އެންފީލްޑްގެ ބާރެއް ނުދެއްކުނު، ލިވަޕޫލް ކަޓައިފި

Advertisement

އެންފީލްޑްގެ ބާރެއް ނުދެއްކުނު، ލިވަޕޫލް ކަޓައިފި

ޢަބްދުﷲ އަޝްރަފް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި ރޭ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް މުބާރާތުން ކަޓައިފި އެވެ. މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ އެތުލެޓިކޯގެ ދަނޑުގައި މި ދެ ޓީމު ވާދަކުރި ފުރަތަމަ ލެގުގެ މެޗުންވެސް 0-1 އިން އެތުލެޓިކޯ އިން ކުރި ހޯދައިފައި އޮތް އިރު ރޭގެ މެޗުން ލިވަޕޫލް ބަލިވީ އިތުރު ވަގުތުގެ ދެ ހާފް ކުޅުމަށްފަހު 2-3 އިން ނެވެ. އެއާއެކު މުބާރާތުގެ ކުއާޓާރ ފައިނަލަށް ނުގޮސް ލިވަޕޫލް ކެޓީ 2-4 ގެ އެގްރިގޭޓުން ބަލިވެގެންނެވެ.

ރޭގެ މެޗަށް ލިވަޕޫލް ނުކުތްއިރު އެ ޓީމަށް އޮތް އެންމެ ބޮޑު ނުތަނަވަސްކަމަކަށްވީ އެ ޓީމްގެ އަގުބޮޑު އަދި އިތުބާރު ގޯލްކީޕަރު ބްރެޒިލްގެ އެލިސަން އަށް އަނިޔާގެ ސަބަބުން ނުކުޅެވުމެވެ. އިނގިރޭސި އެފްއޭ ކަޕްގައި ޗެލްސީ އާ ދެކޮޅަށް މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ ކުޅުނު މެޗަށް ނުކުތުމުގެ ކުރިން ބޭއްވި ފަރިތަކުރުންތަކުގައި ލިބުނު އަނިޔާ އަކާއި ގުޅިގެން ރޭގެ މެޗްގައި ކުޅެވޭ ގޮތް ނުވި އެލިސަންގެ ބަދަލުގައި ރޭ ލިވަޕޫލްގެ ގޯލް ބެލެހެއްޓީ ސްޕެއިން އަށް އުފަން އުމުރުން 33 އަހަރުގެ އެޑްރިއަން އެވެ. ރޭގެ މެޗްގައި އެތުލެޓިކޯ އިން ލިވަޕޫލް ކޮޅަށް ވައްދާލި ފުރަތަމަ ގޯލުގައި އެޑްރިއަންގެ މައްސަލައެއް އޮތް ކަމަށް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.

ކޮންމެއަކަސް ފުރަތަމަ ލެގުގެ މެޗުން ހަނި ގޮތަކަށް ލިވަޕޫލް ބަލިވެފައި އޮތަސް ރޭގެ މެޗްގައި ލިވަޕޫލުން ނަތީޖާ ނެރެ ކްއާޓަރ ފައިނަލްގެ ޖާގައެއް ކަށަވަރު ކުރާނެ ކަމަށް ވަރަށް ގިނަ ބަޔަކު ތިބީ ހީކޮށްގެންނެވެ. އޭގެ އެންމެ ބޮޑު ސަބަބަކަށް ވަނީ އެންފީލްޑްގައި ލިވަޕޫލް ދަމަހައްޓަމުން އައި ވަރުގަދަ ރެކޯޑެވެ. އެއަށްވުރެވެސް ބޮޑަށް މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ބާސެލޯނާއިން އަމިއްލަ ދަނޑުގައި 0-3 އިން ކުރި ހޯދައިފައި ވަނިކޮށް އެންފީލްޑްގައި ކުޅުނު ދެވަނަ ލެގުގެ މެޗްގައި ބާސެލޯނާ ކޮޅަށް ހަތަރު ގޯލް ޖަހައި ލިވަޕޫލުން މެޗްގެ ނަތީޖާ އަނބުރާލި ގޮތް ގިނަ ބަޔެއްގެ ހިތުގައި އިއްޔެ ވީ ކަމެއްހެން މިހާރުވެސް ހަނދާން ހުންނާނެ ކަމަށް ބެލެވެއެވެ. އަނެއް ކޮޅުން މިފަހަރުގެ ސީޒަންގައި އެތުލެޓިކޯ މެޑްރިޑަށް ސްޕެނިޝް ފުޓްބޯޅައިގައި މާ އެދެވޭ ކުޅުމެއް ދެއްކިފައި ނުވުމުން އެޓީމުން ހައިރާން ކުރުވަނިވި ނަތީޖާ އެއް އެންފީލްޑްގައި ނެރެފާނެ ކަމަށް ގަބޫލުކުރި މީހުންވެސް މަދެވެ.

ރޭގެ މެޗް ފަށައިގެން މެޗްގެ ފުރިހަމަ ވަގުތު ހަމަވުމާއި ހަމައަށްވެސް ފެނުނީ ގިނަ ބަޔަކު ހީކޮށްގެން ތިބި ގޮތަށް ލިވަޕޫލުން މެޗް ޑޮމިނޭޓްކޮށްގެން ކުޅުނު ތަނެވެ. މެޗްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ޖިއޮގީނިއޯ ވިޖްނަލްޑަމް އެވެ. ނެދަލޭންޑްސް އަށް އުފަން އުމުރުން 29 އަހަރުގެ މިޑްފީލްޑަރު ބޮލުން ޖަހައި އެތުލެޓިކޯގެ ގޯލަށް ވައްދާލި ލަނޑާއެކު އެގްރިގޭޓް ނަތީޖާ ހަމަހަމަވިއެވެ. ރޭގެ މެޗްގެ ފުރިހަމަ ވަގުތުގައި ލިވަޕޫލަށް ނަތީޖާ އަނބުރާލަން ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް އޭގެ ބޭނުން ނުހިފި ދިއުމުގެ އެންމެ ބޮޑު އަސްލަކަށްވީ އެތުލެޓިކޯގެ ގޯލްކީޕަރު ޔާން އޮބްލަކްގެ ހުށިޔާރު ކަމެވެ. ވަރަށް ބޮޑަށް ޑިފެންސިވް ގޭމަކަށް ވިސްނައިގެން ކުޅެމުން އައި އެތުލެޓިކޯ މެޑްރިޑްގެ ގޯލަށް ލިވަޕޫލުން ފޮނުވާލި ގިނަ ހަމަލާތަކެއް އެ ޓީމްގެ ކީޕަރު ދިފާއުކުރިއިރު އެތުލެޓިކޯގެ ގޯލް ކުރި މައްޗަށް ލިވަޕޫލްގެ އަރިމަތިން ހުރަސްކޮށްދެމުން އައި ބޯޅަތަކުން ނުރައްކާވިޔަ ނުދިނުމުގައިވެސް އޮބްލަކް މުހިއްމު ދައުރެއް އަދާކުރިއެވެ.

ހަތްވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލުމުގެ އުއްމީދުގައި ކުރިއަށް ދިޔަ ލިވަޕޫލަށް ރޭގެ މެޗްގެ ފުރިހަމަ ވަގުތުގައި ނަތީޖާ އަނބުރާ ނުލެވުނު ނަމަވެސް މެޗްގެ އިތުރު ވަގުތު ފަށައިގެން އަނެއްކާވެސް ގޯލެއް ޖެހި ތަން ފެނުނީ ލިވަޕޫލުންނެވެ. މެޗްގެ އިތުރު ވަގުތުގެ ފުރަތަމަ ހާފް ފަށައިގެން ހަތަރު ވަނަ މިނެޓްގެ ތެރޭގައި ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ އެތުލެޓިކޯ ކޮޅަށް ވައްދާލި ގޯލާއެކު ކުއާޓަރ ފައިނަލްގެ ޖާގައެއް ލިވަޕޫލުން ކަށަވަރު ކުރީ ކަމަށް ގިނަ ބަޔަކު ހީކުރިއެވެ. އެކަމަކު އޭގެ ތިން މިނެޓް ފަހުން ލިވަޕޫލްގެ ގޯލަށް އަމާޒުވި ހަމަލާއެއް ގޯލްކީޕަރު އެޑްރިއަން އަށް ރަގަޅަށް ސާފުކޮށް ނުލެވުމުގެ ފައިދާ ނަގައި މެޗްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެތުލެޓިކޯގެ ފޯވާޑް މާކޮސް ލޮރެންޓޭ ވައްދާލި ލަނޑާއެކު ލިވަޕޫލްގެ ކުޅުންތެރިންނަށް ސިހުން ލިބުނެވެ. އެއާއެކު މެޗްގެ އޮއިވަރު މުޅިން ބަދަލުވެ އެތުލެޓިކޯ އިން ލިވަޕޫލްގެ ގޯލަށް ނުރައްކާ ކުރަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން މެޗްގެ އިތުރު ވަގުތުގެ ފުރަތަމަ ހާފް ނިމިނިމި އޮއްވައި ލޮރެންޓޭ އިތުރު ގޯލެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށް އެގްރިގޭޓް ނަތީޖާ 2-3 އަށް ބަދަލުކުރިއެވެ. ލިވަޕޫލްގެ ކުޅުންތެރިންނާ ސަޕޯޓަރުންގެ ހިތްވަރު އެހިސާބުން ގާތްގަނޑަކަށް ހުސްވި ކަހަލައެވެ. ރައްދުގައި މާބޮޑު ކަމެއް ނުކުރެވި އުޅެނިކޮށް މެޗްގެ އިތުރު ވަގުތުގެ ދެވަނަ ހާފްގެ އެންމެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ކުރިން ޗެލްސީ އަށް ކުޅުނު ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާ ލަނޑެއް ޖަހައި ލިވަޕޫލްގެ ޗެމްޕިއަންސް ލީގު ސީޒަން ނިމުމުގައި އެތުލެޓިކޯ އިން ސިއްކަ ޖެހިއެވެ.

މިއީ 2014 ވަނަ އަހަރުގެ ފަހުން ޔޫއެފާގެ މުބާރާތެއްގެ މެޗަކުން ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ ފަހަރެވެ. އަދި މިއީ ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕްގެ އިރުޝާދުގެ ދަށުން ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރަކުން ލިވަޕޫލަށް ކުރި ނުހޯދުނު ފުރަތަމަ ފަހަރެވެ. މިފަހަރުގެ ސީޒަންގެ ޗެމްޕިއަންސް ލީގުން ކެޓުމާ އެކު ލިވަޕޫލަށް މި ސީޒަންގައި ދެން ވާދަކުރަން އޮތް ހަމައެކަނި ތަށްޓަކީ އިނގިރޭސި ޕްރިމިއާ ލީގެވެ. އެތަށި މިފަހަރު ލިވަޕޫލަށް ލިބޭނެކަން މިހާރު ގާތްގަނޑަކަށް އޮތީ ކަށަވަރު ވެފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *