އަރްތޫރް އަށް އަނިޔާވެ ބާސެލޯނާގެ ހާސްކަން އިތުރުވެއްޖެ

Advertisement

އަރްތޫރް އަށް އަނިޔާވެ ބާސެލޯނާގެ ހާސްކަން އިތުރުވެއްޖެ

ޢަބްދުﷲ އަޝްރަފް

ބާސެލޯނާ އަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލޑަރު އަރްތޫރް އަށް ފަރިތަކުރުންތަކުގެ ތެރޭގައި ލިބުނު އަނިޔާ އަކާއި ގުޅިގެން ގާތްގަނޑަކަށް ތިން ހަފްތާގެ މުއްދަތަށް އޭނާ އަށް ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ ކަމުގެ ބިރު ބާސެލޯނާއަށް ބޮޑުވެއްޖެ އެވެ.

ސްޕެނިޝް ލީގުގެ ޓޭބަލްގެ ދެ ވަނައިގައި އޮތް ބާސެލޯނާ އިން ލީގުގައި ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި މިއަދު ވާދަކުރަން ހަމަޖެހިފައިވާއިރު އަރްތޫރް އަށް ލިބުނު އަނިޔާ އަށް ފަރުވާކުރުމުގެ މަސައްކަތް މިހާރު ފަށައިފައިވުމާއެކު  މިއަދުގެ މެޗްގައި އޭނާއަށް ނުކުޅެވޭނެ ކަން ބާސެލޯނާ އިން އިއްޔެ ވަނީ ކަށަވަރުކޮށްދީފަ އެވެ.

Advertisement

އަރްތޫރްގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާ އަކާއި ގުޅިގެން އޭނާގެ ހިދުމަތް ދުވަސްތަކަކަށް ބާސެލޯނާ އަށް ނުލިބުމަކީ އެ ޓީމްގެ ކޯޗް ކީކޭ ސެޓިއެން އަށް އޮތް ވަރަށް ބޮޑު ކަންބޮޑުވުމަކަށް ވާނެކަމަށް ބެލެވެ އެވެ. އަނިޔާގެ މައްސަލަ ބާސެލޯނާ އަށް ބޮޑުވެފައިވާއިރު އަނިޔާގެ ސަބަބުން މިއަދުގެ މެޗްގައި ނުކުޅެވޭ މުހިއްމު ކުޅުންތެރިންގެ ތެރޭގައި ބާސެލޯނާގެ މުހިއްމު ދެ ފޯވާޑުން ކަމަށްވާ ލުއިސް ސުއަރޭޒް އާއި އުސްމާން ޑެމްބެލޭގެ އިތުރުން ސާޖީ ރޮބާޓޯ ހިމެނެ އެވެ.

އަނިޔާގެ ސަބަބުން ބާސެލޯނާގެ މުހިއްމު ބައެއް ކުޅުންތެރިންނަށް މިއަދުގެ މެޗްގައި ނުކުޅެވޭތީއާ އެކު ކޮޕަރ ޑެލްރޭ ގެ ފައިނަލުން ޖާގަ ހޯދައިފައިވާ ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ކުޅެން ބާސެލޯނާ އިން އެކުލަވާލި 18 ކުޅުންތެރިންގެ ލިސްޓްގައި އެ ޓީމްގެ ޒުވާން ދެކުޅުންތެރިން ކަމަށްވާ ރިކީ ޕީގް އާއި އެލެކްސް ކޮލާޑޯ ވަނީ ހިމަނައިފަ އެވެ.

ބްރެޒިލްގެ ކްލަބެއް ކަމަށްވާ ގްރެމިއޯ އިން ގާތްގަނޑަކަށް 40 މިލިއަން ޔޫރޯއަށް 2018 ވަނަ އަހަރުގެ ހޫނު މޫސުމުގައި ބާސެލޯނާ އަށް ބަދަލުވި އުމުރުން 23 އަހަރުގެ އަރްތޫރް އަށް ކުރިމަތިވި އަނިޔާއާ އެކު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި އިޓަލީގެ ނަޕޯލީ އާ ދެކޮޅަށް އަމިއްލަ ދަނޑުގައި  ބާސެލޯނާ ކުޅެންޖެހޭ ދެވަނަ ލެގުގެ މެޗްގައި އޭނާ އަށް ކުޅެވޭނެ ކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ނަޕޯލީ އާ ވާދަކޮށް ރަށުން ބޭރުގައި ބާސެލޯނާ އިން ކުޅުނު ފުރަތަމަ ލެގުގެ މެޗް ނިމިފައިވަނީ 1-1 އިން އެއްވަރުވެގެންނެވެ.

2019 ވަނަ އަހަރު އޮތް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ބްރެޒިލް ޓީމުގައިވެސް ހިމެނުނު އަރްތޫރް އަށް އަނިޔާވެ ކުޅުމާ ދުރުގައި ދުވަސްކޮޅަކަށް ހުންނަން ޖެހިދާނެކަމަށް މިހާރު ބެލެވިފައި އޮތް އިރު ވޯލްޑް ކަޕް ކޮލިފައިންގައި މި މަހުގެ ފަހު ކޮޅު ބޮލީވިއާ އަދި ޕެރޫ އާ ދެކޮޅަށް ބްރެޒިލް އިން ކުޅޭ ދެ މެޗަށް އެކުލަވާލި ސްކޮޑްގައި އަރްތޫރްގެ ނަން ކޯޗް ޓީޓޭ ވަނީ ހިމަނައިފައެވެ. އަރްތޫރް ވަނީ ސްޕެނިޝް ލީގުގައި ބާސެލޯނާ އިން އެންމެ ފަހުން ކުޅުނު ތިން މެޗްގައިވެސް ފުރަތަމަ އެގާރައިގައި ހިމެނިފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *