ކޮވިޑް-19: ތުރުކީ އާއި ބާސެލޯނާގެ ކުރީގެ ގޯލްކީޕަރުގެ ހާލު ސީރިއަސް ވެއްޖެ

Advertisement

ކޮވިޑް-19: ތުރުކީ އާއި ބާސެލޯނާގެ ކުރީގެ ގޯލްކީޕަރުގެ ހާލު ސީރިއަސް ވެއްޖެ

ޢަލީ ޝަހީމް

ތުރުކީ އާއި ބާސެލޯނާގެ ގޯލު ބެލެހެއްޓި ކުރީގެ މަޝްހޫރު ގޯލްކީޕަރު ރުސްތޫ ރެކްބާ އަށް ކޮވިޑް-19 ޖެހި ހާލު ސީރިއަސް ވެފައިވާކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ. އާއިލާއިން ބުނިގޮތުގައި ކޮވިޑަށް ޕޮޒިޓިވްވެ ރުސްތޫގެ ހާލު ސީރިއަސް ވުމުގެ ސަބަބުން އޭނާ އަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

46 އަހަރުގެ ރުސްތޫ އަކީ ތުރުކީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރިއިރު ތަފާތު މޮޅު ކުޅުމެއް ދެއްކި ކީޕަރެކެވެ. ޖަޕާނާއި ދެކުނު ކޮރެއާގައި އޮތް ވޯލްޑް ކަޕްގެ ތިން ވަނަ ތުރުކީން ހޯދިއިރު އެއަހަރުގެ އެންމެ މޮޅު 16 ކުޅުންތެރިންގެ ތެރޭގައި ރުސްތޫ ވަނީ ހިމެނިފަ އެވެ. 120 މެޗާއެކު ރުސްތޫ އަކީ ތުރުކީގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެފައިވާ ކުޅުންތެރިޔާ އެވެ.

“ކުއްލިއަކަށް އަދި ވަރަށް އަވަހަށް ރުސްތޫގެ ބަލީގެ އަލާމާތްތައް އިތުރުވަމުން އަންނާތީ އަހަރެމެން މިތިބީ ޝޮކެއްގައި” ރުސްތޫގެ އަނބިމީހާ އިސިލް ރެކްބާ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެ އެވެ.

ކޮވިޑަށް ރުސްތޫ ޕޮޒިޓިވްވި ނަމަވެސް އިސިލް އާއި އެދެމަފިރިންގެ ދެކުދިން ވަނީ ނެގެޓިވްވެފަ އެވެ.

ތުރުކީގެ މަޝްހޫރު ފުޓްބޯޅަ ކްލަބް ފެނެބާޗޭ އިން ވިދާލި ރުސްތޫ ވޯލްޑް ކަޕްގައި ދެއްކި މޮޅު ކުޅުމާއެކު 2003 ވަނަ އަހަރުގެ ޖުލައި މަހު ބާސެލޯނާ އިން ވަނީ އޭނާ ގެންގޮސްފަ އެވެ. އެހެންނަމަވެސް ބާސެލޯނާގައި ހޭދަކުރި ތިން އަހަރު ދުވަހު މާގިނަ ފުރުސަތުތަކެއް ރުސްތޫ އަށް ލިބިފައެއްނުވެ އެވެ. އެދުވަސްވަރު ބާސެލޯނާގެ އެއް ވަނަ ގޯލްކީޕަރަކީ ވިކްޓަ ވަލްޑޭސް އެވެ. އޭގެފަހުން ރުސްތޫ ވަނީ އެނބުރި ކުރީގެ ކްލަބް ފެނެބާޗޭ އަށް ބަދަލުވެފަ އެވެ. 2012 ވަނަ އަހަރު ފުޓްބޯޅައިން ރިޓަޔާ ކުރިއިރު ރުސްތޫ ކުޅުނީ ތުރުކީގެ ބެސިކްޓާސް އަށެވެ.

ރުސްތޫގެ ހާލަތު ގޯސްވުމުން ފެނެބާޗޭ އާއި ބާސެލޯނާ އިން ވެސް ވަނީ ހިތާމަފާޅުކޮށްފަ އެވެ.

ފެނެބާޗޭ އިން ކުރި ޓްވީޓުގައި ބުނެފައިވަނީ ގައުމީ ޓީމަށާއި އެ ކްލަބަށް އެތައް އަހަރެއް ވަންދެން ހިދުމަތް ކޮށްދިން ކުޅުންތެރިއަކު ސީރިއަސް ހާލަތުގައި އޮތުމުން އަވަސް ފަރުވާއަކަށް އެދޭ ކަމަށެވެ. އަދި، އުއްމީދަކީ ރުސްތޫގެ ހާލު އެއްކޮށް ރަނގަޅުވާކަމުގެ ހަބަރު ލިބުން ކަމަށް ފެނެބާޗޭ އިން ވަނީ ބުނެފަ އެވެ. ބާސެލޯނާ އިން ބުނީ މުޅި ކްލަބް ރުސްތޫގެ ބައްޔަށް ޝިފާ އަށް އެދޭކަމަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *