ދިވެހި ލީގުގެ މޮޅު ކުޅުންތެރިޔާ ނުހޮވުން، މައްސަލައެއްތަ؟

Advertisement

ދިވެހި ލީގުގެ މޮޅު ކުޅުންތެރިޔާ ނުހޮވުން، މައްސަލައެއްތަ؟

ޢަލީ ޝަހީމް
2016 ވަނަ އަހަރުގެ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމާ ސެންޓޭ ހަވާލުވަނީ. އޭގެ ފަހުން މި ޝަރަފްވެރި މަގާމް ހޮވުން ވަނީ ހުއްޓާލާފައި. - ފޮޓޯ: މިހާރު

ދިވެހި ފުޓްބޯޅައިގެ ފޯރި އިތުރުކުރުމަށް ދިވެހި ލީގުގެ ނަން ރީބްރޭންޑްކޮށް ދިވެހި ޕްރިމިއާ ލީގުގެ ނަމަށް ބަދަލުކުރީ 2014 ޑިސެމްބަރު މަހު އެވެ. ނަމަށް ގެނައި ބަދަލާއެކު 2015 ވަނަ އަހަރު ފުރަތަމަ ފަހަރަށް ދިވެހި ޕްރިމިއާ ލީގު ބޭއްވިއިރު ތަފާތުތަކެއްވެސް ފެނުނެވެ. ލީގު ހުޅުވުމާއި، ލީގުގައި ވާދަކުރި ޓީމުތަކުގެ އަދަދާއި ޓީމުތައް ވަކި ސަރަހައްދުތަކަކަށް ނިސްބަތްކުރުން ވެގެންދިޔައީ ހީނަރުވެފައި އޮތް ފުޓްބޯޅައިގެ ފޯރިއަށް ބަދަލެއް ގެނައުމަށް ކުރި ފާހަގަކޮށްލެވޭ މަސައްކަތަކަށެވެ.

ސަޕޯޓަރުންގެ ފޯރި ގެނައުމުގެ އިތުރުން ކުޅުންތެރިންގެ މޯޓިވޭޝަން ރަނގަޅު ކުރުމަށް އާ ނަމާއެކު އޭރު އެފްއޭއެމުން އައީ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޮވަމުންނެވެ. އެކަމަކު މިއަދު އެ މަންޒަރު ތަފާތެވެ. މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު މިދިޔަ ހޯމަ ދުވަހުގެ ރޭ ނިމި ޗެމްޕިއަން ޓީމަށް ޝީލްޑް ހަވާލުކުރިއިރު ހަމައެކަނި ހޮވީ ފެއާ ޕްލޭ ޓީމާއި، އެންމެ މޮޅު ގޯލްކީޕަރެވެ. ވޭތުވެދިޔަ ދެ ސީޒަނެކޭ އެއްގޮތަށް މިފަހަރުވެސް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް އިއުލާންކޮށް އެވޯޑް ދިން ތަނެއް ނުފެނުނެވެ.

Advertisement

ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ލީގުތަކުގެ ތާރީހަށް ބަލާއިރު އެ ލީގެއް ނިސްބަތްވާ ކޮންމެ ގައުމަކުން ވެސް އެތަނެއްގައި އޮންނަ ބޮޑު ލީގުގައި ހާއްސަ މަގާމްތަކެއް ކަނޑައަޅަ އެވެ. ހުރިހާ ލީގަކުންވެސް ތަކުރާރުވާ މަންޒަރަކީ ލީގުގެ މޮޅު ކުޅުންތެރިޔާ ހޮވުމެވެ. ގިނަ ދުވަސްތަކަކަށް ދެމިގެންދާ މުބާރާތުގެ މޮޅު ކުޅުންތެރިޔާ ހޮވުމަކީ ކުޅުންތެރިންގެ މޯޓިވޭޝަނާއި ގުޅުންހުރި ކަމަކަށްވެފައި ސަޕޯޓަރުންގެ މެދުގައިވެސް އެ މުބާރާތާއި މެދު ޝައުގުވެރިކަން އިތުރުވާ ކަމެކެވެ. އެކަމުގެ ހެއްކަކަށް އެންމެ ގާތުން ފެންނަން އޮތީ ޔޫރަޕްގެ މަޝްހޫރު ފުޓްބޯޅަ ލީގުތަކުގެ މޮޅު ކުޅުންތެރިޔާ ހޮވުމުގެ ކުރިން ރާއްޖޭގެ ސަޕޯޓަރުންގެ މެދުގައި ކުރެވޭ ހޫނު ބަހުސްތަކެވެ.

2018 ވަނަ އަހަރުގެ ލީގުގައި ދަގަނޑޭ ޓީީސީގެ މެޗެއްގައި. އެފަހަރު ލީގުގައި ދަގަނޑޭ 22 ގޯލު ޖެހި.

މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ތަށި ހޯދުމަށް ފަހު ކުރި ހަމައެކަނި ޝަކުވާ އަކީ އެ ކްލަބުގެ ކުޅުންތެރިއަކަށް އިނގިރޭސި އެފްއޭ އިން ހޮވާ ޕްރިމިއަރ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ނުލިބުމެވެ. ގާޑިއޯލާގެ ނުތަނަވަސްކަން އިތުރުވި މައިގަނޑު ސަބަބަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީހުގައި ސިޓީން ލީގު ޗެމްޕިއަންކަން ކަށަވަރުކުރި ހަތަރު ސީޒަނުގައި ވެސް އެ ކްލަބުގެ ކުޅުންތެރިއަކަށް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް އިނގިރޭސި އެފްއޭ އިން ދީފައިނުވުމެވެ. ގާޑިއޯލާގެ ވާހަކަތަކުން އެނގުނީ ކޯޗުންނާއި ކުޅުންތެރިން އަދި މުޅި ކްލަބަށް ވެސް އެ މަގާމް މުހިއްމުވާކަމެވެ. އެކަމަކު ރާއްޖޭގެ އެންމެ ބޮޑު ލީގުން މި މަންޒަރު ފެންނަން ނެތުމުން އެކަމާ ގުޅޭގޮތުން ބަހުސެއް ކުރެވޭނެ ޖާގައެއް ވެސް ޓީމުތަކުގެ ކޯޗުންނާއި ހުދު ކުޅުންތެރިންނަށް ވެސް ނުލިބެ އެވެ.

ދިވެހި ޕްރިމިއާ ލީގުގެ ނަމަށް ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ ލީގުގެ ނަން ބަދަލުކުރުމަށްފަހު ކުޅުނު ފުރަތަމަ ސީޒަނުގައި ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޓީސީ ސްޕޯޓްސް ކްލަބުގައި މޮޅު ކުޅުމެއްދެއްކި މިހާރު މާޒިޔާގެ ފޯވާޑް ނާއިޒް ހަސަން (ދާދު) އެވެ. ޒުވާން އުމުރުގައި ދާދު ހޯދި ޝަރަފްވެރި އެވޯޑާއެކު އޭނާގެ ނަން ފުޓްބޯޅައިގައި އުފުލި އެ ހިސާބުން ފެށިގެން ސީނިއާ ގައުމީ ޓީމުން ވެސް ގަވާއިދުން ފުރުސަތު ލިބެންފެށި އެވެ. ޖެހިގެން އައި 2016 ވަނަ އަހަރުގެ ސީޒަނުގައި ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެ އަހަރު ޓީސީ އަށް ކުޅުނު އަލީ ފާސިރު (ސެންޓޭ) އެވެ. ލީގުގައި ކުޅުނު 21 މެޗުގައި ޖެހި 29 ގޯލާއެކު އޭނާ ނޫން ކުޅުންތެރިއަކަށް އެފަހަރު އެ މަގާމް ހައްގުވެސް ނޫންކަމަށް ގިނަ ބަޔަކު އެއްބަސްވެސްވި އެވެ.

ވަރަށް ރަނގަޅު ޓްރެކެއްގައި ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޮވަމުން ގޮސް އެކަމަށް ހުއްޓުން އައީ 2017 ވަނަ އަހަރުގެ ލީގާ ހަމައިންނެވެ. އެ އަހަރުން ފެށިގެން ލީގުގެ މޮޅު ކުޅުންތެރިޔާ ނުހޮވުމަކީ ހަގީގަތުގައިވެސް ކަންބޮޑުވާންޖެހޭ ކަމެކެވެ. އެހެންނަމަވެސް 2015 އިން ފެށިގެން ހޮވަމުންގެންދާ އެންމެ މޮޅު ގޯލްކީޕަރާއި ފެއާޕްލޭ ޓީމު ހޮވުމަކަށް ހުއްޓުމެއްނަ އެވެ. ސުވާލު އުފެދެނީ އެ ހިސާބުންނެވެ. ހަމައެކަނި މޮޅު ކުޅުންތެރިޔާގެ މަގާމް ހޮވުން ހުއްޓާލަން ޖެހުނީ ކީއްވެ ހެއްޔެވެ.؟

ލީގުގެ މޮޅު ކުޅުންތެރިޔާ ނުހޮވާ މައްސަލައިގައި އެފްއޭއެމްއާ “ފަހުމިނެޓް” އިން ސުވާލުކުރުމުން ލިބުނީ ގަބޫލުކުރަން އެހާ ފަސޭހަ ޖަވާބެއް ނޫނެވެ. އެފްއޭއެމުން ބުނީ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޮވައިފި ނަމަ އެފްއޭއެމްގެ ހިއްސާއާއެކު ބާއްވާ މޯލްޑިވްސް ފުޓްބޯލް އެވޯޑުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބޭނެ ފަރާތްވެސް ދެނެގަންނަން ފަސޭހަވާނެ ކަމަށެވެ. އެހެންވެ އެ ސަބަބަށްޓަކައި ލީގުގެ މޮޅު ކުޅުންތެރިޔާ ހޮވުން 2017 ވަނަ އަހަރުން ފެށިގެން  މަޑުޖައްސާލީ ކަމަށެވެ.

ދެން އޮތީ މޯލްޑިވްސް ފުޓްބޯލް އެވޯޑުސްގެ ވާހަކަ އެވެ. ރާއްޖޭގެ ފުޓްބޯޅަ އަށް ހާއްސަ އޮންލައިން ނޫހެއް ކަމަށްވާ “މޯލްޑިވްސް ފުޓްބޯލް.ކޮމް” އާ ގުޅިގެން އެފްއޭއެމުން އެ އެވޯޑް ތައާރަފްކޮށް އެންމެ ފުރަތަމަ އެވޯޑް ހަފްލާ ބޭއްވީ 2017 ޖެނުއަރީ 16 ވަނަ ދުވަހުގެ ރެ އެވެ. އެރޭ އެވޯޑް ދިނީ 2016 ވަނަ އަހަރު އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިންނަށެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ 2016 ވަނަ އަހަރުގެ ލީގުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ސެންޓޭ އެވެ. ލީގުގައި 29 ގޯލު ޖަހައި މުޅި ސީޒަނުގައި 34 ގޯލު ހަމަކޮށް ރަންބޫޓު ވެސް ކަށަވަރުކުރުމުން ހަފްލާގެ މާކުރިން ވެސް ސެންޓޭ އެ އެވޯޑް ހޯދާނެކަން އޮތީ ކަށަވަރުވެފަ އެވެ. އެއީ ހަމައެކަނި ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުމަކުން ނޫނެވެ. އެ އަހަރު އެހެން ކުޅުންތެރިންނާ ހިލާފަށް ޓީސީގައި ހުރެ ސެންޓޭ ދެއްކި ކުޅުމަކީ ސުވާލެއް ނުއުފެއްދޭ ވަރަށް މޮޅު ކުޅުންތެރިޔާގެ މަގާމް ހައްގު ކުޅުމެކެވެ.

https://www.facebook.com/fahuminet/posts/2911279602227468

ފުޓްބޯޅަ ސީޒަނެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމަކީ ހަމައެކަނި ލީގުގައި ކުޅުންތެރިން ދައްކާ ކުޅުމަށް އެކަނި ބަލައިގެން ހޮވާ މަގާމަކަށް ވާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. އެއާ ހިލާފަށް އެ މަގާމް ވާންޖެހޭނީ ހުރިހާ މުބާރާތެއްގައި ކުޅުންތެރިން ދައްކާ ކުޅުން އަޅާކިއުމަށްފަހު ހޮވާ މަގާމަކަށެވެ. ރާއްޖޭގެ ފުޓްބޯޅަ ކަލަންޑަރަށް ބަލާއިރު ލީގުގެ އިތުރުން އެފްއޭ ކަޕާއި، ޕްރެޒިޑެންޓްސް ކަޕް އަދި އޭއެފްސީ ކަޕްގެ މެޗުތަކާއި ގައުމީ ފުޓްބޯޅަ ޓީމުގެ މެޗުތަކަކީވެސް ކުޅުންތެރިންގެ ފެންވަރު ބެލެން ޖެހޭނެ މުބާރާތްތަކާއި މެޗްތަކެވެ. ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބެންވާނީ އެ ހުރިހާ މުބާރާތްތަކެއްގައި އެންމެ ރަނގަޅު ކުޅުމެއް ދައްކައި އެންމެ މަތިން މާކްސް ހޯދާ ކުޅުންތެރިއަކަށެވެ. މޮޅު ކުޅުންތެރިޔާ ލިބުމުގައި ލީގުގެ ހިއްސާ ބޮޑުނަމަވެސް އެކަން ޔަގީން ކުރުމަށް އިތުރު މުބާރާތްތަކުގައި ވެސް ކުޅުންތެރިން ވަޒަންކުރަންޖެހެ އެވެ. ލީގުގައި މޮޅު ކުޅުންތެރިޔާ އަށް ދެންހުރި މުބާރާތްތަކާއި މެޗްތަކުގައި އެންމެ ރަގަޅަށް ނުކުޅެވުމުގެ ފުރުސަތު އޮތުމާއެކު ލީގުގައި މޮޅަށް ކުޅެގެން މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާ ކުޅުންތެރިޔާ އަށް ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުން ލާޒިމެއް ނޫނެވެ. އެފްއޭއެމްގެ ވާހަކަ ގަބޫލުކުރަން ދަތިވާ އެންމެ މުހިއްމު ސަބަބަކީ އެއީ އެވެ.

ކޮންމެއަކަސް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ނުހޮވުމަކީ 2020 ގައި ރާއްޖޭގެ ފުޓްބޯޅައިން ފެނުނު އެންމެ ގަބޫލުކުރަން އުނދަގޫ މަންޒަރެކެވެ. އަދި، ލީގުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި މޯލްޑިވްސް ފުޓްބޯލް އެވޯޑް ނައިޓުގައި ދޭ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާ ކިތަންމެ ބޮޑު ގުޅުމެއް އޮތަސް އެއީ މައްސަލައެއް ނޫނެވެ. ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ މިދިޔަ 10 އަހަރު ބެލޮންޑިއޯ ސްޓޭޖަށް އެރިއިރު އެއިން ކޮންމެ އަހަރަކުވެސް އެވޯޑް ލިބުމުގެ ކުރިން އެ ކުޅުންތެރިންނަށް އެވޯޑް ލިބޭނީ އޭގެ ތެރެއިން ކާކަށް ކަން ގާތްގަނޑަކަށް ޔަގީންކުރަން އޮންނަނީ އެނގިފަ އެވެ. އެހެންވެ އެވޯޑެއް ކުޅުންތެރިއަކަށް ޔަގީންވާނެކަމަށް ބަލައި ދޭންޖެހޭ އިތުރު އެވޯޑެއް ހުއްޓާލުމަކީ އެންމެ ރަގަޅު ގޮތްކަމަށް ގަބޫލުކުރަން ދައްޗެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *