ކޭއީސީ ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ރިވެންޖާސް ހޯދައިފި

ފައިނަލުގައި ވާދަވެރި ކުޅުމަކަށް ފަހު 3-2 އިން ފްރެންޑްސް އެފްސީ ބަލިކޮށް ކޮޅުފުށި އެކުވެރި ކްލަބް (ކޭއީސީ) ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ރިވެންޖާސް އެފްސީ ހޯދައިފި އެވެ.
މި މަހުގެ 6 އިން ރޭގެ ނިޔަލަށް ކޮޅުފުށީ ފުޓްސަލް ދަނޑުގައި ކުޅުނު މުބާރާތުގައި ޖުމްލަ ހަތް ޓީމަކުން ވަނީ ވާދަކޮށްފަ އެވެ. މުބާރާތުގެ ފައިނަލަށް ފްރެންޑްސް އާއި ރިވެންޖާސް ހޮވުނީ ލީގު އުސޫލުން ކުޅުނު ބުރަކަށް ފަހު ޕޮއިންޓުގެ ގޮތުން އެންމެ ކުރި ހޯދި ދެޓީމުގެ ގޮތުގަ އެވެ. ލީގު ބުރުން އެއް ވަނަ ޓީމުގެ ގޮތުގައި ފްރެންޑްސް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރިއިރު ރިވެންޖާސް ފައިނަލަށް ހޮވުނީ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ.
ލީގުގެ ބުރުގެ ކުޅުން ނިމުނުއިރު އެއް ވަނަ ހޯދި ފްރެންޑްސް ވަނީ ހަ މެޗުން 16 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނަ ލިބުނު ރިވެންޖާސް އަށް ހަ މެޗުން ލިބުނީ 13 ޕޮއިންޓެވެ. ތިން ވަނަ ލިބުނު ޓައިޓަންސް އެފްސީ އަށް ނުވަ ޕޮއިންޓް ވަނީ ލިބިފަ އެވެ. ހަތަރު ވަނަ ހޯދި ޓީމް ޔުނީކް އާއި ފަސް ވަނަ ހޯދި އެފްސީ ހަބޭސް އަށް ލިބުނީ ހަތް ޕޮއިންޓެވެ. ހަ ވަނަ އަށް ހަ ޕޮއިންޓާއެކު ޖަޒީރާ އެފްސީ ދިޔައިރު ފުލަށް ދިޔަ އެފްސީ އަމިގޯސް އަށް ލިބުނީ ދެ ޕޮއިންޓެވެ.
މިދިޔަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ރިވެންޖާސް ބަލިކޮށް ހޯދީ ފްރެންޑްސް އިންނެވެ. އެހެންވެ މިއަހަރުގެ މުބާރާތުގައި މިދެޓީމުގެ ވާދަވެރިކަން އޮތީ އިތުރަށް ބޮޑުވެފަ އެވެ. މި ދެޓީމަކީ އެރަށުގެ އެންމެ ވަރުގަދަ ދެޓީމެވެ. ފައިނަލް މެޗަށް ފަހު ރޭ ވަނީ މަގާމްތަކަށް ހޮވުނު ކުޅުންތެރިންނަށް މެޑަލާއި ޓްރޮފީދީފަ އެވެ. މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ޓައިޓަންސް އެފްސީ އަށް ކުޅުނު މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ އަޔާޒް އަހުމަދު (އަޔާ) އެވެ. ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ކުޅޭ އަޔާ އަކީ ގައުމީ ސްކޮޑުގައި ވެސް މިދިޔަ އަހަރާއި މިއަހަރު ވެސް ހިމެނުނު ކުޅުންތެރިއެކެވެ.
ފުޓްސަލް މުބާރާތެއްގެ އިތުރުން ކޭއީސީ އިން ވަނީ އެރަށުގެ ވޮލީކޯޓުގައި އަންހެން ކުޅުންތެރިންނަށް ހާއްސަކޮށްގެން ވޮލީ މުބާރާތެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. ކޭއީސީ އަކީ އެރަށުގެ އިޖުތިމާއީ އަދި ކުޅިވަރުގެ ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއް ޖަމިއްޔާ އެވެ. އެރަށުގައި ޓާފް ފުޓްސަލް ދަނޑަކާއި ޓާފް ވޮލީ ދަނޑެއް ތަރައްގީކުރީ އެ ޖަމިއްޔާގެ އިސްނެގުމާއެކު އެވެ.
Advertisement


Leave a Reply