ވެސްޓް ހޭމް ބަލިކޮށް އާސެނަލް އެއް ވާނެއްގައި ހިފަހައްޓަނީ

Advertisement

ވެސްޓް ހޭމް ބަލިކޮށް އާސެނަލް އެއް ވާނެއްގައި ހިފަހައްޓަނީ

ޢަލީ ޝަހީމް
ވީއޭއާރުން ލަކަޒެޓްގެ ގޯލު ބަލައިގަތުމުން އާސެނަލްގެ ކުޅުންތެރިން އޭނާއާ އެކު އުފާފާޅުކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑް އުނދަގުލުން ބަލިކޮށް އާސެނަލުން ލީގުގެ ގަދަ ހަތަރަކަށް އެރުމަށް ކުރާ މަސައްކަތުގައި އަނެއްކާވެސް އުއްމީދެއް ހޯދައިފި އެވެ. ރޭ އާސެނަލުން ވެސްޓް ހޭމްގެ މައްޗަށް ކުރި ހޯދީ މެޗުގެ ފަހުކޮޅު ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ލިބުނު ގޯލާއެކު 1-0 އިންނެވެ.

އާސެނަލްގެ ގޯލު މެޗު ނިމެން 12 މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އަލެކްސަންޑަ ލަކަޒެޓް އެވެ. މެސުތު އޮޒިލްގެ އެހީތެރިކަމާއެކު ލަކަޒެޓް މި ގޯލު ޖެހި ނަމަވެސް ލައިންސްމަން ފުރަތަމަ ނިންމީ އެވަގުތު އޮޒިލް ހުރީ އޮފްސައިޑް މަގާމެއްގައި ކަމަށެވެ. އެހެންނަމަވެސް ފަހުން ވީއޭއާރު ބެލިއިރު އޮފްސައިޑް މަގާމުގައި އާސެނަލްގެ އެއްވެސް ކުޅުންތެރިއަކު ނެތުމުން ގޯލަކަށް ނިންމީ އެވެ. މި ސީޒަނުގެ ލީގުގައި ލަކަޒެޓް ހަތް ވަނަ ގޯލު ރޭ ކާމިޔާބުކުރިއިރު މި ހުރިހާ ލަނޑެއް ވެސް އޭނާ ޖެހީ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގަ އެވެ.

މެޗުގައި އާސެނަލްގެ ފަރާތުން އެންމެ މޮޅު ކުޅުން ނުފެނުނު ނަމަވެސް އެޓީމުގެ ކޯޗު މިކެލް އާޓެޓާ ވަނީ މެޗުން މޮޅުވުމުން ހިތްހަމަޖެހޭ ކަމަށް ބުނެފަ އެވެ.

“އެންމެ މުހިއްމު ކަމަކީ މޮޅުވާނެ ގޮތެއް ހޯދުން. އެއީ ބޮޑެތި ކްލަބްތަކުން ނަތީޖާ ނެރޭ ގޮތެއް. އަހަރެން އުފަލުން މިހުރީ އެންމެ ރަނގަޅަށް ނުކުޅެވެސް މޮޅުވާނެ ގޮތެއް ޓީމުން ހޯދުމުން. ރަނގަޅު ކުރަން ބައިވަރު ކަންކަން އެބަހުރި. މެޗަކަށް ފަހު މެޗަކަށް ސަމާލުކަން ދެމުން ދާނީ” މެޗަށް ފަހު އާޓެޓާ ބުންޏެވެ.

ކޯޗު އުނާއި އެމެރީ ވަކިކޮށް އާޓެޓާ އާސެނަލާ ހަވާލުވުމަށް ފަހު އެޓީމުން އަންނަނީ ނަތީޖާތައް ރަނގަޅު ކުރަމުންނެވެ. އެޓީމުން ލީގުގައި ބަލިނުވެ މިހާރު އަށް މެޗު ހަމަކޮށްފައިވާއިރު އިނގިރޭސި އެއްވެސް ޑިވިޝަނެއްގެ ޓީމަކަށް މިދިޔަ އަށް މެޗުގައި ބަލިނުވެ ފަރުޖައްސާލެވިފައެއްނުވެ އެވެ. މިދިޔަ އަށް މެޗުގެ ތެރެއިން ހަތަރު މެޗުން އެޓީމު މޮޅުވިއިރު އަނެއް ހަތަރު މެޗު ވީ އެއްވަރެވެ. މިވަގުތު ލީގައި ބަލިނުވެ އެންމެ ގިނަ މެޗު ހަމަކޮށްފައިވާ ޓީމުގެ ލަގަބް އާސެނަލަށް ލިބިފައިވާއިރު ލީގުގެ ތާރީހުގައި 49 މެޗު ބަލިނުވެ ކުޅެ އެ ރެކޯޑް ވެސް އޮތީ އެޓީމު އަތުގަ އެވެ.

އާސެނަލުން ރޭގެ މެޗު ކާމިޔާބުކުރިއިރު އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު އެޓީމުން ވަނީ ގޯލެއް ނުވަދެ ނިންމާލައިފަ އެވެ. ރޭ އެޓީމަށް ކޮޅަށް ގޯލެއް ނުވަނީ ގޯލްކީޕަރު ބާންޑް ލެނޯ ދެއްކި މޮޅު ކުޅުމުންނެވެ. މެޗުގައި އާސެނަލުން ގޯލެއް ޖެހި ނަމަވެސް ވެސްޓް ހޭމަށް ވެސް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބި ބޭކާރުވެފަ އެވެ.

ރޭގެ މެޗުން ބަލިވުމުން ވެސްޓް ހޭމްގެ ކޯޗު ޑޭވިޑް މޯޔެސް، އާސެނަލްގެ ދަނޑުގައި ފުރަތަމަ މޮޅު ހޯދަން ކުރާ އިންތިޒާރު އަނެއްކާވެސް ވަނީ ދިގުވެފަ އެވެ. މީގެ ކުރިން އެވަޓަން އާއި މެންޗެސްޓަރ ޔުނައިޓެޑަށް ވެސް އިރުޝާދުދިން މޯޔެސްގެ ކޯޗުކަމުގައި އޭނާގެ ޓީމުތައް އާސެނަލްގެ ދަނޑުގައި ކުޅުނު 16 މެޗުން ވެސް މޮޅުވެފައެއްނުވެ އެވެ. މި މުއްދަތުގައި 12 މެޗުން ބަލިވިއިރު ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ގަދަ ހަތަރަކަށް ވާދަކުރަމުން އަންނަ ޝެފީލްޑް ޔުނައިޓެޑް ރޭ ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ނޯވިޗް ސިޓީ ބަލިކޮށްފަ އެވެ. އެކަމަކު ހަތަރު ވަނަ މަގާމް ހޯދުމަށް ގަދައަޅާ މަސައްކަތް ކުރަމުން އަންނަ ވުލްވްސް އަދި ޓޮޓެންހަމް ރޭ ކުޅުނު މެޗުތައް ވަނީ އެއްވަރުވެފަ އެވެ. ވުލްވްސް އަމިއްލަ ދަނޑުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗު 0-0 އިން އެއްވަރުވިއިރު ޓޮޓެންހަމް ރަށުން ބޭރުގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ.

ލީގުގެ ހަތަރު ވަނައިގައި 45 ޕޮއިންޓާއެކު ޗެލްސީ އޮތްއިރު ފަސް ވަނައިގައި ވުލްވްސް އާއި ހަ ވަނައިގައި އޮތް ޝެފީލްޑް ޔުނައިޓެޑަށް ވަނީ 43 ޕޮއިންޓް ލިބިފަ އެވެ. ޔުނައިޓެޑް 42 ޕޮއިންޓާއެކު ހަތް ވަނައިގައި އޮތްއިރު ރޭ އެއްވަރުވި ޓޮޓެންހަމް އޮތީ 41 ޕޮއިންޓާއެކު އަށް ވަނައިގަ އެވެ. ރޭ ހޯދި މުހިއްމު މޮޅާއެކު އާސެނަލުން ވަނީ ޗެލްސީއާ ފަސް ޕޮއިންޓަށް ކައިރިކޮށް ތާވަލުގެ ނުވަ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.

ލީގުގައި މިރޭވެސް މުހިއްމު މެޗުތަކެއް ކުޅޭނެ އެވެ. އެންމެ ފުރަތަމަ ކުޅޭ މެޗުގައި ޗެލްސީން އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށް ނުކުންނައިރު މެންޗެސްޓަރގެ ވާދަވެރި ދެ ކްލަބް ކަމަށްވާ ޔުނައިޓެޑާ ސިޓީގެ ކުރިމަތިލުން ވެސް މިރޭ އޮންނާނެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *