އެންމެ އަގުހުރި ކުޅުންތެރިން ތިބީ ލިވަޕޫލްގައި

Advertisement

އެންމެ އަގުހުރި ކުޅުންތެރިން ތިބީ ލިވަޕޫލްގައި

ޢަލީ ޝަހީމް

ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން އެންމެ އަގުހުރި ސްކޮޑް އޮތީ ލިވަޕޫލްގައި ކަމަށް ފުޓްބޯޅައިގެ ދިރާސާކުރާ އިންޓަނޭޝަނަލް ސެންޓަ ފޯ ސްޕޯޓްސް ސްޓަޑީޒް ނުވަތަ ސިއެސް ފުޓްބޯލް އޮބްޒަވޭޓަރީ އިން ބުނެފި އެވެ.

ސިއެސް އިން ނެރުނު ލިސްޓުން ޔޫރަޕްގެ ޗެމްޕިއަން ލިވަޕޫލަށް އެއް ވަނަ ލިބޭއިރު އެ ކްލަބުގެ ސްކޮޑުގެ އަގަކީ 1.4 ބިލިއަން ޔޫރޯ ނުވަތަ 1.27 ބިލިއަން ޕައުންޑެވެ. ލިސްޓުގެ ދެ ވަނައިގައި އޮތް މެންޗެސްޓަރ ސިޓީގެ އަގަކީ 1.24 ބިލިއަނެވެ. ދިރާސާގައި ހިމެނީ އިންގްލެންޑް، އިޓަލީ، ސްޕެއިން، ފްރާންސް އަދި ޖަރުމަނު ލީގެވެ.

ލިސްޓުގެ އެހެން ވަނަތަކަށް ބަލާއިރު ޗެލްސީ އޮތީ ފަސް ވަނައިގަ އެވެ. އިނގިރޭސި އެހެން ކްލަބްތަކުގެ ތެރެއިން މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓެންހަމް ވަނީ ގަދަ 10 ގައި ހިމެނިފަ އެވެ. 33.7 މިލިއަން ޕައުންޑާއެކު ލިސްޓުގެ އެންމެ ފުލުގައި އޮތް ކްލަބަކީ ޖަރުމަނު ލީގު ތާވާލުގެ ފުލުގައި އޮތް ޕެޑަބޯން އެވެ.

ލިވަޕޫލާ ސިޓީގެ ފަހަތުން ލިސްޓުގެ ތިން ވަނައިގައި އުޅެނީ ބާސެލޯނާ އެވެ. ހަތަރު ވަނައިގައި އޮތީ ބާސެލޯނާއާ ވާދަވެރި ރެއާލް މެޑްރިޑް އެވެ. ފަސް ވަނައިގައި އޮތް ޗެލްސީ އާއި ހަ ވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑާ ދެމެދު ކުޑަ ފަރަގެއް އޮތްއިރު ލިސްޓުގެ ހަތް ވަނައިގައި އޮތީ ފްރާންސްގެ ޕީއެސްޖީ އެވެ. އަށް ވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތްއިރު 10 ވަނައިގައި އޮތީ ޔުވެންޓަސް އެވެ.

ލިވަޕޫލް ސްކޮޑުގެ އަގު އުފުލުމުގެ އެންމެ ބޮޑު ސަބަބަކަށް ވީ މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ކަމާއި، ޔޫއެފާ ސުޕަރ ކަޕް އަދި ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރުމެވެ. އަނެއްކޮޅުން ލީގުގައި ބަލިނުވެ އަހަރެއް ހަމަކުރުމާއި 30 އަހަރުތެރޭ ފުރަތަމަ ފަހަރަށް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރުމާ ގާތަށް ޖެހިލާފައި ވުމަކީވެސް އެޓީމުގެ އަގު އުފުލުމުގެ ސަބަބެކެވެ. ކޮރޯނާވައިރަހުގެ ސަބަބުން ލީގު މިވަގުތު މެދުކަނޑާލާފައިވާއިރު ބާކީ އޮތް ނުވަ މެޗުގެ ތެރެއިން ހަ ޕޮއިންޓް ކަށަވަރުކޮށްގެން ލިވަޕޫލަށް މި ސީޒަނުގެ ލީގު ލިބޭނެ އެވެ.

ލިސްޓުގެ ވަނަތަކަށް ބަލާއިރު އެންމެ ބޮޑު ހައިރާންކަމަކީ ޕީއެސްޖީ އާއި ޔުވެންޓަސް ކަހަލަ ޓީމުތައް ފަހަތަށް ޖައްސާލުމަށް ފަހު ފަސް ވަނައިގައި ޗެލްސީ އޮތުމެވެ. ސިއެސް އިން ބުނީ ޗެލްސީގެ ސްކޮޑުގެ އަގު 917 މިލިއަން ޕައުންޑަށް އުފުލުނީ ކުޅުންތެރިން ނުގެނެވޭގޮތަށް ފީފާ އިން އެ ކްލަބް ސަސްޕެންޑް ކުރުމުން ސީނިއާ ޓީމުގައި ކުޅުމުގެ ފުރުސަތު ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ދިނުމުންނެވެ. ޒުވާން ސްކޮޑަކާއެކު ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑުގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޗެލްސީ މިވަގުތު އޮތީ އިނގިރޭސި ލީގުގެ ހަތަރު ވަނައިގަ އެވެ.

ސްކޮޑްގެ އަގު ކަނޑައެޅުމުގައި ސިއެސް އިން ބަލާ މިންގަނޑުތަކުގެ ތެރޭގައި ކުޅުންތެރިންގެ އުމުރާއި، ކުޅުމުގެ ފެންވަރާއި، އަދި މުޅި ކްލަބުގެ އަގަށް އަންނަ ބަދަލު ހިމެނެ އެވެ. ފީފާ އިން އެފިލިއޭޓް ކޮށްފައިވާ އަމިއްލަ މި ގްރޫޕުން އަންނަނީ 2013 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެންމެ އަގުހުރި ކުޅުންތެރިން ހިމެނޭ ޓީމުގެ ޖުމްލަ އަގުތައް އިއުލާން ކުރަމުންނެވެ.

ސިއެސް އިން ވަނީ މިހާރު އެންމެ އަގުހުރި ކުޅުންތެރިޔާގެ ނަން ވެސް އިއުލާންކޮށްފަ އެވެ. މި ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ފްރާންސްގެ ޕީއެސްޖީ އަށް ކުޅޭ 21 އަހަރުގެ ހުނަވެރި ފޯވާޑް ކިލިއަން އެމްބާޕޭ އެވެ. އެމްބާޕޭގެ އަގު 227 މިލިއަން ޕައުންޑަށް ވުރެ މަތީގައި އުޅޭކަމަށް ސިއެސްގެ ދިރާސާއިން ވަނީ ދައްކައިފަ އެވެ. އެމްބާޕޭގެ ފަހަތުން ލިސްޓުގެ ދެ ވަނައިގައި ސިޓީގެ ފޯވާޑް ރަހީމް ސްޓާލިން ހިމެނޭއިރު ތިން ވަނައިގައި އޮތީ ލިވަޕޫލްގެ މުހައްމަދު ސަލާހް އެވެ. ހަތަރު ވަނައިގައި ބޮރޫޝިއާ ޑޯޓްމަންޑުގެ ފޯވާޑް ޖޭޑޮން ސަންޗޯ ހިމެނޭއިރު ފަސް ވަނައިގައި އޮތީ ސަޑިއޯ މާނޭ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *