ޔުވެންޓަސްގެ ކުޅުންތެރިން ހަތަރު މަހުގެ މުސާރަ ދޫކޮށްލަނީ

މިހާރު ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސްގެ ނުރައްކާ އިޓަލީ އަށް ބޮޑުވެ އޭގެ ސަބަބުން ކްލަބަށް ކުރިމަތިވާ މާލީ ދަތިކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ޔުވެންޓަސްގެ ކުޅުންތެރިން ހަތަރު މަސް ދުވަހުގެ މުސާރަ ނުނަގަން އެއްބަސްވެއްޖެއެވެ.
ކޮރޯނާވައިރަސްގެ ސަބަބުން މިހާރު މެދުކަނޑާލައިފައިވާ އިޓާލިއަން ލީގުގެ އެއްވަނައިގައި އޮތް ޔުވެންޓަސް ގެ ކުޅުންތެރިން މިއަހަރުގެ މާރޗް މަހުން ފެށިގެން ޖޫން މަހާއި ހަމައަށް މުސާރަ ނުނަގަން އެއްބަސްވެފައިވާއިރު އެ ޓީމްގެ ކޯޗް މައުރީސިއޯ ސާރީ ވެސް ވަނީ އެ މުއްދަތުގައި އޭނާ އަށް ކްލަބުން ދޭންޖެހޭ މުސާރަ ނުނަގަން އެއްބަސްވެފައެވެ. މިކަމުގެ ސަބަބުން ޔުވެންޓަސް އަށް ގާތްގަނޑަކަށް 90 މިލިއަން ޔޫރޯ ސަލާމަތްކުރެވޭނެކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އިޓަލީ އަކީ މިވަގުތު ޔޫރަޕްގައި ކޮރޯނާވައިރަހުގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ގައުމެވެ. އިއްޔެގެ ނިޔަލަށް އިޓަލީގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 90،000 އަށް އަރައިފައިވާއިރު އޭގެތެރެއިން 10،000 އަށްވުރެ ގިނަ މީހުން މިހާތަނަށް ވަނީ މަރުވެފައެވެ. ކޮރޯނާވައިރަހުގެ ސަބަބުން އިޓަލީގައި ހުރިހާ ކުޅިވަރުތަކެއް ހުއްޓާލާފައިވާއިރު ޔުވެންޓަސް އިން ބުނެފައިވަނީ ހާލަތު ބަދަލުވެއްޖެނަމަ މުސާރައާ ގުޅޭގޮތުން މިހާރު ނިންމާފައިވާ ނިންމުން އަލުން މުރާޖައާ ކުރާނެ ކަމަށެވެ.
“ހުރިހާ އެންމެންނަށްވެސް އުނދަގޫ މިދަނޑިވަޅުގައި ޔުވެންޓަސްގެ ކުޅުންތެރިންނާ ކޯޗްގެ ފަރާތުން ކްލަބަށް ލިބުނު އެއްބާރުލުމަށް ޝުކުރުއަދާކުރަން.” މިދިޔަ އަށް ސީޒަންގައިވެސް އިޓާލިއަން ލީގުގެ ތަށި ހޯދައިފައިވާ ޔުވެންޓަސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ކޮރޯނާވައިރަހުގެ ސަބަބުން ކްލަބްތަކަށް ދިމާވަމުން އަންނަ މާލީ ދަތިތަކުން އަރައިގަތުމަށް ޔޫރަޕްގެ އެހެން ބޮޑެތި ކްލަބްތަކުގެ ކުޅުންތެރިންވެސް އަންނަނީ މުސާރަ އުނިކުރުމާ މެދު އެއްބަސްވަމުންނެވެ. އެގޮތުން ޖަރުމަނުގެ އެންމެ މަޝްހޫރު ދެ ކްލަބް ކަމަށްވާ ބެޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑުގެ ކުޅުންތެރިން ވަނީ އެކުޅުންތެރިންގެ މުސާރައިން ބައެއް އުނިކުރުމަށް އެއްބަސްވެފައެވެ.
އިޓަލީގެ އިތުރުން ޔޫރަޕްގައި ކޮރޯނާ ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ސްޕެއިން، ފްރާންސް، ޖަރުމަނު އަދި އިނގިރޭސި ވިލާތް ހިމެނެއެވެ. ކޮރޯނާވައިރަހުގެ ސަބަބުން މިގައުމުގެ ފުޓްބޯޅަ ލީގުތައް މިމަހުގެ ކުރީކޮޅުން ފެށިގެން ވަނީ މެދުކަނޑާލައިފައެވެ.
Advertisement


Leave a Reply