ސައްޓު ރަށު ޓީމު ކޮޅަށް ވައްދާލި ހެޓްރިކާއެކު ޓީސީ ސެމީ އަށް

އުފަން ރަށަށް ނިސްބަތްވާ ކްލަބް އޭދަފުށި ކޮޅަށް އިޝާން އިބްރާހީމް (ސައްޓު) ހެދި ހެޓްރިކާއެކު މިއަހަރުގެ އެފްއޭ ކަޕްގެ ފުރަތަމަ މެޗު ކާމިޔާބުކޮށް ޓީސީ ސްޕޯޓްސް ކްލަބް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ. ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗުން ޓީސީން ކްލަބް އޭދަފުށި ބަލިކުރީ 13-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ޓީސީގެ ދާއިމީ ކެޕްޓަން އަހުމަދު ފައްރާހް (ފައްރަ) މެޗުގައި ކުޅުނު ނަމަވެސް މެޗު ހާއްސަ ކުރުމުގެ ގޮތުން ޓީސީން މިއަދު ކެޕްޓަން ބޭންޑް ދިނީ ސައްޓު އަށެވެ. އަމިއްލަ ރަށް ކޮޅަށް ސައްޓު ހެދި ހެޓްރިކްގެ އިތުރުން ބިދޭސީ ފޯވާޑް މެލްކޮމް ކޮނޭލިއަސް ސްޓެވާޓް ވެސް މިއަދު ވަނީ ހެޓްރިކް ހަދައިފަ އެވެ. އަދި، ފުޓްބޯޅައިގައި އޭދަފުށީ ޓީމުތަކަށް ގިނަ ފަހަރެއްގެ މަތިން ކުޅެފައިވާ އަލީ އަޝްފާގް (ދަގަނޑޭ) މިއަދު ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. މި ތިން ކުޅުންތެރިން ޖެހި 10 ގޯލުގެ އިތުރުން ޓީސީ އަށް ދެން ލަނޑު ޖަހައިދިނީ ދެ ގޯލު ކާމިޔާބުކުރި އިސްމާއީލް އީސާ (މެސީ) އާއި އެއް ގޯލު ޖެހި ފައްރަ އެވެ.
1️⃣3️⃣ goals to get into the semi-finals by TC Sports Club against Club Eydhafushi, conceding 0️⃣! Eydhafushi-born…
Posted by Fahuminet on Thursday, March 5, 2020
އިހުސާން އަބްދުލްގަނީ (ސާންތީ) ގެ ކޯޗުކަމުގައި އެފްއޭ ކަޕަށް އޭދަފުށި ނުކުތީ މުޅިން ވެސް އެރަށަށް ނިސްބަތްވާ ކުޅުންތެރިންނާއެކު އެކުލަވާލި ޒުވާން ސްކޮޑަކާއެކު އެވެ. އެޓީމުގައި ގިނައިން ހިމެނުނީ މިދިޔަ އަހަރުގެ ކުރީކޮޅު އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި ވާދަކުރި ޓީމުގެ ކުޅުންތެރިންނެވެ. އޭދަފުއްޓާ ދެކޮޅަށް ޓީސީ ނުކުތީ އޭއެފްސީ ކަޕަށް ތައްޔާރުވާން ގަތަރުގައި 10 ދުވަހުގެ ކޭމްޕެއް ފުރިހަމަކުރުމަށް ފަހު ވަރަށް ރަނގަޅަށް ތައްޔާރުވެގެންނެވެ. ޓީސީ ޓީމުގައި ވެސް އޭދަފުށީ ޓީމަށް ނިސްބަތްވާ ތިން ކުޅުންތެރިން ހިމެނެ އެވެ. ސައްޓުގެ އިތުރުން އެޓީމުގައި ހިމެނޭ އޭދަފުށި ކުޅުންތެރިންނަކީ ޑިފެންޑަރު މުހައްމަދު އަޖުފާން އާއި ޒުވާން މިޑްފީލްޑަރު ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އެވެ. މިއަދުގެ މެޗުގައި އަޖުފާން ދެ ވަނަ ހާފުގައި ކުޅެން އެރިއިރު ޕޮގްބާ ޓީމުގައި ހިމެނިފައެއްނުވެ އެވެ.
މެޗު ފަށައިގެން ފުރަތަމަ 13 މިނެޓުގައި ސައްޓު ހެޓްރިކް ފުރިހަމަކުރިއިރު ފުރަތަމަ ހާފު ޓީސީން ނިންމާލީ ހަތް ގޯލު ކުރީގައި އޮވެގެންނެވެ. ސައްޓުގެ އިތުރުން މިހާފުގައި ޓީސީ އަށް ގޯލުތައް ކާމިޔާބުކޮށްދިނީ ދަގަނޑޭ އާއި ސްޓެވާޓް އެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު ގިނަ ގޯލުތަކެއް ވަން ނަމަވެސް އޭދަފުށިން ވެސް މި ހާފުގެ ބާކީ ބައިގައި ކޮންމެވެސް ވަރަކަށް ބޯޅަ ހިފަހައްޓައިގެން ކުޅެ ގޯލު ޖަހާނެ ދެ ފުރުސަތެއް ވަނީ ތަނަވަސްކޮށްފަ އެވެ.
ދެ ވަނަ ހާފުގައި އޭދަފުށީގެ ހިތްވަރު އިތުރަށް އެލުނީ ދަގަނޑޭ ޖެހި ބޯޅައެއް ގޯލަށް ވަންނަން ދަނިކޮށް ޑިފެންޑަރު އިސްމާއީލް ޝަރީފް ބޯޅައިގައި އަތުން ޖެހުމުން 54 ވަނަ މިނެޓުގައި ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ. މި ޕެނަލްޓީގެ އިތުރުން ދަގަނޑޭ ވަނީ މި ހާފުގައި އިތުރު ޕެނަލްޓީއެއް ވެސް ވައްދާލައިފަ އެވެ. މިއީ އޭދަފުށީގެ ރައްޒާން ރަޝީދު ދަގަނޑޭ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. ދެ ޕެނަލްޓީގެ އިތުރުން ދަގަނޑޭ ވަނީ ކުޅުމުގެ ތެރެއިން އިތުރު ގޯލެއް ޖަހައިފަ އެވެ. އަދި، ދަގަނޑޭގެ އެހީތެރިކަމާއެކު ފަހު ގޯލުތައް ޖެހީ އީސަ އާއި ފައްރަ އެވެ. އޭދަފުށީ ޓީމަށް ދެ ވަނަ ހާފުގެ ކުރީކޮޅު ދެއްކި ރަތްކާޑުގެ އިތުރުން ކެޕްޓަން ސާމީ އިބްރާހީމް އަށް އަނިޔާވުމުން ވަނީ 53 ވަނަ މިނެޓުގައި ބަދަލުކޮށްފަ އެވެ.
މިއީ 13-0 އިން މި ސީޒަނުގައި މެޗެއް ނިމުނު ދެ ވަނަ ފަހަރެވެ. ސީޒަނުގެ ކުރީކޮޅު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ އިން ވަނީ 13-0 އިން ފ. ނިލަންދޫ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ.
އެފްއޭ ކަޕްގެ މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ. މާދަމާ ހަވީރު ކުޅޭ މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ށ. ފޯކައިދޫ ފުޓްބޯލަ ޓީމު ވާދަކުރާއިރު މާދަމާރޭ ކުޅޭނީ ކްލަބް އީގަލްސް އާއި ވިލިމާލެ ޔުނައިޓެޑެވެ.
Advertisement


Leave a Reply