އިންޓަ ބަލިކޮށް ޔުވެންޓަސް އެއް ވަނަ ހޯދިޔަސް ރޮނާލްޑޯގެ ރެކޯޑް ނިމިއްޖެ
އިޓާލިއަން ލީގުގައި ރޭ ޓޭބަލްގެ ތިން ވަނައިގައި އޮތް އިންޓަ މިލާންއާ ވާދަކޮށް ކުޅުނު މެޗް ކާމިޔާބުކޮށް ޔުވެންޓަސް އިން ލީގް ޓޭބަލްގެ އެއް ވަނަ އަލުން ހޯދައިފި އެވެ. ކޮރޯނާ ވައިރަސްގެ ސަބަބުން ސަޕޯޓަރުން ނުވައްދައި ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗް އެ ޓީމުން ކާމިޔާބުކުރީ 0-2 އިންނެވެ.
ލީގުގައި މިހާތަނަށް ޔުވެންޓަސް އިން 26 މެޗް ކުޅެފައިވާއިރު އެ ޓީމް ޕޮއިންޓް ޓޭބަލްގެ އެއްވަނައިގައި އޮތީ 63 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗް ކުޅެގެން ޓޭބަލްގެ ދެ ވަނައިގައި 62 ޕޮއިންޓާއެކު އޮތީ ލާޒިއޯ އެވެ. އިންޓަ މިލާން އޮތީ 54 ޕޮއިންޓާ އެކު ޓޭބަލްގެ ތިން ވަނައިގަ އެވެ.
ރޭގެ މެޗްގައި ޔުވެންޓަސް އިން ޖެހި ދެ ގޯލްވެސް އެ ޓީމުން ކާމިޔާބުކޮށްފައިވަނީ މެޗްގެ ފަހު ހާފްގައެވެ. ފުރަތަމަ ލަނޑު މެޗްގެ 54 ވަނަ މިނެޓްގައި ޔުވެންޓަސް އަށް ކާމިޔާބުކޮށްދިނީ ކުރިން އާސެނަލް އަށް ކުޅުނު ވޭލްސްގެ މިޑްފީލްޑަރު އާރޮން ރަމްސޭ އެވެ. ދެ ވަނަ ލަނޑު އޭގެ 13 މިނެޓް ފަހުން ޔުވެންޓަސް އަށް ކާމިޔާބުކޮށްދިނީ މިފަހަކަށް އައިސް ޔުވެންޓަސް އަށް މުހިއްމު ގޯލްތަކެއް ކާމިޔާބުކޮށްދެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ޕައޮލޯ ޑިބާލާ އެވެ.
އިޓާލިއަން ލީގުގެ އެންމެ ވާދަވެރި ދެ ޓީމްގެ މެދުގައި ރޭ ކުޅުނު މެޗްގައި ޔުވެންޓަސްގެ ތަރި ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެފައިވާއިރު މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ފަހުން ލީގުގައި ރޮނާލްޑޯ އަށް ގޯލެއް ކާމިޔާބުނުކުރެވި ދިޔަ ފުރަތަމަ މެޗެވެ. މި މެޗްގެ ކުރިން ރޮނާލްޑޯ ވަނީ އިޓާލިއަން ލީގުގައި ޖެހިޖެހިގެން އޭނާ ކުޅުނު 11 މެޗްގައި ގޯލް ޖަހައި ޖެހިޖެހިގެން އެންމެ ގިނަ މެޗްގައި ގޯލް ޖަހައިގެން އާޖެންޓީނާގެ ކުރީގެ ތަރި ގަބްރިއެލް ބަޓިސްޓޫޓާ އާއި ފަބިއޯ ކަލިއަރެއްލާ ހެދި ރެކޯޑާއި އެއްވަރުކޮށްފަ އެވެ.
ރޭގެ މެޗަށް ސަޕޯޓަރުންނާއި ކުޅުންތެރިންގެ އާއިލާގެ މެންބަރުން ވައްދާފައި ނުވި ނަމަވެސް މީޑިއާގެ ފަރާތްތަކަށާއި، ދެ ކްލަބްގެ ސީނިއާ މެނޭޖްމެންޓްގައި ހިމެނޭ ފަރާތްތަކަށާއި ސެކިއުރިޓީ ގްރައުންޑް ސްޓާފުންނަށް މެޗް ބަލަން ވަންނަން ވަނީ ފުރުސަތު ދީފަ އެވެ. މި އެންމެންވެސް ރޭގެ މެޗް ބަލަން ސްޓޭޑިއަމް އަށް ވައްދައިފައިވަނީ ޓެމްޕަރޭޗާ ޗެކްކުރުމަށް ފަހު އެވެ.
އިޓަލީ އަކީ ޔޫރަޕްގައި އެންމެ ހަލުވިކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުން އަންނަ ގައުމެވެ. އިންޓަ މިލާން އާއި ޔުވެންޓަސްގެ މެޗަކީ ކޮރާނާ ވައިރަސްގެ ސަބަބުން ކުރިން ފަސްކޮށްފައިވާ މެޗެކެވެ. ކޮރޯނާ ވައިރަހާއެކު އިޓަލީގެ ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ގޮންޖެހުމަކާ ކުރިމަތިވެފައިވާއިރު އެގައުމުން މިހާތަނަށް ވަނީ 7357 މީހުނަށް ބަލި ޖެހި 366 މީހުން މަރުވެފަ އެވެ.
Advertisement
Leave a Reply