ކޮވިޑް-19: ދުނިޔޭގެ ފުޓްބޯޅަ އަށް އައި ބޮޑެތި ބަދަލުތައް!

Advertisement

ކޮވިޑް-19: ދުނިޔޭގެ ފުޓްބޯޅަ އަށް އައި ބޮޑެތި ބަދަލުތައް!

ޢަލީ ޝަހީމް
2016 ވަނަ އަހަރުގެ ޔޫރޯ ޗެމްޕިއަންކަން ހޯދި ޕޯޗުގަލް ޓިމުން ތަށި އުފުލާލަނީ. މިއަހަރުގެ ޔޫރޯ މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފައި

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް 19 އާއި ގުޅިގެން ކުޅިވަރުގެ ގިނަ ހަރަކާތްތައް މަޑުޖެހިފައިވާއިރު ޔޫރަޕްގެ ލީގުތައް މިވަގުތަށް ވަނީ މެދުކަނޑާލައިފަ އެވެ. އެހެންވެ ފުޓްބޯޅަ ސީޒަން ކުރިއަށް ގެންދެވޭނެތޯ ކްލަބްތަކާއި ކުޅުންތެރިން އަދި ސަޕޯޓަރުން ވެސް މިހާރު ވަނީ ސުވާލު އުފައްދައިފަ އެވެ. ސަބަބަކީ ޗައިނާގެ ވޫހާން ސިޓީގައި ފެތުރެންފެށި ކޮރޯނާވައިރަސް މިހާރު ޔޫރަޕަށް ފެތުރި ބައެއް ގައުމުތައް “ލޮކްޑައުން” ކޮށްފައިވުމެވެ. އެހެންނަމަވެސް ފުޓްބޯޅައިގެ ހަރަކާތްތަކަށް ގެނައި ބޮޑު ބަދަލުތަކާއެކު ފުޓްބޯޅަ ސީޒަންތައް ނިންމާލަން ގައުމުތަކަށް މިހާރު ވަނީ އެކަށީގެންވާ ވަގުތު ލިބިފަ އެވެ.

ޔޫރަޕްގެ މިހާރުގެ ހާލަތަށް ބަލާއިރު ވައިރަސް ހުއްޓުވުމުގައި އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވަނީ އިޓަލީ އާއި ސްޕެއިން އަށެވެ. އިޓަލީގައި ވައިރަހުގެ ސަބަބުން މަރުވާ މީހުންގެ ނިސްބަތް ގިނަވާއިރު އެގައުމުގެ ލީގުގެ ކުޅުން އަލުން ފަށަން ޝެޑިއުލް ކޮށްފައިވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހެ އެވެ. އެކަމަކު ކުޅުން އަލުން ފެށޭނެކަމުގެ އެއްވެސް ޔަގީންކަމެއް އިޓަލީގެ އެފްއޭ އަކަށް ނެތެވެ. އެހެންވެ އިޓަލީގެ އެފްއޭ އިން ނިންނި އެންމެ ބޮޑު ނިންމުމަކީ ޔޫރޯ2020 ފަސްކުރުމަށް ޔޫއެފާގެ ކިބައިން އެދުމެވެ.

Advertisement

އިޓަލީގެ ހުށަހެޅުމުގެ އިތުރުން ޔޫރަޕްގެ ގައުމުތަކުގެ އެސޯސިއޭޝަންތަކުން އެއްބަސްވެ މިއަހަރުގެ ޔޫރޯ މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ. މިފަހަރުގެ ޔޫރޯ ޔޫރަޕްގެ ތަފާތު 12 ސިޓީއެއްގައި ކުޅޭގޮތަށް ހަމަޖެއްސިއިރު މުބާރާތް ހުޅުވާ މެޗު ކުޅޭ ގޮތަށް ހަމަޖައްސާފައި ވަނީ ކޮރޯނާވައިރަހުގެ ބިރުވެރިކަމުގައި އޮތް އިޓަލީގެ ރޯމްގެ ސްޓާޑިއޯ އޮލިމްޕިކޯ ސްޓޭޑިއަމްގަ އެވެ. ފަސްކުރި ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރު އޮންނާނީ ޖޫން 11 އިން ޖުލައި 11 ގެ ނިޔަލަށެވެ.

ޔޫރޯ ފަސްކުރުމުގެ އިތުރުން ފުޓްބޯޅައިގެ ގިނަ ހަރަކާތްތަކަކަށް އިއްޔެ ވަނީ ބަދަލުތައް ގެނެސްފަ އެވެ. އޭގެތެރޭގައި ބައެއް މުބާރާތްތަކުގެ ތާރީހް އަލުން ކަނޑައެޅިއިރު އިތުރު ބައެއް ހަރަކާތްތަކުގެ ސީދާ ތާރީހް ފަހުން އިއުލާންކުރާ ގޮތަށް ނިންމި އެވެ.

ފުޓްބޯޅައިގެ ޝެޑިއުލަށް އައި މުހިއްމު ބަދަލުތައް:

ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކުރިއިރު، އަންނަ އަހަރު ވިމެންސް ޔޫރަޕިއަން ޗެމްޕިއަންޝިޕް ވެސް އޮންނާނެ އެވެ. މި މުބާރާތް އޮންނާނީ ކުރިން ވެސް ޝެޑިއުލް ކުރެވިފައިވާ ގޮތަށް އިންގްލެންޑުގަ އެވެ. އަންނަ އަހަރުގެ ޖުލައި ހަތް ވަނަ ދުވަހު ވިމެންސް ޔޫރަޕިއަން ޗެމްޕިއަންޝިޕް ފަށަން ހަމަޖައްސާފައިވާއިރު އެއީ ފަސްކުރި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ހަތަރު ދުވަސް ކުރި އެވެ. ޔޫރޯ ފުޓްބޯޅަ މުބާރާޓުގެ ސެމީ ފައިނަލް މެޗުތަކާއި ފައިނަލް މެޗު އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭގޮތަށް ހަމަޖެހިފައިވާއިރު ވިމެންސް ޔޫރަޕިއަން ޗެމްޕިއަންޝިޕް އެދުވަސްވަރާ ދިމާވާތީ ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

ވިމެންސް ޔޫރޯގެ އިތުރުން އަންނަ އަހަރުގެ ހޫނު މޫސުމާ ދިމާކޮށް ޝެޑިއުލްކޮށްފައިވާ މުބާރާތްތަކުގެ ތެރޭގައި ޔޫއެފާ ނޭޝަންސް ލީގުގެ ފަހު ބުރާއި ޔޫރަޕިއަން އަންޑަ-21 ޗެމްޕިއަންޝިޕް ހިމެނެ އެވެ. ޔޫރޯ ފަސްކުރުމާއެކު އަންނަ އަހަރުގެ ހޫނު މޫސުމުގައި ޔޫއެފާގެ ހަތަރު މުބާރާތް ކުރިއަށްދާނެ އެވެ. ޔޫއެފާ އިން އިއްޔެ ބުނީ ކުޅިވަރުގެ ބޮޑު ހަރަކާތްތައް ރީޝެޑިއުލް ކުރަން މަޝްވަރާ ކުރާނެ ކަމަށެވެ. އެކަމަކު ވިމެންސް ޔޫރޯ އާއި 21 އަހަރުން ދަށުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ތާރީހުތަކަށް ބޮޑު ބަދަލުތަކެއް ނާންނާނެ ކަމަށް ޔޫއެފާއިން ބަނީ ބުނެފަ އެވެ.

“ޔޫރޯ ފަސްކުރުމުގެ ބޭނުމަކީ މުބާރާތް ބާއްވާ 12 ގައުމަށް މިދަނޑިވަޅުގައި އިތުރު ޕްރެޝަރެއް ނުދިނުން. އަދި، ޑޮމެސްޓިކް މުބާރާތްތައް ނިންމާލުމަށް މުއްދަތެއް ގައުމުތަކަށް ލިބެންޖެހޭ” ޔޫއެފާއިން އިއްޔެ ހާމަކޮށްފައިވެ އެވެ.

ޔޫރޯ ޕްލޭއޮފް މެޗުތައް ޖޫން މަހަށް

ޔޫއެފާއިން އިއްޔެ ގެނައި އަނެއް ބަދަލަކީ މި މަހުގެ 26 އާއި 31 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ޔޫރޯގެ ޕްލޭއޮފް މެޗުތައް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ފަސްކޮށްފަ އެވެ. ޔޫރޯގެ ފަހު ހަތަރު ޖާގަ ހޯދުމަށް ކުޅޭ ޕްލޭއޮފް މެޗުތަކުގެ ތެރެއިން ބައެއް މެޗުތައް ފަސްކޮށްދިނުމަށް ގައުމުތަކުން މީގެ ކުރިން ވެސް ވަނީ އެދިފަ އެވެ. އެ މެޗުތައް ވެސް ޔޫއެފާއިން މިހާރު ވަނީ ޖޫން މަހުގެ ނިޔަލަށް ރީޝެޑިއުލްކޮށްފަ އެވެ. އޭގެތެރޭގައި ސްކޮޓްލެންޑާއި އިސްރާއީލް ވާދަކުރާ މެޗުތައް، ނޮދާން އަޔަލެންޑް އާއި ބޮސްނިއާ ކުޅޭ މެޗުތަކާއި ރިޕަބްލިކް އޮފް އަޔަލެންޑް އަދި ސްލޮވާކިއާގެ މެޗުތައް ހިމެނެ އެވެ.

ޔޫރޯ ޕްލޭއޮފް މެޗުތަކުގެ އިތުރުން މިމަހު ޔޫރަޕްގައި ކުޅުމަށް ހަމަޖެހިފައިވާ ބައިނަލްއަގްވާމީ ހުރިހާ މެޗެއް ވެސް މިހާރު ވަނީ ޖޫން މަހުގެ ނިޔަލަށް ފަސްކޮށްފަ އެވެ. މި މެޗުތައް އެންމެ އަވަހަށް ވެސް ކުޅެވޭނެ ކަމަށް ބެލެވެނީ ޖުލައި މަހު އެވެ. އެކަމަކު ޔޫއެފާއިން އަދި މެޗުތައް ރީޝެޑިއުލްކުރި ތާރީހުތައް އިއުލާންކޮށްފައެއްނުވެ އެވެ.

ކޮޕާ އެމެރިކާ ވެސް އަންނަ އަހަރު

މިދިޔަ އަހަރުގެ ކޮޕާ އެމެރިކާ ޗެމްޕިއަންކަން ހޯދި ބްރެޒިލް. މިއަހަރުގެ ކޮޕާ އެމެރިކާ މުބާރާތް މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފައި

ޔޫއެފާގެ އިތުރުން ދެކުނު އެމެރިކާ ފުޓްބޯޅައިގެ މައި އިދާރާ، ކޮންމެބޮލް އިން ވަނީ މިއަހަރު އެސަރަހައްދުގެ ގައުމުތަކަށް ބާއްވަން ހަމަޖެހިފައިވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ވެސް އަންނަ އަހަރަށް ފަސްކޮށްފަ އެވެ. ކުރިން ޝެޑިއުލް ކޮށްފައިވާ ގޮތުން ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް އާޖެންޓީނާ އާއި ކޮލަމްބިއާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ޖޫން 11 އިން ޖުލައި 11 އަށެވެ. އެހެންނަމަވެސް 2021 ވަނަ އަހަރަށް މުބާރާތް ފަސްކޮށް އަލުން ބާއްވާނެ ތާރީހު ކޮންމެބޮލް އިން އަދި އިއުލާންކޮށްފައެއްނުވެ އެވެ.

ކްލަބް ވޯލްޑް ކަޕަށް ވެސް ބަދަލެއް

ބަދަލުތަކަކާއެކު 24 ޓީމު ހިމަނައިގެން ބާއްވާ ފުރަތަމަ ކްލަބް ވޯލްޑް ކަޕް ބާއްވަން ކުރިން ޝެޑިއުލްކޮށްފައި އޮތީ އަންނަ އަހަރުގެ ޖޫން ޗައިނާގަ އެވެ. އެހެންނަމަވެސް، ފީފާ އިން މިހާރު ވަނީ ކްލަބް ވޯލްޑް ކަޕްގެ އާ މުބާރާތް ފެށުން ފަސްކޮށްފަ އެވެ. ކްލަބް ވޯލްޑް ކަޕް ފަސްކުރަން ފީފާ އަށް މަޖުބޫރުވީ އަންނަ އަހަރުގެ ޖޫން މަހު ޔޫރޯ ފުޓްބޯޅަ މުބާރާތް ބޭއްވަން ނިންމުމުންނެވެ. މި މުބާރާތް އަލުން ބާއްވަން ތާރީހެއް ހޯދުމަކީ ފީފާ އަށް އޮތް ގޮންޖެހުމެކެވެ. އެއީ 2022 ވަނަ އަހަރުގެ ފަހުކޮޅު ގަތަރުގައި ވޯލްޑް ކަޕް އޮތުމާއި ދެމެދު އާ ކްލަބް ވޯލްޑް ކަޕް ބާއްވާނެ ދުވަސްވަރެއް ހޯދަން އުނދަގޫވުމެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ. ބޭނުންވި ގޮތަށް އާ ކްލަބް ވޯލްޑް ކަޕް އަންނަ އަހަރު ބޭއްވޭ ގޮތެއް ނުވި

ކޮރޯނާވައިރަހުގެ އަސަރު މުޅި ދުނިޔެއަށް ފެތުރިފައިވާ މި ދަނޑިވަޅުގައި ފީފާ އިން ނިންމާފައިވަނީ ވޯލްޑް ހެލްތު އޯގަނައިޒޭޝަނަށް (ޑަބްލިއުއެޗްއޯ) 10 މިލިއަން ޑޮލަރު ހަދިޔާކުރަން ނިންމައިފަ އެވެ. ފީފާގެ މި ފައިސާ ހާއްސަކުރާނީ ޑަބްލިއުއެޗްއޯގެ ކޮވިޑް-19 ސޮލިޑާރިޓީ ރެސްޕޯންސް ފަންޑަށެވެ.

ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ޖޫން 30 ގެ ނިޔަލަށް އިތުރުކުރުން

ކޮރޯނާވައިރަހާއި ގުޅިގެން ގެންނަން ޖެހުނު މަޖުބޫރު ބަދަލުތަކާއެކު މި ސީޒަނުގެ ޔޫރަޕްގެ ހުރިހާ ލީގަކާއި އެހެން މުބާރާތްތައް ނިންމަން ކަނޑައަޅާފައިވާ އެންމެ ފަހު ތާރީހަކަށް ޖޫން 30 މިހާރު ވަނީ ހަމަޖައްސައިފަ އެވެ. އޭގެތެރޭގައި ލީގުތަކާއި ކަޕް މެޗުތަކުގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫއެފާ ޔޫރޮޕާ ލީގުގެ މެޗުތައް ހިމެނެ އެވެ.

ޔޫރަޕްގެ ފަސް ލީގު މިހާރު މެދުކަނޑާލާފައިވާ ގޮތް:

ޕްރިމިއާ ލީގު: އިނގިރޭސިވިލާތުގެ ހުރިހާ ކުޅިވަރު ހަރަކާތެއް މެދުކަނޑާލުމަށް ފަހު އަލުން ފެށުމަށް އިއުލާންކޮށްފައިވާ ތާރީހަކީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެހެންނަމަވެސް، ހާލަތަށް ބަލައި ތާރީހު އިތުރަށް ފަސްކުރަން ވަނީ ނިންމައިފަ އެވެ.

ސްޕެނިޝް ލަ ލީގާ: ސްޕެއިންގެ މަތީ ފަންތީގެ ފުޓްބޯޅަ މެޗުތަ ވެސް އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ސަސްޕެންޑް ކޮށްފައިވާއިރު އަލުން ފަށާނެ ކަމަށް ބުނެފައިވަނީ ހާލަތު އަލުން “ރީއިވެލުއޭޓް” ކޮށްފައި ކަމަށް ވަނީ ބުނެފަ އެވެ.

އިޓާލިއަން ލީގު: ޔޫރަޕްގައި މިވަގުތު އެންމެ ބާރަށް ކޮރޯނާވައިރަސް ފެތުރެމުން އަންނަ އިޓާލިއަން ލީގު އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ފަސްކޮށްފައިވީ ނަމަވެސް އެގައުމު “ލޮކްޑައުން” ކޮށްފައިވާތީ އެތާރީހުގައި ލީގު އަލުން ފެށުމަކީ ގާތްގަނޑަކަށް ނުވާނެ ކަމެއްކަން ވަނީ ކަށަވަރުވެފަ އެވެ.

ޖަރުމަނު ބުންޑަސްލީގާ: ޔޫރަޕްގެ ވަރުގަދަ އެހެން ލީގުތަކެކޭ އެއްގޮތަށް ޖަރުމަނުން ވެސް ވަނީ ބުންޑަސްލީގާގެ ކުޅުން އަންނަ މަހުދެ ވަނަ ދުވަހުގެ ނިޔަލަށް ފަސްކޮށްފަ އެވެ.

ފްރެންޗް ލީގު ވަން: ކޮރޯނާވައިރަހާއި ގުޅިގެން ފްރާންސްގައި އެންމެ ފުރަތަމަ މެޗުތައް ކުޅޭގޮތަށް ނިންނީ ސަޕޯޓަރުން ނުވައްދަ އެވެ. އެހެންނަމަވެސް އެގައުމުގައި ވައިރަހުގެ ހާލަތު ގޯސްވަމުން ދާން ފެށުމުން މިހާރު ވަނީ ވަކި މުއްދަތެއް ނެތްގޮތަށް ލީގު ސަސްޕެންޑްކޮށްފަ އެވެ.

ކޮރޯނާވައިރަހަށް ފަރުވާ ހޯދަމުން އަންނަ ޗެލްސީގެ ހަޑްސަން ހޮޑޯއީ އާއި އާސެނަލްގެ ކޯޗު އާޓެޓާ އަދި ޔުވެންޓަސްގެ ރުގާނީ. ވައިރަހުގެ އަސަރު ގިނަ ކުޅުންތެރިންތަކަކަށް ވަނީ ކޮށްފައި.

ވައިރަސް ފެތުރި އިތުރު ލަސްތަކެއް ލީގުތަކަށް އަތުވެއްޖެ ނަމަ ޖޫން 30 ގެ ނިޔަލަށް ފުޓްބޯޅަ ސީޒަންތައް ނިންމާލުމުގައި އަނެއްކާވެސް ގޮންޖެހުންތަކެއް ކުރިމަތިވެދާނެ އެވެ. އެހެންވެ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު މިނީ މުބާރާތަކަށް ބަދަލުކޮށް ކުރިއަށް ގެންދިއުމުގެ ވިސްނުން ވެސް ޔޫއެފާއިން މިހާރު ގެންގުޅެ އެވެ. އެއީ ކޮރޯނާވައިރަހުގެ ސަބަބުން ލީގު މެޗުތަކާއި ކަޕް މުބާރާތްތަކުގެ މެޗުތައް ޝެޑިއުލް ކުރުމުގައި އެކަށީގެންވާ ދުވަސް ނުލިބިއްޖެ ނަމަ އެވެ.

މީގެ އިތުރުން ލީގު މެޗުތަކާއި ކަޕް މެޗުތައް “މިޑްވީކް” އަށް ބަދަލުކުރުމާއި ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ މެޗުތައް ހަފްތާ ބަންދަށް ބަދަލުކުރުމަކީ ވެސް ޔޫއެފާގެ ވިސްނުމުގައި މިހާރު އޮތް ކަމެކެވެ. އެހެންނަމަވެސް މި ހުރިހާ ބަދަލެއް ވެސް ގެންނާނީ ކޮރޯނާވައިރަހުގެ ހާލަތު އިތުރަށް ގޯސްވެ މެޗުތަކަށް ބުރޫ އަރާނަމަ އެވެ.

ކޮންމެ ސީޒަނެއް ވެސް ނިމުމުން ކުރިއަށް އޮތް ސީޒަނުގެ ޔޫރަޕްގެ ކްލަބް މުބާރާތްތަކުގެ އެންމެ އަވަސް ކޮލިފައިން ބުރު ޖުލައި މަހު ފަށަ އެވެ. އެހެންނަމަވެސް އަންނަ ސީޒަނުގެ ޔޫރަޕްގެ ކްލަބް މުބާރާތްތަކުގެ ކޮލިފައިން މެޗުތައް މިއަހަރުގެ ޖުލައި މަހު ނުކުޅޭ ގޮތަށް ނިންމައި ޔޫއެފާ އިން ވަނީ ތާރީހް އަލުން އިއުލާންކުރާނެ ކަމަށް ބުނެފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *