ކޭއީސީ ފުޓްސަލް ޗެލެންޖް: އެންމެ ކުރީގައި އެފްސީ ރިވެންޖާސް

Advertisement

ކޭއީސީ ފުޓްސަލް ޗެލެންޖް: އެންމެ ކުރީގައި އެފްސީ ރިވެންޖާސް

ޢަލީ ޝަހީމް
ރޭ ޓީމް ޔުނީކާއި އެފްސީ ހަބޭސް ވާދަކުރި މެޗު ފެށުމުގެ ކުރިން ދެޓީމުގެ ކުޅުންތެރިން ސަލާން ކުރަނީ. - ފޯޓޯ: ކޭއީސީ

މ. ކޮޅުފުށީގައި މިދިޔަ ހުކުރު ދުވަހު ފަށައިގެން ކުރިއަށްގެންދާ ކޮޅުފުށި އެކުވެރި ކްލަބް (ކޭއީސީ) ފުޓްސަލް ޗެލެންޖުގައި ރޭ ކުޅުނު މެޗުތަކުން އެންމެ ބޮޑު މޮޅު ހޯދައި އެފްސީ ރިވެންޖާސް އެއް ވަނަ އަށް އަރައިފި އެވެ. ރޭ އެފްސީ އަމިގޯސްއާ ވާދަކުރި މެޗު ރިވެންޖާސް ކާމިޔާބުކުރީ 7-0 ގެ ބޮޑު ތަފާތަކުންނެވެ.

ރިވެންޖާސްގެ އިތުރުން ރޭ ދެން ކުޅުނު މެޗުތަކުން ކުރި ހޯދީ އެފްސީ ހަބޭސް އާއި ޖަޒީރާ އެފްސީ އެވެ. ހަބޭސް އިން ރޭ 6-3 އިން ޓީމް ޔުނީކް ބަލިކުރިއިރު ޓައިޓަންސްއާ ވާދަކުރި މެޗުން ޖަޒީރާ އެފްސީ މޮޅުވީ 4-2 އިންނެވެ.

https://www.facebook.com/fahuminet/posts/2918884904800271

ރޭ ރިވެންޖާސް އިން ހަތް ގޯލާއެކު ހޯދި ބޮޑު މޮޅުގައި އެޓީމުގެ މުހައްމަދު ސާޖިދު ވަނީ ހެޓްރިކް ހަދައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އެޓީމުގެ އަނެއް ހަތަރު ގޯލުގެ ތެރެއިން ރަޒާން ވަނީ ދެ ގޯލު ޖަހައިފަ އެވެ. އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ހުސައިން އައިކް އާއި އަބްދުﷲ ސުޖާއު އެވެ.

ޔުނީކް އާއި އެފްސީ ހަބޭސް ވާދަކުރި މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ. ހަބޭސް ޓީމުން މެޗު ކާމިޔާބުކުރީ ފަހު ހާފުގައި ދެއްކި މޮޅު ކުޅުމާއެކު ޖެހި ލަނޑުތަކުންނެވެ. ހަބޭސްގެ ހަ ގޯލުގެ ތެރެއިން އަލީ އަތީކް  އާއި އަލީ ސައީދު، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއިރު އަނެއް ގޯލުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރައްޔާން އާއި އަހުމަދު އަސްނާދު އެވެ. ޔުނީކް ޓީމުގެ ތިން ގޯލު ވެސް ކާމިޔާބުކޮށްދިނީ އަލީ ސަލީމް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހަބޭސް ޓީމަށް ދެ ގޯލު ޖަހައިދީ މޮޅު ކުޅުމެއް ދެއްކި އަތީކް އެވެ.

ރޭ ޓައިޓަންސް އަތުން މޮޅުވި މެޗުގައި ޖަޒީރާ އެފްސީގެ އަހުމަދު ޝާތިއު ވަނީ ހެޓްރިކް ހަދައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އެޓީމުގެ އަނެއް ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ސޮބާހު އެވެ. ޓައިޓަންސްގެ ލަނޑުތައް ޖަހައިދިނީ ނިމާލް ޚާލިދު އާއި އަހުމަދު ހުމައިދު އެވެ.

ހަތް ޓީމަކުން ވާދަކުރާ މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތާއި ފުރަތަމަ މެޗުތައް ކުޅުނީ ހުކުރު ދުވަހުގެ ރެ އެވެ. އެރޭ ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ރަނަރަޕް ރިވެންޖާސް ވަނީ 3-0 އިން ޖަޒީރާ އެފްސީ ބަލިކޮށްފަ އެވެ. މުބާރާތުގެ ދެ ވަނަ މެޗުގައި އެފްސީ ހަބޭސް އާއި އެފްސީ އަމިގޯސް ވާދަކޮށް 2-2 އިން ދެޓީމު ވީ އެއްވަރެވެ. ހުކުރު ދުވަހުގެ ރޭ ކުޅުނު ފަހު މެޗުގައި މިދިޔަ އަހަރުގެ ޗެމްޕިއަން ފްރެންޑްސް އެފްސީ ވަނީ 2-1 އިން ޓީމް ޔުނީކް ބަލިކޮށްފަ އެވެ.

ދެ ރޭގެ މެޗުތަކަށް އެފްސީ ރިވެންޖާސް އެއް ވަނައިގައި އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު އެވެ. ހަބޭސް ޓީމު ހަތަރު ޕޮއިންޓް ހޯދައި ދެ ވަނައިގައި އޮތްއިރު ތިން ވަނައިގައި އޮތް ޖަޒީރާ އާއި ހަތަރު ވަނައިގައި އޮތް ފްރެންޑްސް އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. އެކަމަކު ފްރެންޑްސް އަދި ކުޅުނީ އެއް މެޗެވެ. ފަސް ވަނައިގައި ޕޮއިންޓަކާއެކު އަމިގޯސް އޮތްއިރު ހަ ވަނައިގައި އޮތް ޓައިޓަންސް އާއި ފުލުގައި އޮތް ޔުނީކް ޓީމަށް ޕޮއިންޓެއް ލިބިފައެއްނުވެ އެވެ.

ކޮޅުފުށީ ފުޓްސަލް ދަނޑުގައި މިރޭ ވެސް ތިން މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ފްރެންޑްސް އެފްސީ އާއި ޖަޒީރާ އެފްސީ ވާދަކުރާއިރު ދެ ވަނަ މެޗުގައި ބައްދަލުކުރާނީ އެފްސީ ހަބޭސް އާއި ޓައިޓަންސް އެފްސީ އެވެ. މިރޭގެ ފަހު މެޗުގައި ވާދަކުރާނީ ޓީން ޔުނީކް އާއި އެފްސީ އަމިގޯސް އެވެ.

ޗެމްޕިއަން ޓީމަށް 15،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދޭ ގޮތަށް ހަމަޖެހިފައިވާ މި މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ކޮޅުފުށި އެކުވެރި ކްލަބުގެ ފަރާތުން ހަދައިފައިވާ ފުޓްސަލް ދަނޑުގައެވެ. ޓާފް އަޅައިގެން ރަގަޅު ފެންވަރަކަށް ހަދައިފައިވާ މި ދަނޑަކީ ކްލަބްގެ ފަރާތުން ބޮޑު ހޭދައެއްކޮށްގެން ހަދައިފައިވާ ދަނޑެކެވެ.

މި މުބާރާތުގެ މެޗުތައް ކުރިއަށް ގެންދަނީ ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެންމެ ކުރި ހޯދާ ދެ ޓީމު ފައިނަލަށް ހޮވޭ ގޮތަށެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. މިއަހަރުގެ މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ “ފަހުމިނެޓް” އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *