އާޓެޓާގެ ހާލު އަންނަނީ ރަނގަޅުވަމުން
ކޮރޯނާވައިރަހަށް މީގެ ދެ ދުވަސް ކުރިން ޕޮޒިޓިވްވި އާސެނަލްގެ ކޯޗު މިކޭލް އާޓެޓާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭނާ ބުނެފި އެވެ. އާޓެޓާ ކޮރޯނާވައިރަހަށް ޕޮޒިޓިވްވިކަން ކްލަބުން ހާމަކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ސްޕެއިނަށް އުފަން 37 އަހަރުގެ އާޓެޓާ އިއްޔެ ކުރި ޓްވީޓެއްގައި ބުނީ ރަނގުވާކަމުގެ އިހުސާސް މިހާރު ވެސް ކުރެވޭ ކަމަށާއި އެކަމުގައި އޭނާ އަށް ހިތްވަރުދޭ އެންމެންނަށް ޝުކުރުއަދާކުރާ ކަމަށެވެ. އަދި މިއީ މުޅި ދުނިޔެ ވެސް މިއަދު ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުމެއް ކަމަށް އާޓެޓާ ބުނެފައިވެ އެވެ.
“މިވަގުތު އެންމެ މުހިއްމީ އެންމެންގެ ސިއްހަތު. ގައިޑްލައިންތަކުގައި ބުނާ ގޮތަށް އަމަލުކޮށް އެކަކު އަނެކަކު ރައްކާތެރިކުރުމަށް މަސައްކަތް ކުރަންވީ. މިކަމުން ސަލާމަތްވާން މަސައްކަތްކުރާނީ އެންމެން އެއްކޮށް” ކަރަންޓީނުގައި ހުރެ މިހާރު ފަރުވާ ހޯދަމުން އަންނަ އާޓެޓާ ބުނެފައިވެ އެވެ.
އާޓެޓާ އަށް ކޮރޯނާވައިރަސް ޖެހުމުން އާސެނަލުން މިހާރު ވަނީ އެ ކްލަބުގެ ޓްރެއިނިން ގްރައުންޑް ބަންދުކޮށްފަ އެވެ. އަދި، އާޓެޓާއާ ބައްދަލުވި ކްލަބުގެ އެންމެން ވެސް މިވަގުތު ތިބީ އެކަހެރިކޮށްފަ އެވެ. އޭގެ ތެރޭގައި އާޓެޓާ ބައްޔަށް ޕޮޒިޓިވް ވުމުގެ ކުރިން އޭނާއާ ބައްދަލުވި ކްލަބުގެ ސްޓާފެއް ހިމެނެ އެވެ. އަދި، ކްލަބުގެ ކުޅުންތެރިން ވެސް މިވަގުތު ތިބީ ކަރަންޓީނުގަ އެވެ.
އާޓެޓާގެ އިތުރުން ޗެލްސީގެ ޒުވާން ފޯވާޑް ކަލުމް-ހަޑްސަން އޮޑޯއީ ވެސް ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި، ލެސްޓާ ސިޓީގެ ތިން ކުޅުންތެރިއެއްގެ ގައިން ކޮރޯނާވައިރަހުގެ އަސަރުތައް ފެނުމުން މިވަގުތު ތިބީ އެކަހެރިކޮށްފަ އެވެ. އެވަޓަންގެ މުޅި ޓީމުވެސް ސެލްފް-އައިސޮލޭޝަންގައި ތިބިއިރު އާއިލާގެ މެމްބަރަކު ކޮރޯނާވައިރަހަށް ޝައްކު ކުރެވި ހޮސްޕިޓަލުގައި އެނދުމަތި ކުރުމުން މެންޗެސްޓަރ ސިޓީގެ ފްރާންސް ޑިފެންޑަރު ބެންޔަމިން މެންޑީ ވެސް މިވަގުތު ހުރީ އަމިއްލަ އަށް އެކަހެރި ވެގެންނެވެ.
އިނގިރޭސިވިލާތުގައި ކޮރޯނާވައިރަސް ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން އެގައުމުގެ ފުޓްބޯޅައިގެ ހުރިހާ ހަރާކާތެއް އަންނަ މަހުގެ ތިން ވަނަ ދުވަހު ނިޔަލަށް ވަނީ ސަސްޕެންޑްކޮށްފަ އެވެ. އާޓެޓާ ވަނީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތެއް ދެ ހަފްތާގެ މުއްދަތަކަށް ހުއްޓާލުމުން އެއީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ބުނެފަ އެވެ.
ކޯޗު ބައްޔަށް ފަރުވާހޯދުމާއި، ކުޅުންތެރިން އެކަހެރިކުރަން ޖެހުމުން އާސެނަލުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނީ އެންމެ މުހިއްމީ އެންމެންގެ ސިއްހަތު ކަމަށާއި، މި ހާލަތު މެނޭޖް ކުރުމަށް ފަހު އިދާރާތަކުން ދޭ އިރުޝާދާ އެއްގޮތަށް ތަމްރީނުތައް އަލުން ފަށާނެ ކަމަށެވެ. އެހެންނަމަވެސް، އާސެނަލުން ފަރިތަކުރުންތައް އަލުން ފަށާނެ ކަމަށް ބެލެވެނީ އާޓެޓާގެ ހާލަތާއި ކުޅުންތެރިންގެ އެންމެ ފަހުގެ ހާލަތަށް ބެލުމަށް ފަހުގައިކަމަށް ރިޕޯޓުތައް ބުނެ އެވެ.
އާސެނަލްގެ ޓީމަށް ކޮރޯނާވައިރަހުގެ ބިރު ބޮޑުވީ ޔޫއެފާ ޔޫރޮޕާ ލީގުގައި މިދިޔަ މަހުގެ 27 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ގްރީސްގެ އޮލިމްޕިއާކޯސް އަތުން ބަލިވެ ކެޓި މެޗުގައި އޮލިމްޕިއާކޯސްގެ އޯނަރު 52 އަހަރުގެ އިވަންގެލޯސް މަރިނާކިސްއާ ކޮންޓެކްޓް ވުމުންނެވެ. މެޗަށް ފަހު ގާތްގަނޑަކަށް ފަސް ވަރަކަށް ދުވަސް ފަހުން މަރިނާކިސް ވަނީ އޭނާ ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާކަން ހާމަކޮށްފަ އެވެ. އެހެންވެ އާސެނަލުން މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ ރަށުން ބޭރުގައި މެންޗެސްޓަރ ސިޓިއާ ކުޅެން އޮތް މެޗު ވެސް ވަގުތުން ވަނީ ކެންސަލްކޮށްފަ އެވެ. އެހިސާބުން އާސެނަލްގެ ކުޅުންތެރިން ވަނީ އަމިއްލަ އަށް އެކަހެރިވެފަ އެވެ. އާޓެޓާ ބައްޔަށް ޕޮޒިޓިވްވީ އޭގެ ފަހުންނެވެ.
ކޮރޯނާވައިރަހުގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅައިގެ ބޮޑެތި ހުރިހާ ލީގެއް މިހާރު ވަނީ މެދުކަނޑާލައިފަ އެވެ. އޭގެތެރޭގައި އިޓަލީ، ސްޕެއިން، ފްރާންސް، ޖަރުމަނު، ނެދަލެންޑްސް އަދި ޕޯޗުގަލް ހިމެނެ އެވެ. މީގެ އިތުރުން އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް) ވެސް މިހާރު ވަނީ މަސް ދުވަހުގެ މުއްދަތަށް މެދުކަނޑާލައިފަ އެވެ.
އިނގިރޭސި ފުޓްބޯޅަ ޓީމުތަކުގެ އިތުރުން ޔޫރަޕްގެ ބައެއް ކްލަބްތަކުގެ ކުޅުންތެރިންނަށް ކޮރޯނާވައިރަހުގެ ބިރު ވަނީ ބޮޑުވެފަ އެވެ. ޔުވެންޓަސްގެ އިޓަލީ ޑިފެންޑަރު ޑެނިއެލް ރުގާނީ އާއި ސަމްޕްޑޯރިއާގެ މަނޯލޯ ގަބިއަޑީނީ ބައްޔައް ފަރުވާ ހޯދަމުން އަންނައިރު ޖަރުމަނުގެ ބައެއް ކުޅުންތެރިން ވެސް ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި، ސަމްޕްޑޯރިއާ އިން އިއްޔެ ވަނީ އެޓީމުގެ އިތުރު ކުޅުންތެރިންތަކެ ވެސް ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާކަން ހާމަކޮށްފަ އެވެ.
Advertisement
Leave a Reply