އިގާލޯ ދެ ގޯލު ޖަހައި މެންޗެސްޓަރ ޔުނައިޓެޑް ކުއާޓާ ފައިނަލަށް ގެންގޮސްދީފި

މި ޖެނުއަރީ މަހު މެންޗެސްޓަރ ޔުނައިޓެޑާ ގުޅުނު ނައިޖީރިއާގެ 30 އަހަރުގެ ފޯވާޑް އޮޑިއޮން އިގާލޯ ޖަހައިދިން ދެ ގޯލާއެކު ރަށުން ބޭރުގައި 3-0 އިން ޑާބީ ކައުންޓީ ބަލިކޮށް އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުން ޔުނައިޓެޑް ފުރުސަތު ހޯދައިފި އެވެ.
ރޭގެ މެޗު އެންމެ ހާއްސަވީ ޔުނައިޓެޑުގެ ތާރީހުގައި އެ ކްލަބަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ވޭން ރޫނީ އެޓީމާ ދެކޮޅަށް ނުކުތުމެވެ. ޕްލެޔާސް ކޯޗެއްގެ ގޮތުގައި ރޫނީ ޑާބީއާ ގުޅުނީ މިދިޔަ ޖެނުއަރީ މަހު އެވެ. ޔުނައިޓެޑް ގައި ހޭދަކުރި ކާމިޔާބު ދުވަސްތަކުގައި ރޫނީ ވަނީ 253 ގޯލު އެ ކްލަބަށް ކާމިޔާބުކޮށްދީފަ އެވެ. 2017 ވަނަ އަހަރު ކްލަބް ދޫކޮށް ކުރީގެ ކްލަބް އެވަޓަންއަށް ބަދަލުވިއިރު ރޫނީ ވަނީ އެފްއޭ ކަޕްގައި ޔުނައިޓެޑްގެ ޖާޒީގައި ކުޅުނު 40 މެޗުގައި 22 ގޯލު ޖަހައިފަ އެވެ. ރޭގެ މެޗުގައި ވެސް ރޫނީގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު އޭނާ ފޮނުވާލި ނުރައްކާތެރި ދެ ހިލޭ ޖެހުން ހުއްޓުވީ ޔުނައިޓެޑްގެ ގޯލު ބެލެހެއްޓި ސާޖިއޯ ރޮމޭރޯ އެވެ. ޔުނައިޓެޑާ ދެކޮޅަށް އެވަޓަން އާއި ޑާބީގެ ޖާޒީގައި ކުޅުނު ނަމަވެސް ރޫނީ އަށް އަދި މިހާތަނަށް އެޓީމު ކޮޅެއް ގޯލެއް ވައްދާލެވިފައެއްނުވެ އެވެ.
މެޗުގެ ކުރީކޮޅު ޑާބީ އިން ޔުނައިޓެޑަށް ނުރައްކާ ކުރިނަމަވެސް އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. އެކަމަކު ފުރަތަމަ ހާފުގެ ފަހު ކޮޅު ލިބުނު ދެ ފުރުސަތުގެ ބޭނުން ހިފައި ޔުނައިޓެޑުން މި ހާފު ނިންމާލީ ދެ ގޯލުގެ ލީޑެއްގައި އޮވެގެންނެވެ. ފުރަތަމަ ގޯލު ލޫކް ޝޯ ޖެހިއިރު، ދެ ވަނަ ގޯލު ޝޯގެ އެހީތެރިކަމާއެކު ޖެހީ އިގާލޯ އެވެ. ދެ ވަނަ ހާފުގެ ފަހުކޮޅު އިގާލޯ ވަނީ ޔުނައިޓެޑަށް ދިން ވަނަ ގޯލެއް ވެސް ކާމިޔާބުކޮށްދީފަ އެވެ.
އެންމެ ކުޑައިރުއްސުރެ ޔުނައިޓެޑަށް މަރުދޭ އިގާލޯ އޭނާ އެންމެ ލޯބިވާ ކްލަބާ ގުޅުމަށް ފަހު މިހާތަނަށް ވަނީ ތިން ގޯލު ޖަހައިފަ އެވެ. އަނެއް ގޯލު ޖެހީ ޔޫރޮޕާ ލީގުގެ ދެ ވަނަ ލެގްގެ މެޗުގައި ކްލަބް ބްރޫޖް ކޮޅަށެވެ. އިގާލޯ ޔުނައިޓެޑަށް އައުމަކީ ގިނަ ބަޔަކަށް ލިބުނު ހައިރާންކަމެކެވެ. މެޗަށް ފަހު އިގާލޯ ވަނީ ޔުނައިޓެޑަށް ބަދަލުވުމުން އޭނާ އަށް ކުރިމަތިވި ފާޑުކިއުންތަކަށް ރައްދުދީފަ އެވެ.
“އަހަރެންގެ ޓީމުގެ ކުޅުންތެރިންނާ، ކޯޗު އަދި ސަޕޯޓަރުން އަހަރެންގެ ކުޅުން ގަބޫލުކުރާނަމަ ކުރިއަށް ދާން ހިތްވަރު ކުރާނަން. އެހެން މީހުން ކިޔާ އެއްޗިއްސަށް އަހަރެން އަޅައެއް ނުލަން. މި ޖޯޝުގަ ކުޅެ ޓީމު ބޭނުންވަނީ ސީޒަން ރަނގަޅަށް ނިންމާލަން” ޔުނައިޓެޑްގެ ޖާޒީގައި ނައިޖީރިއާ ތަމްސީލުކުރާ ފުރަތަމަ ކުޅުންތެރިޔާގެ އުފާވެރިކަން ހޯދި އިގާލޯ މެޗަށް ފަހު ބުންޏެވެ.
ޑާބީ އަތުން ރޭ މޮޅުވިއިރު ފަހަކަށް އައިސް ޔުނައިޓެޑުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް އެންމެ ފަހުން ކުޅުނު ނުވަ މެޗުން އެޓީމު ބަލިވެފައިނުވާއިރު 22 ގޯލު ޖަހައި ބައިކޮޅަށް ވަނީ އެންމެ ދެ ގޯލެވެ. މި ނުވަ މެޗުގެ ތެރެއިން ހަ މެޗުން މޮޅުވި އިރު ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މި މޮޅާއެކު މި މަހުގެ ފަހުކޮޅު ކުޅޭ އެފްއޭ ކަޕްގެ ކުއާޓާ ގައި ރަށުން ބޭރުގައި ޔުނައިޓެޑް ނުކުންނާނީ ލީގުގެ ފުލުގައި އޮތް ނޯވިޗް ސިޓީއާ ދެކޮޅަށެވެ. ކުއާޓާ ފައިނަލުގެ އެހެން މެޗުތަކަށް ބަލާއިރު ރަށުން ބޭރުގައި އާސެނަލުން ޝެފީލްޑް ޔުނައިޓެޑާ ވާދަކުރާއިރު މެންޗެސްޓަރ ސިޓީ ކުޅޭނީ ނިއުކާސަލް ޔުނައިޓެޑާ އެވެ. ލިވަޕޫލް ކަޓުވާލުމަށް ފަހު ކުއާޓާގެ ޖާގަ ހޯދި ޗެލްސީ ވާދަކުރަން ޖެހެނީ ލެސްޓާ ސިޓީއާ އެވެ.
Advertisement


Leave a Reply