އާސެނަލް ކުޅުންތެރިން ކަރަންޓީނުގައި ތިބުމުން މިރޭގެ މެޗު ފަސްކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް އާސެނަލް ކުޅެން އޮތް މެޗުގެ ކުރިން އެޓީމުގެ ބައެއް ކުޅުންތެރިން ކޮރޯނާވައިރަހަށް ހުށަހެޅިފައިވާކަމުގެ ބިރަށް “ދުރާލާ” އެކަހެރިކޮށްފައިވާތީ، މެޗު އިނގިރޭސި އެފްއޭ އިން ފަސްކޮށްފި އެވެ.
އާސެނަލްގެ ބައެއް ކުޅުންތެރިން އެކަހެރިކުރަން މަޖުބޫރުވީ ޔޫއެފާ ޔޫރޮޕާ ލީގުގައި މިދިޔަ މަހުގެ 27 ވަނަ ދުވަހު ގްރީސްގެ އޮލިމްޕިއާކޯސްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗަށް ފަހު އޮލިމްޕިއާކޯސްގެ އޯނަރު އިވަންގެލޯސް މަރިނާކިސްއާ ބައްދަލުވިފަހުން، އޯނަރު ކޮވިޑް-19 އަށް ޕޮސިޓިވް ވުމުންނެވެ. އިނގިރޭސި ކްލަބް ނޮޓިންހަމް ފޮރެސްޓްގެ ވެސް ވެރިޔާ 52 އަހަރުގެ މަރިނާކިސް ވަނީ އޭނާ ކޮވިޑް-19 އަށް ޕޮސިޓިވް ވެފައިވާކަން އިއްޔެގެ ވަގުތެއްގައި އިއުލާންކޮށްފަ އެވެ.
އޮލިމްޕިއާކޯސް އަތުން އެމެޗުން ބަލިވެ އާސެނަލް ކެޓިއިރު މުބާރާތުގެ ގަދަ 16 ގައި އޮލިމްޕިއާކޯސް ނުކުންނާނީ އިނގިރޭސި ކްލަބް ވުލްވްސްއާ ދެކޮޅަށެވެ. އެ މެޗު ސަޕޯޓަރުން ނުވައްދާ ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު މެޗު ފަސް ކުރުމަށް ވުލްވްސް އިން ވަނީ އެދިފަ އެވެ. އެހެންނަމަވެސް ގްރީސްގައި ކުޅުމަށް ހަމަޖެހިފައިވާ އެ މެޗު ފަސް ނުކޮށް މާދަމާރޭ ސަޕޯޓަރުން ނުވައްދައި ކުޅޭނެކަމަށް ޔޫއެފާއިން ވަނީ ބުނެފަ އެވެ. ވުލްވްސް މެޗުގެ އިތުރުން ސްކޮޓްލެންޑުގެ ރޭންޖާސް އާއި މެންޗެސްޓަރ ޔުނައިޓެޑް ޔޫރޮޕާ ލީގުގައި މާދަމާ ރޭ ރަށުން ބޭރުގައި ކުޅޭ މެޗުތަކަށް ވެސް ސަޕޯޓަރުންނަށް ނުވަދެވޭނެ އެވެ. އަނެއްކޮޅުން ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޗެލްސީއާ ދެކޮޅަށް ބަޔާން މިއުނިކުން މިމަހުގެ 18 ވަނަ ދުވަހު ކުޅޭ ދެ ވަނަ ލެގްގެ މެޗަށް ވެސް ސަޕޯޓަރުން ވެއްދުން ވަނީ މަނާކޮށްފަ އެވެ.
ސިޓީއާ އާސެނަލްގެ މެޗު ފަސްކުރިއިރު، މިއީ ކޮރޯނާވައިރަހާ ގުޅިގެން އިނގިރޭސި ވިލާތުގައި މެޗެއް ފަސްކުރި ފުރަތަމަ ފަހަރެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއެކު މި ވައިރަސް ފެތުރިގެންދާއިރު ޔުނައިޓެޑް ކިންގްޑޮމްގައި 382 މީހަކަށް ކޮވިޑް-19 ޖެހި ހަ މީހަކު މިހާތަނަށް މަރުވެފަ އެވެ.
އާސެނަލުން ބުނީ އޮލިމްޕިއާކޯސްގެ އޯނަރާ ބައްދަލުވި އެ ކްލަބުގެ ކުޅުންތެރިން ދެނެގަނެވިފައި ނުވާކަމަށާއި، އެކަމަކު އެޓީމުގެ ބައެއް ކުޅުންތެރިން މިހާރު 14 ދުވަހުގެ މުއްދަތަކަށް އަމިއްލަ ގޭގައި އެކަހެރި ކޮށްފައިވާކަމަށެވެ. އާސެނަލުން ބުނީ ކުޅުންތެރިން އެކަހެރިކޮށްފައި ބޭތިއްބިޔަސް ކޮވިޑް-19 އަށް އެކުޅުންތެރިން ޕޮސިޓިވް ވުމުގެ ފުރުސަތު ވަރަށް ދުރު ކަމަށެވެ. އާސެނަލުން ކުޅުންތެރިން އެކަހެރި ކުރި 14 ދުވަހުގެ މުއްދަތު ގުނަން ފަށާފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެންނެވެ. އެހެންވެ އެ ހުރިހާ ކުޅުންތެރިން ވެސް 14 ދުވަހުގެ މުއްދަތު އަންނަ ހުކުރު ދުވަހަށް ހަމަވެ ހަފްތާ ބަންދުގައި ބްރައިޓަންއާ ދެކޮޅަށް އެޓީމުން ކުޅޭ މެޗުގައި ބައިވެރިވެވޭނެ އެވެ. ބައެއް ކުޅުންތެރިންގެ އިތުރުން އޮލިމްޕިއާކޯސްގެ އޯނަރު އިންތަނާ ކައިރީގައި މެޗުބަލަން ތިބި އާސެނަލްގެ ހަތަރު ސްޓާފުން ވެސް ވަނީ 14 ދުވަހަށް ކަރަންޓީނުކޮށްފަ އެވެ. ސިޓީ މެޗު ކެންސަލް ކުރުމުން އާސެނަލުން ވަނީ ޓިކެޓް ގަތް ސަޕޯޓަރުންނަށް ރީފަންޑް ދެން ނިންމައިފަ އެވެ.
ދުނިޔޭގެ ބޮޑެތި ލީގުތަކަށް ކޮރޯނާވައިރަހުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާއިރު ފްރާންސާއި ސްޕެއިން އިން ވަނީ މެޗުތައް ކުޅޭއިރު ސަޕޯޓަރުން ނުވައްދާ ގޮތަށް ނިންމައިފަ އެވެ. އަދި، މިވަގުތު އެންމެ ބާރަށް ކޮރޯނާވައިރަސް ފެތުރެމުންދާ އިޓަލީން ވަނީ މުޅި ގައުމު “ލޮކްޑައުން” ކޮށް އިޓާލިއަން ލީގުގެ ވެސް އަންނަ މަހުގެ ކުރީކޮޅާ ހަމައަށް މެދުކަނޑާލައިފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް ފަސްކުރަން އަދި ނިންމާފައި ނުވި ނަމަވެސް ވައިރަހުގެ އަސަރަށް ބަލައި އެފްއޭ އިން ބަދަލުތައް ގެންނާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެހެންނަމަވެސް އިނގިރޭސި އެފްއޭ އިން ބުނީ އާސެނަލުން ސިޓީއާ ވާދަކުރާ މެޗު ފަސްކުރަން ޖެހުނީ އޮލިމްޕިއާކޯސްގެ އޯނަރާ އާސެނަލްގެ ބައެއް ކުޅުންތެރިން ދިމާވިކަމުގެ މައުލޫމާތު ލިބުން ލަސްވުމާއި އަދި މެޗު ކުޅުމަށް އިތުރު ގޮތްތަކެއް ރޭވެނެ އިންތިޒާމު ހަމަޖެއްސެން ނެތުމުން ކަމަށެވެ.
Advertisement


Leave a Reply