މުހިއްމު މެޗުތަކެއް ކުރިއަށް އޮއްވާ ސެންޓޭ އަށް އަނިޔާވެއްޖެ

Advertisement

މުހިއްމު މެޗުތަކެއް ކުރިއަށް އޮއްވާ ސެންޓޭ އަށް އަނިޔާވެއްޖެ

ޢަލީ ޝަހީމް
ސެންޓޭ ލީގުގައި ދަ ގްރާންޑޭއާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެރެއިން. - ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ކްލަބާއި ގައުމީ ޓީމުގެ މުހިއްމު މެޗުތަކެއް ކުރިއަށް އޮއްވައި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ދެ އަހަރު ހޯދާފައިވާ ކްލަބް އީގަލްސްގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) އަށް އަނިޔާވެއްޖެ އެވެ.

ސެންޓޭގެ ކަކުލަށް އަނިޔާވީ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފަހު މެޗުގައި މިދިޔަ ހޯމަ ދުވަހުގެރޭ މާޒިޔާއާ ދެކޮޅަށް ކުޅެނިކޮށެވެ. މާޒިޔާގެ ހުސައިން ނިހާން (ނިހާޓް) އާއެކު ބޯޅައެއް ހޯދަން މަސައްކަތް ކުރި ވަގުތު ކަކުލަށް އަނިޔާވުމުން ސެންޓޭ ވަނީ ވަގުތުން ބަދަލުކޮށްފަ އެވެ.

ކަކުލުގެ އެމްއާރުއައި ސެންޓޭ މިހާރު ހަދާފައިވާއިރު، އިތުރު މައްސަލައެއް ފާހަގަވެފައިނުވާކަމަށް މައުލޫމާތުލިބެ އެވެ. އެހެންނަމަވެސް އީގަލްސްގެ ފަރިތަކުރުންތަކުގައި ސެންޓޭ އަށް ބައިވެރިވެވޭނީ އަދި ހަފްތާއެއްހާ ދުވަސް ފަހުންނެވެ.

އަނިޔާވި މެޗުގައި ސެންޓޭ. ކުޅުމުގެ ތެރެއަށް އަންނަން މަދުވެގެން ދެ ހަފްތާ ނަގާނެ. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ސެންޓޭ އަށް އަނިޔާވިއިރު އީގަލްސް އިން އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި މިރޭ ވިލިމާލެ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެ އެވެ. ވިލިމާލެއާ ވާދަކޮށް އެޓީމު މޮޅުވެއްޖެ މި މަހުގެ 16 ވަނަ ދުވަހު އެ މުބާރާތުގެ ސެމީ ފައިނަލުގައި އީގަލްސް ކުޅޭނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ސެންޓޭ ނުކުޅޭނެކަން ކަށަވަރުވެފައިވާއިރު ސެމީ ފައިނަލަށް ގޮސްފިނަމަ އެ މެޗުގައި ސެންޓޭ އަށް ކުޅެވޭނީ ރިކަވަރީ ކުރިއަށްދާ ގޮތަކުންނެވެ.

އޭދަފުއްޓަށް އުފަން ސެންޓޭ އައީ އަނިޔާގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިވަމުންނެވެ. އެހެންނަމަވެސް އެފްއޭ ކަޕާއި އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ވަގުތީގޮތުން ގައުމީ ޓީމުގެ ފަރިތަކުރުންތައް މިވަގުތު އޮތީ ހުއްޓާލާފަ އެވެ. އެކަމަކު ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ގައުމީ ޓީމު މިމަހުގެ 26 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ނުކުންނަ މެޗާ މި މަހުގެ 31 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ސީރިއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނެ އެވެ. ދިގު މުއްދަތަކަށް ކުޅުމާ ދުރަށްދާން ޖެހިދާނެ ކަމަށް ނުބެލެވޭތީ ގައުމީ ޓީމުގެ ފަރިތަކުރުންތައް އަލުން ފަށާއިރު ސެންޓޭ ބައިވެރިވާނެކަމަށް ބެލެވެ އެވެ.

އީގަލްސް އަށް މި ސީޒަނުގައި ސެންޓޭ މުހިއްމު ގޯލުތަކެއް ޖަހާފައިވާއިރު އެފްއޭ ކަޕް ކާމިޔާބުކޮށް އޭއެފްސީ ކަޕްގެ ކޮލިފައިން ބުރަށް ދިއުމަށް އެޓީމުން ކުރާ މަސައްކަތުގައި ސެންޓޭގެ އެހީތެރިކަން އެޓީމަށް ބޭނުންވާނެ އެވެ. 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އިތުރުން އެ ދެ އަހަރު ސެންޓޭ ވަނީ އެންމެ ގިނަ ގޯލު ޖަހައިގެން ރަން ބޫޓު ވެސް ހާސިލްކޮށްފަ އެވެ. ނިއު ރޭޑިއަންޓަށް ކުޅުމަށް ފަހު ސެންޓޭ އީގަލްސް އަށް ބަދަލުވީ މިދިޔަ އަހަރު އެވެ.

އެފްއޭ ކަޕްގައި މިރޭ ސެންޓޭ އަށް ނުކުޅެވޭއިރު އޭނާ އަކީ އެންމެ ފަހުން ބޭއްވި އެފްއޭ ކަޕް 2017 ވަނަ އަހަރު ނިއު ރޭޑިއަންޓަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އެ އަހަރުގެ ސެމީ ފައިނަލުގައި ނިއު އިން 4-0 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކުރީ ސެންޓޭގެ ހެޓްރިކަކާ އެކު އެވެ. އޭގެ ފަހުން ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބް އަތުން 2-1 އިން ބަލިވާން ދަނިކޮށް އެއްވަރުކުރި ގޯލާ ޕެނަލްޓީން މޮޅުވިއިރު ސެންޓޭ ވަނީ އެނާ ޖެހި ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ.

ސެންޓޭ އަށް އަނިޔާވެ ކުޅުމާ ދުރަށްދާން ޖެހިފައިވާއިރު ގައުމީ ޓީމުގެ ފޯވާޑް އަސަދުﷲ އަބްދުﷲ (އަސައްކޮ) ވެސް ވަނީ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ހަ މަހަށް ވުރެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށްދާން ޖެހިފަ އެވެ. އަސައްކޮގެ އިތުރުން މާޒިޔާ އާއި ގައުމީ ޓީމުގެ ޒުވާން ފޯވާޑް ނާއިޒް ހަސަން (ދާދު) ވެސް މިވަގުތު ހުރީ އަނިޔާގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *