ފަސޭހަކަމާ އެކު އެވަޓަން ބަލިކޮށް ޗެލްސީ އިން މަގާމް ވަރުގަދަކޮށްފި

Advertisement

ފަސޭހަކަމާ އެކު އެވަޓަން ބަލިކޮށް ޗެލްސީ އިން މަގާމް ވަރުގަދަކޮށްފި

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެވަޓަން 4-0 އިން ބަލިކޮށް ޗެލްސީ އިން ގަދަ ހަތަރެއްގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

އަމިއްލަ ދަނޑުގައި ހޯދި މުހިއްމު މޮޅާއެކު ޗެލްސީ ހަތަރު ވަނައިގައި އޮތީ 29 މެޗުން ލިބުނު 48 ޕޮއިންޓާއެކު އެވެ. ލީގުގެ ތިން ވަނައިގައި އޮތީ 50 ޕޮއިންޓް ހޯދާފައިވާ ލެސްޓާ ސިޓީ އެވެ. ޗެލްސީގެ ފަހަތުން ލީގުގެ ފަސް ވަނައިގައި އޮތް ވުލްވްސް އާއި ހަ ވަނައިގައި އޮތް ޝެފީލްޑް ޔުނައިޓެޑަށް ލިބިފައިވަނީ 43 ޕޮއިންޓެވެ. 42 ޕޮއިންޓާއެކު މެންޗެސްޓަރ ޔުނައިޓެޑް ހަތް ވަނައިގައި އޮތްއިރު އަށް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އަށް ލިބިފައިވަނީ 41 ޕޮއިންޓެވެ. 40 ޕޮއިންޓް ލިބިފައިވާ އާސެނަލް އޮތީ ލީގުގެ ނުވަ ވަނައިގަ އެވެ.

ލީގުގައި މިރޭ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި މެންޗެސްޓަރ ސިޓީއާ ކުޅޭ މެޗު ކާމިޔާބުކޮށްގެން ފަސް ވަނަ މަގާމަށް އަރައި ޗެލްސީއާ ތިން ޕޮއިންޓް ކައިރިއަށް ޖެހިލެވޭނެ އެވެ. ޔުނައިޓެޑަށް އުނދަގޫ މެޗެއް އޮތުމުން މިރޭ ހޯދި ފަސޭހަ މޮޅުން ޗެލްސީ އަށް ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފަ އެވެ.

މުޅި މެޗުގައި ވެސް ޗެލްސީން މޮޅަށް ކުޅުނުއިރު ކޮންމެ ހާފެއްގައި އެޓީމުން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު ޕެޑްރޯ ދިން ބޯޅަ ހޯދުމަށް ފަހު ޗެލްސީ އަށް ލީޑު ނަގައިދިން ލަނޑު ޖެހީ މޭސަން މައުންޓެވެ. މި ހާފުގައި ޗެލްސީގެ ދެ ވަނަ ލަނޑު ޕެޑްރޯ ޖެހީ އެވަޓަންގެ ކުރީގެ ކުޅުންތެރިޔާ ރޮސް ބާކްލީ ދިން މޮޅު ޕާހަކުންނެވެ. ދެ ވަނަ ހާފުގެ ފެށިގެން ވިލިއަން ޗެލްސީ އަށް ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިން ލަނޑަށް ވެސް އެހީތެރިވެދިނީ ބާކްލީ އެވެ. އޭގެ އިރުކޮޅެއް ފަހުން ޗެލްސީގެ ލީޑު އިތުރަށް ފުޅާކޮށްދިނީ ވިލިއަން ނަގައިދިން ހުރަހަކުން އޮލިވިއޭ ޖިރޫޑް އެވެ.

މިދިޔަ ހަފްތާ އެފްއޭ ކަޕްގައި އަމިއްލަ ދަނޑުގައި 2-0 އިން ލިވަޕޫލް އަތުން މޮޅުވި މެޗުގައި ޗެލްސީގެ މެދުތެރޭގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ސްކޮޓްލެންޑަށް އުފަން 18 އަހަރުގެ ބިލީ ގިލްމޯ އަށް ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް މިރޭ ވެސް ވަނީ ފުރަތަމަ އެގާރައިން ފުރުސަތުދީފަ އެވެ. އެވަޓަން އަތުން ޗެލްސީން ފަސޭހައިން މޮޅު ހޯދުމުގައި މިރޭ ވެސް ގިލްމޯ ވަނީ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ޗެލްސީ އަތުން ބަލިވުމުން އެވަޓަން މިހާރު އޮތީ 29 މެޗުން ލިބިފައިވާ 37 ޕޮއިންޓާއެކު ތާވަލުގެ 12 ވަނައިގަ އެވެ. މި ނަތީޖާއާ އެކު އަންނަ ސީޒަނުގައި ޔޫރަޕްގެ މުބާރާތަކަށް ކޮލިފައިވުމަށް އެޓީމަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. މިރޭގެ ބައްޔަކީ 25 އަހަރުގެ ކޯޗިން ކެރިއަރުގައި އެވަޓަންގެ ކޯޗު ކާލޯ އަންޗެލޮޓީ ކުރިމަތިލާން ޖެހުނު އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ. މީގެ ކުރިން ވެސް އަންޗެލޮޓީ ވަނީ ރެއާލް މެޑްރިޑަށް ކޯޗުކޮށްދިން ދުވަސްވަރު މި ނަތީޖާއިން ބަލިވެފަ އެވެ. 2015 ވަނަ އަހަރު 4-0 އިން އެފަހަރު ރެއާލް މެޑްރިޑް ބަލިވީ އެތުލެޓިކޯ މެޑްރިޑް އަތުންނެވެ. އަނެއްކޮޅުން މިއީ ޗެލްސީގެ ކޯޗުކަމާ ލަމްޕާޑް ހަވާލުވިފަހުން ލީގުގައި އެޓީމުން ހޯދި އެންމެ ތަފާތު ބޮޑު މޮޅެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *