައިނަލުގެ ފުރަތަމަ ލެގަށް މިދެޓީމު ނިކުތްއިރު އެންމެފަހުގެ ބެލެންޑިއޯ ވޯޓުގައި މެސީ އޮތީ ދެ ވަނައިގަ އެވެ. ރޮނާލްޑޯ އޮތީ ތިން ވަނައިގަ އެވެ (ބެލެންޑިއޯ ގެންދިޔައީ ބްރެޒިލްގެ ކަކާއެވެ). ސެމީ ފައިނަލުގެ ދެމެޗުގައި މާގިނަ ޗާންސްތަކެއް މިދެކުޅުންތެރިންނަށްވެސް ލިބިގެނެއް ނުދިޔަ އެވެ. އެހެންނަމަވެސް ފުރަތަމަ މެޗުގައި ބާސެލޯނާގެ ނޫކޭމްޕްގައި ރޮނާލްޑޯ އަތުން ޕެނަލްޓީއެއް ބޭކާރުވި އެވެ. ފުރަތަމަ މެޗު ގޯލެއްނުޖެހި އެއްވަރުވިއިރު އޯލްޑް ޓްރެފަރޑްގައި ކުޅެވުނު ދެ ވަނަ މެޗުގައި ޕައުލް ސްކޯލްސް 30 ޔާޑު ދުރުން ޖެހިގޯލާއެކު ބާސެލޯނާ ބަލިކޮށް ފައިނަލަށް ދިޔައީ ޔުނައިޓެޑެވެ. އެފަހަރު ޗެލްސީ ބަލިކޮށް ތަށިހޯދީ ވެސް ޔުނައިޓެޑެވެ.
Advertisement


Leave a Reply