އެފްއޭއެމްގެ ކޮންގްރެސް ފަސްކޮށްފި

މިއަދު ބާއްވަން ކުރިން ހަމަޖައްސާފައި އޮތް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކޮންގްރެސް އެ އިދާރާއިން ފަސްކޮށްފި އެވެ. އެފްއޭއެމްގެ މިހާރުގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވާން ނުވަ ވަރަކަށް މަސްދުވަސް ބާކީ އޮއްވައި ކުއްލިގޮތަކަށް އިއުލާންކުރި އިންތިހާބާ ގުޅިގެން ބާއްވަން ހަމަޖެއްސި ކޮންގްރެސް ފަސްކޮށްފައި ވަނީ މިރޭ 08:30 ގައި ހޮޓެލް ޖެންގައި އެ ކޮންގްރެސް އޮންނާނެކަން މިއަދު މެންދުރުފަހުގެ ވަގުތެއްގައި މީޑިއާތަކާއި ހިއްސާކުރިތާ ކުޑައިރުކޮޅެއް ފަހުންނެވެ.
އެފްއޭއެމްގެ ކޮންގްރެސް ފަސްކުރިކަން މީޑިއާތަކާއި ހިއްސާކުރަމުން ބުނެފައިވަނީ އެފްއޭއެމަށް ލިބުނު ލަފައަކާއި ގުޅިގެން ހާލަތު ރަގަޅުވަންދެން މިރޭ ބާއްވަން ހަމަޖައްސާފައި އޮތް ކޮންގްރެސް ފަސްކުރަން އެ އިދާރާއިން ނިންމާފައިވާ ކަމަށާއި، ދެން ކޮންގްރެސް ބާއްވާނެ ތާރީހެއް ފަހުން އަންގާނެ ކަމަށެވެ. އެކަމަކު އެފްއޭއެމްގެ ކޮންގްރެސް ފަސްކުރަން ލަފާދިނީ ކޮން އިދާރާއަކުން ކަމެއް އަދި އަލުން ބާއްވާނީ ކޮން ހާލަތެއް ރަގަޅުވެގެން ކަމެއް އެފްއޭއެމުން ބުނެފައެއް ނުވެ އެވެ.
މިއަދު ބާއްވަން ހަމަޖެހިފައި އޮތް އެފްއޭއެމްގެ ކޮންގްރެސް ފަސްކޮށްފައި މިވަނީ މިހާރު ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އެ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން އަޅަމުން އަންނަ ދަނޑިވަޅެއްގަ އެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އަޅަމުން އަންނަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި އެންމެ އިސް ދައުރެއް އަދާކުރަމުން އަންނަ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ވަނީ ކޮންމެހެން ބާއްވަންޖެހޭ ބައްދަލުވުންތައް ފިޔަވައި އެހެން ބައްދަލުވުންތައް ނުބޭއްވުމަށާއި، ކޮންމެހެން ބާއްވަންޖެހޭ ބައްދަލުވުންތައްވެސް ޓެލެކޮންފަރެންސް ފަދަ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ބޭއްވުމަށް ހުރިހާ ފަރާތްތަކަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އެފްއޭއެމްގެ ކޮންގްރެސް އާ ގުޅޭގޮތުން ރާއްޖޭގެ އޮންލައިން މީޑިއާ އަކުން ދެންނެވި ސުވާލަކަށް ޖަވާބުދެމުން އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒް މިދިޔަ ހަފްތާގައި ވިދާޅުވެފައިވަނީ އޭއެފްސީ އާއި ފީފާއިން ކޮންގްރެސް ނުބޭއްވުމަށް އޭރު އަންގާފައި ނެތްކަމަށެވެ. އެކަމަކު މިރޭ ކޮންގްރެސް އޮންނާނެ ކަމަށް މީޑިއާ ތަކަށް އެންގުމަށްފަހު ބައިގަޑިއިރުވެސް ހަމަނުވަނީސް އެފްއޭއެމުން ކޮންގްރެސް ފަސްކުރިކަން މީޑިއާތަކަށް އެންގީ އޭއެފްސީ ނުވަތަ ފީފާ އިން އެގޮތަށް ލަފާ ދީގެން ކަމެއް ކަށަވަރެއް ނުވެ އެވެ.
އެފްއޭމްގެ އިންތިހާބުގައި އެ އިދާރާގެ ރައީސްގެ ކަމަށް މިފަހަރު ވާދަކުރައްވަނީ މިހާރުވެސް އެ އިދާރާގެ ރައީސްކަން ކުރައްވަމުން އަންނަ ބައްސާމް އަދީލް ޖަލީލް އެކަންޏެވެ.
Advertisement


Leave a Reply