ނަބާހާ އާއި ނަބީހާ ދުނިޔޭގެ އެންމެ މޮޅު 100 ޕެއާގެ ތެރެއަށް

Advertisement

ނަބާހާ އާއި ނަބީހާ ދުނިޔޭގެ އެންމެ މޮޅު 100 ޕެއާގެ ތެރެއަށް

ޢަލީ ޝަހީމް
ނަބީ އާއި ނަބާ އައިއޯއައިޖީގެ ކާމިޔާބީއަށް ފަހު. - ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ދުނިޔޭގެ ރޭންކިންގެ ގަދަ 100 ގެ ތެރޭގައި ރާއްޖޭން ހިމެނުނު ފުރަތަމަ ކުޅުންތެރިންގެ ޝަރަފް ބެޑްމިންޓަންގެ ދެބެން ކަމަށްވާ އައިމިނަތު ނަބީހާ އަބްދުއްރައްޒާގް (ނަބީ) އާއި ފާތިމަތު ނަބާހާ އަބްދުއްރައްޒާގް (ނަބާ) ހޯދައިފި އެވެ.

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) ގެ އަންހެން ޑަބަލްސް އިވެންޓުގެ ރޭންކިންގެ ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގެ މުހިއްމު ދެ ކުޅުންތެރިން ހިމެނުނީ 93 ވަނައިގަ އެވެ. މީގެ ކުރިން ބީޑަބްލިއުއެފް އިން ކުޅުންތެރިން ރޭންކްކުރާ މުބާރާތެއްގެ އިވެންޓެއްގައި ރާއްޖޭގެ ކުޅުންތެރިއަކަށް ދުނިޔޭގެ ރޭންކިންގެ ގަދަ 100 ގެ ތެރެއަށް ދެވިފައެއްނުވެ އެވެ. މީގެ ކުރިން ނެރުނު ރޭންކިންގައި މި ދެކުޅުންތެރިން އުޅުނީ 10 ދަރަޖަ ފަހަތުގަ އެވެ.

ނަބީ އާއި ނަބާ އަކީ ރާއްޖޭގެ ކުޅިވަރުގައި ފަހަކަށް އައިސް އެންމެ ކާމިޔާބު ދެ ކުޅުންތެރިންނެވެ. މި ދެކުޅުންތެރިން މިހާތަނަށް ބައިނަލްއަގްވާމީ ނުވަ މެޑަލް ރާއްޖެ އަށް ހޯދައިދީފައިވާއިރު އޭގެތެރޭގައި ތިން ރަން މެޑަލް ހިމެނެ އެވެ. ބެޑްމިންޓަނުގެ ފުރަތަމަ ރަން މެޑަލް ރާއްޖެ އަށް ހޯދައިދިނީ މިދިޔަ އަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ސިންގަލްސް އިވެންޓުގައި ނަބީ އެވެ. އޭގެފަހުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްދިޔަ ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގައި ނަބީ އާއި ނަބާގެ ހިއްސާއާ އެކު ބެޑްމިންޓަނުން ރާއްޖެ އަށް އިތުރު ދެ ރަން މެޑަލް ހޯދައިދިނެވެ.

ޕާކިސްތާން މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓޫން ނަބީ އާއި ނަބާ ރަން މެޑަލް ހޯދީ ފައިނަލުގައި ޕާކިސްތާނުގެ އަންހެން ޑަބަލްސް ޕެއާ ބަލިކުރުމަށް ފަހު އެވެ. އަދި، މިކްސް ޑަބަލްސް އިވެންޓުން ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ޕެއާގައި ހިމެނުނީ ޒަޔާން ޒަކީ އާއި ނަބާ އެވެ. މި ދެކުޅުންތެރިން މިކްސް ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގެ ނޭޕާލުގެ ދެ ކުޅުންތެރިން ބަލިކޮށްގެންނެވެ. ޕާކިސްތާންގެ ކާމިޔާބީ އަކީ ބީޑަބްލިއުއެފްގެ މުބާރާތުން ރާއްޖެ އަށް ރަން މެޑަލް ލިބުނު ފުރަތަމަ ފަހަރެވެ.

ބައިނަލްއަގްވާމީ ގިނަ ކާމިޔާބީތަކެއް މި ދެކުޅުންތެރިން ރާއްޖެ އަށް ހޯދައިދީފައިވާއިރު، ގައުމީ ބެޑްމިންޓަން މުބާރާތުގައި ވެސް ފަހަކަށް އައިސް އެންމެ ކާމިޔާބީ މި ދެކުޅުންތެރިންނެވެ. މީގެ ތެރެއިން ނަބާ ވަނީ މިދިޔަ އަހަރު އޮތް ގައުމީ ބެޑްމިންޓަން މުބާރާތުގައި އެއް ދުވަހެއްގައި ތިން ފައިނަލް ކުޅެ، އެ ތިން ފައިނަލުން ވެސް މޮޅުވެ ރަން މެޑަލް ހޯދައިފަ އެވެ. އެއީ އަންހެން ސިންގަލްސްގެ އިތުރުން އަންހެން ޑަބަލްސް އާއި މިކްސް ޑަބަލްސްގެ ޗެމްޕިއަން ކަމެވެ. އަންހެން ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ ނަބާ އާއި ނަބީގެ ޕެއާ އެވެ. ގައުމީ ބެޑްމިންޓަން މުބާރާތުގެ ކާމިޔާބީ އަށް ފަހު ނަބާ ވަނީ މިދިޔަ އަހަރު އަލަށް ބޭއްވި ލިޓަސް ބީއޭއެމް ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕުން ވެސް އަންހެން ސިންގަލްސް އާއި އަންހެން ޑަބަލްސް އަދި މިކްސް ޑަބަލްސްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ދެބެންގެ ހިއްސާއާއެކު ރާއްޖެ އަށް ހޯދައިދިން ރަން މެޑަލްތަކުގެ އިތުރުން މި ދެކުޅުންތެރިން ވަނީ 2019 ވަނަ އަހަރުގެ އަހަރުގެ ޑިސެމްބަރު މަހު ނޭޕާލްގައި އޮތް ދެކުނު އޭޝިޔާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތުގެ ވިމެންސް ޑަބަލްސް އިވެންޓުން ރިހި މެޑަލް ހޯދުމުގެ އިތުރުން އެ އަހަރުގެ ޖޫން މަހު މޮރިޝަސްގައި އޮތް މޮރިޝަސް ބެޑްމިންޓަން ސީރީޒްގެ ވިމެންސް ޑަބަލްސް އިވެންޓުން ރިހި މެޑަލް ހޯދައިފަ އެވެ. އޭގެ ކުރިން 2017 ވަނަ އަހަރު އިންޑިއާ ގައި އޮތް ދެކުނު އޭޝިޔާގެ ޔޫތު މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުން ނަބާ އާއި ނަބީގެ ޕެއާ ހޯދި ރިހި މެޑަލަކީ ވެސް އެހާ ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.

ރޭންކިންގައި ލިބުނު ބޮޑު ކުރިއެރުމާއެކު މި ދެކުޅުންތެރިންނަށް މިހާރު ވަނީ އަންނަ އަހަރު ޖަޕާނުގެ ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ގޭމްސް އަށް ކޮލިފައިވުމުގެ ފުރުސަތު ފަހިވެފަ އެވެ. އެހެންވެ ކުރިއަށް އޮތް މުބާރާތްތަކުގައި ނަތީޖާތައް ރަނގަޅު ކުރުމަކީ މި ދެކުޅުންތެރިންގެ އަމާޒެވެ. މިއަހަރު ޖުލައި/އޮގަސްޓް މަހު ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ގޭމްސް ކޮވިޑް-19 އާ ހެދި މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *