އެޓަލާންޓާ އާއި ލައިޕްޒިގް ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް

Advertisement

އެޓަލާންޓާ އާއި ލައިޕްޒިގް ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް

ޢަލީ ޝަހީމް
ޓޮޓެންހަމް ކޮޅަށް ގޯލު ޖެހުމަށް ފަހު ލައިޕްޒިގްގެ ކުޅުންތެރިން އުފާފާޅުކުރަނީ

އިޓަލީގެ އެޓަލާންޓާ އާއި ޖަރުމަނުގެ އާރުބީ ލައިޕްޒިގުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ. އެޓަލާންޓާ އިން މުބާރާތުގައި ވާދަކުރާ ފުރަތަމަ ސީޒަނުގައި ކުއާޓާ އިން ޖާގަ ހޯދީ ރޭ 4-3 އިން ސްޕެއިންގެ ވެލެންސިއާ ބަލިކޮށް 8-4 ގެ އެގްރިގޭޓުން މޮޅުވެގެންނެވެ. ފުރަތަމަ ލެގްގައި ޓޮޓެންހަމްގެ ދަނޑުގައި 1-0 އިން މޮޅުވެ ރޭ އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގްގެ މެޗުގައި ލައިޕްޒިގުން ވަނީ 3-0 އިން ޓޮޓެންހަމް ބަލިކޮށްފަ އެވެ. އެޓީމަށް އެގްރިގޭޓުން ކުރި ލިބުނީ 4-0 އިންނެވެ.

ކޮވިޑް-19 ގެ ނުރައްކަލާ ހެދި ރޭ ވެލެންސިއާގެ ދަނޑުގައި އެޓަލާންޓާއާ ދެކޮޅަށް މެޗު ކުޅުނީ ސަޕޯޓަރުން ނުވައްދައި ފަޅު ދަނޑެއްގަ އެވެ. ފުރަތަމަ ލެގް 4-1 އިން އެޓަލާންޓާ އިން އަމިއްލަ ދަނޑުގައި ކާމިޔާބުކުރުމުން ދެ ވަނަ ލެގްގެ ފޯރި މާ ކުރިން ވެސް އޮތީ ކެނޑިފަ އެވެ. އެކަމަކު މެޗު ކުޅުނު ވަގުތު ވެލެންސިއާގެ ސްޓޭޑިއަމް ބޭރުގައި ތިބެ އެ ކްލަބުގެ ގިނަ ސަޕޯޓަރުންތަކެއް ދިޔައީ ކްލަބަށް ހިތްވަރު ދެމުންނެވެ.

ރޭގެ މެޗުގައި އެޓަލާންޓާގެ ހަތަރު ގޯލު ވެސް ޖަހައިދިނީ ސްލޮވީނިއާގެ ފޯވާޑް ޖޯސިޕް އިލިސިޗް އެވެ. މިއީ ސްލޮވީނިއާގެ ކުޅުންތެރިއަކު މުބާރާތުގެ ތާރީހުގައި ހެޓްރިކެއް ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން އުމުރުން 32 އަހަރާއި 41 ދުވަހުގައި އިލިސިޗް ވެފައިވަނީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި އަވޭ މެޗެއްގައި ހެޓްރިކް ހެދި އެންމެ ދުވަސްވީ ކުޅުންތެރިޔާ އަށެވެ. ރޭގެ މެޗުގައި އެޓަލާންޓާ ކޮޅަށް ވެލެންސިއާ އިން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ކެވިން ގެމީރޯ ޖެހިއިރު އަނެއް ގޯލު ޖެހީ ފެރާން ޓޮރޭޒް އެވެ.

މިއީ 17-2016 ވަނަ ސީޒަނުގައި ފުރަތަމަ ފަހަރަށް މުބާރާތުގައި ވާދަކޮށް އިނގިރޭސި ކްލަބް ލެސްޓާ ސިޓީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކުރިފަހުން މުބާރާތުގެ ތާރީހުގައި ޓީމަކުން މި ކާމިޔާބީ ހޯދި ދެ ވަނަ ފަހަރެވެ. އެޓަލާންޓާ އިން މިފަހަރުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދީ މިދިޔަ ސީޒަނުގައި އިޓަލީ ލީގުގެ ތިން ވަނަ ހޯދައިގެންނެވެ.

އެޓަލާންޓާގެ ހަތަރު ގޯލު ޖެހި ސްލޮވީނިއާގެ 32 އަހަރުގެ ފޯވާޑް އިލިސިޗް ރޭ ގޯލު ޖެހުމަށް ފަހު

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކުރި ޓޮޓެންހަމް މިފަހަރުގެ މުބާރާތުގެ ގަދަ 16 އިން ކެޓިއިރު އެޓީމަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. ރޭގެ މެޗަށް ނުކުތްއިރު އެޓީމަށް ކުރިމަތިވި ގޮންޖެހުމަކީ ހޭރީ ކޭން އާއި ސޮން ހެއުން މިން އަށްވީ އަނިޔާގެ އިތުރުން އެންމެ ފަހުން ކުޅުނު މެޗުގައި ނެދަލެންޑްސްގެ މިޑްފީލްޑަރު ސްޓީވެން ބާގްވެއިން އަށް އަނިޔާވުމެވެ. އެހެންވެ ނަތީޖާ ނެރެން ކޮންމެހެން މަޖުބޫރު މެޗުގައި ޓޮޓެންހަމްގެ ކުރިއަށް ކުޅުނީ މިޑްފީލްޑަރު ޑެލި އަލީ އެވެ.

ރޭގެ މެޗުގައި ލައިޕްޒިގްގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ މާސެލް ސަބިޓްޒާ އެވެ. އެކަމަކު 20 އަހަރުގެ މި ކުޅުންތެރިޔާ ޖެހި މި ދެގޯލު ހުއްޓުވުމުގައި ވެސް ޓޮޓެންހަމްގެ ގޯލްކީޕަރު ހޫގޯ ލޮރިސް އަށް މާބޮޑު މަސައްކަތެއް ނުކުރެވުނެވެ. ލައިޕްޒިގްގެ ދެ ވަނަ ގޯލު ޖެހީން ބެންޗުން ކުޅެން އަރައި ފައިގައި ޖެހުނު ފުރަތަމަ ބޯޅައިން އެމިލް ފޯސްބާގް އެވެ.

ޗެމްޕިއަންސް ލީގުން ކެޓުމުން ޓޮޓެންހަމަށް ވަނީ އަނެއްކާވެސް ތައްޓެއް ނުލިބި ސީޒަނެއް ނިންމާލަން ޖެހިފަ އެވެ. އަނެއްކޮޅުން ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު ހަ މެޗުން ވެސް އެޓީމު މޮޅުވެފައިނުވާއިރު އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގަށް ކޮލިފައިވާން އެޓީމަށް ކުރަން ޖެހިފައި އޮތީ އުނދަގޫ މަސައްކަތެކެވެ.

މެޗަށް ފަހު ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ އަނެއް ބުރަށް ދެވޭނެ ކަމަށް އެޓީމުން ގަބޫލުކުރި ކަމަށާއި، އެކަމަކު މެޗުގައި ފެނުނީ ފުރަތަމަ މެޗުގައި ވެސް އެޓީމުގެ ފަރާތުން ފެނުނު ގޯސްތައް ކަމަށެވެ.

“އަހަރެމެން އެންމެން ވެސް ގަބޫލުކުރިން އަނެއް ބުރަށް ދެވޭނެ ކަމަށް. އެކަމަކު މިއީ ޓީމަށް ވަރަށް އުނދަގޫ ހާލަތެއް އަނެއްކާ އެއީ ވަރަށް ވަރުގަދަ ޓީމެއް. އަހަރެމެނަށް މި ހާލަތުގައި (އަނިޔާގެ މައްސަލަތަކާހެދި) ގޯލެއް ޖެހުމަކީ އުނދަގޫ ކަމެއް. އެމީހުންގެ އެޓޭކުތައް ފެނުނީ ވަރަށް ވަރުގަދަކޮށް. މިއީ އެޓީމަށް ހައްގު މޮޅެއް. މިދިޔަ މެޗުތަކުގައި ހެދި ގޯސްތައް މިރޭ ވެސް ތަކުރާރުވީ” 2004 އަދި 2010 ވަނަ އަހަރު ޕޯޗުގަލްގެ ޕޯޓޯ އާއި އިޓަލީ އިންޓަ މިލާނާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ކޯޗު ބުންޏެވެ.

މަޝްހޫރު އެނާޖީ ޑްރިންކް ކުންފުނި ރެޑްބުން އިން 2009 ވަނަ އަހަރު އުފެއްދި ލައިޕްޒިގް ފުޓްބޯޅައިގައި ވާދަކުރަން ފެށީ ޖަރުމަނުގެ ފަސް ވަނަ ޑިވިޝަނުންނެވެ. އޭގެ ފަހުން ހަތް ސީޒަނުގެ ތެރޭ ހަތަރު އަހަރު އެކި ޑިވިޝަންތަކުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު އެޓީމު ވަނީ ޖަރުމަނު ބުންޑަސްލީގާގައި ވާދަކުރަން ފަށާފަ އެވެ. އެޓީމުން މީގެ ކުރިން ޖަރުމަނު ކަޕްގެ ފައިނަލުގައި ވެސް ވާދަކޮށްފައިވާއިރު މިއީ ޗެމްޕިއަންސް ލީގުގައި އެޓީމުން ވާދަކުރާ ދެ ވަނަ ސީޒަނެވެ. މީގެ ކުރިން އެޓީމުން ވަނީ 18-2017 ވަނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ވާދަކޮށް ތިން ވަނަ ލިބުމުން ކަޓައިފަ އެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ ވެސް ފޯރިގަދަ ދެ މެޗު ކުޅޭނެ އެވެ. އެއީ އަމިއްލަ ދަނޑުގައި ލިވަޕޫލުން އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ނުކުންނަ މެޗާއި ޕީއެސްޖީ އިން އަމިއްލަ ދަނޑުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ނުކުންނަ މެޗެވެ. ފުރަތަމަ ލެގްގައި އެތުލެޓިކޯ އިން 1-0 އިން ލިވަޕޫލް ބަލިކުރިއިރު ޑޯޓްމަންޑުން ވަނީ 2-1 އިން ޕީއެސްޖީ ބަލިކޮށްފަ އެވެ. ޕީއެސްޖީ އިން މިރޭގެ މެޗު ކުޅޭނީ ކޮރޯނާވައިރަހުގެ ސަބަބުން ސަޕޯޓަރުން ނުވައްދަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *