ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފި

Advertisement

ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފި

ޢަލީ ޝަހީމް

ކޮރޯނާވައިރަހުގެ ސަބަބުން މެދުކަނޑާލާފައިވާ ޔޫރަޕްގެ ކްލަބް ދެ މުބާރާތް ކަމަށްވާ، ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫއެފާ ޔޫރޮޕާ ލީގު މުއްދަތެއް ނެތްގޮތަށް ޔޫއެފާއިން ފަސްކޮށްފި އެވެ. ޔޫއެފާއިން މިގޮތަށް ނިންމީ މިއަދު އެ އިދާރާގެ މެމްބަރު 55 ގައުމާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.

ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ އިތުރުން ޖޫން މަހަށް ރީޝެޑިއުލްކުރި ބައިނަލްއަގްވާމީ މެޗުތައް ވެސް ވަނީ ފަސްކޮށްފަ އެވެ. އޭގެތެރޭގައި އަންނަ އަހަރަށް ފަސްކޮށްފައިވާ ޔޫރޯ އަށް ކޮލިފައިވާން ކުޅުމަށް ހަމަޖެހިފައިވާ ޕްލޭއޮފް މެޗުތައް ވެސް ހިމެނެ އެވެ. ޔޫރޯ ކޮލިފައިން މެޗުތަކުގެ އިތުރުން އަންނަ އަހަރު އިންގްލެންޑުގައި އޮންނަ ވިމެންސް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން ވެސް ވަނީ ފަސްކޮށްފަ އެވެ.

ދެ މުބާރާތުގެ ވެސް އެންމެ ފަހުން ކުޅުނީ ގަދަ 16 މެޗުތަކެވެ. ޗެމްޕިއަންސް ލީގުގެ ދެ ވަނަ ލެގްގެ އަށް މެޗުގެ ތެރެއިން ހަތަރު މެޗުގެ ކުޅުން ނިމުނުއިރު ބާކީ އޮތް ހަތަރު މެޗު ފަސްކުރީ މިދިޔަ މަހު އެވެ. ފުރަތަމަ މެޗުތަކުން މޮޅުވެ ކުއާޓާ ފައިނަލުގެ ޖާގަ މިހާރު ކަށަވަރުކޮށްފައިވަނީ އެތުލެޓިކޯ މެޑްރިޑާ ޕީއެސްޖީގެ އިތުރުން އިޓަލީގެ އެޓަލާންޓާ އަދި ޖަރުމަނުގެ ރެޑްބުލް ލައިޕްޒިގް އެވެ. ޔޫރޮޕާ ލީގުގެ ގަދަ 16 ގެ އަށް މެޗުގެ ތެރެއިން ހަ މެޗުގެ ފުރަތަމަ ލެގް ވަނީ ކުޅެފަ އެވެ.

ރިޕޯޓުތައް ބުނާގޮތުން މިއަދު ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ބާކީ މެޗުތައް އަންނަ ޖުލައި އަދި އޮގަސްޓް މަހު ކުޅުމަށެވެ. މި ދެ މުބާރާތުގައި ބާކީ 38 މެޗު ކުޅެން އޮތްއިރު އެ މެޗުތައް ކުޅެން ޔޫއެފާއިން ނިންމާނީ ޔޫރަޕްގައި ފެތުރެމުންދާ ކޮރޯނާވައިރަސްގެ ހާލަތު ރަނގަޅުވެ ގައުމުތަކުން އެގޮތަށް އަންގައިފި ނަމަ އެވެ.

ޔޫރަޕްގެ ލީގުތަކުގެ ތެރެއިން އެއްވެސް ލީގެއްގެ ކުޅުން ޖޫން މަހުގެ ކުރިން ފެށުމުގެ ފުރުސަތު ކުޑައިރު ޕްރިމިއާ ލީގުގެ ކުޅުން އަލުން ފަށަން މިހާރު ތާވަލުކޮށްފައިވަނީ މި މަހުގެ 30 ވަނަ ދުވަހެވެ. ޕްރިމިއާ ލީގުގެ މެޗުތައް އެންމެ ފުރަތަމަ ފަސްކުރީ އޭޕްރީލް ތިން ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންނަމަވެސް އިނގިރޭސިވިލާތުގައި ބަލި ފެތުރުން އިތުރުވުމުން ފަސްކުރި މުއްދަތު އިތުރުކުރަން ޖެހުނީ އެވެ. މިހާރު އެގައުމުގައި ކޮރޯނާވައިރަސް ފެތުރޭ އަދަށް ބަލާއިރު މެއި މަހު ވެސް ލީގުގެ ކުޅުން އަލުން ފެށޭނެކަމުގެ ޔަގީންކަމެއް ނެތެވެ. ލީގު ކުރިއަށް ގެންދިއުމާމެދު ކުރެވޭ މަޝްވަރާތަކުގެ އިތުރު ބައްދަލުވުމެއް ހުކުރު ދުވަހު ބޭއްވުމަށް ޕްރިމިއާ ލީގުން ވަނީ ނިންމައިފަ އެވެ.

މިދިޔަ ހަފްތާ ޔޫއެފާގެ ރައީސް އަލެކްސަންޑަރ ކެފެރިން ވިދާޅުވީ ޖޫން މަހުގެ ކުރިން ޔޫރަޕްގެ މެޗުތައް އަލުން ނުފެށިއްޖެ ނަމަ ސީޒަން ގެއްލުމުގެ ބިރު ބޮޑުކަމަށެވެ.

ޔޫރަޕްގައި ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާއިރު އެކަމުން އަރައިގަންނަން މިވަގުތު އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިވެފައިވަނީ އިޓަލީ އާއި ސްޕެއިން އަށެވެ. އަދި، ފްރާންސް، ޖަރުމަނުގެ އިތުރުން އިނގިރޭސިވިލާތުގައި މިހާރު އަންނަނީ ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރެމުންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *