ވަރުބަލިކަމެއް ނެތި ސިޓީ ކުއާޓާ ފައިނަލަށް، ޓޮޓެންހަމް ސަލާމަތެއް ނުވި
އިނގިރޭސި އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގައި ރޭ ޝެފީލްޑް ވެނިސްޑޭއާ ވާދަކޮށް 1-0 އިން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު ނޯވިޗް ސިޓީއާ ބައްދަލުކުރި މެޗުން ޕެނަލްޓީ ޖަހައިގެން ބަލިވެ ހޯސޭ މޮރީނިއޯގެ ޓޮޓެންހަމް ހޮޓްސްޕާސް އިނގިރޭސި އެފްއޭ ކަޕުން ކަޓައިފި އެވެ.
މިދިޔަ އާދީއްތަ ދުވަހުގެ ރޭ އިނގިރޭސި ލީގު ކަޕްގެ ފައިނަލްގައި އެސްޓަން ވިލާ ބަލިކޮށް މުބާރާތުގެ ތަށި ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ހޯދައިފައިވާ މެންޗެސްޓާ ސިޓީން، އިނގިރޭސި ޗެމްޕިއަންޝިޕްގެ 12 ވަނައިގައި އޮތް ޝެފީލްޑް ވެނިސްޑޭގެ މައްޗަށް ކުރި ހޯދީ 0-1 އިންނެވެ. މެޗުގައި ސިޓީން ޖެހި ހަމައެކަނި ގޯލް މެޗްގެ 53 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އެވެ. މިއީ މި ސީޒަންގައި މިހާތަނަށް އަގުއޭރޯ ސިޓީ އަށް ކާމިޔާބުކޮށްދިން 23 ވަނަ ގޯލެވެ. އަދި 2011 ވަނަ އަހަރު ސިޓީ އަށް ބަދަލުވިފަހުން އެފްއޭ ކަޕްގައި އަގުއޭރޯ ކުޅުނު 22 މެޗްގައި މިހާތަނަށް އޭނާ ކާމިޔާބުކުރި 20 ވަނަ ގޯލެވެ.
ރަށުން ބޭރުގައި ރޭ ސިޓީން ކުޅުނު މެޗްގައި ގިނައިރު އެޓީމުން ބޯޅަ ގެންގުޅެގެން ކުޅެފައިވީ ނަމަވެސް ޝެފީލްޑް ވެނިސްޑޭގެ ޑިފެންސް ލައިން އިންތިޒާމްވެފައި އޮތްލެއް ވަރުގަދަ ކަމާއެކު ސިޓީ އަށް އިދިކޮޅު ޓީމުގެ ގޯލާ އަމާޒުކޮށް ޝޮޓެއްވެސް ހެދޭ ވަރުވީ ފަހު ހާފުގަ އެވެ. އެކަމަކު މެޗްގައި އަގުއޭރޯ ގޯލް ޖަހައި ސިޓީ އަށް ލީޑް ހޯދައިދިނުމުގެ ކުރިން ސިޓީގެ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ އާއި ބެންޔަމިން މެންޑީ، ޝެފީލްޑް ވެނިސްޑޭގެ ގޯލާ އަމާޒުކޮށް ފޮނުވާލި ދެ ބޯޅައެއް ގޯލް ދަނޑީގައި ޖެހިފައިވެސް ނުކުތެވެ.
ސެފީލްޑް ވެނިސްޑޭ އަށް ރޭގެ މެޗްގައި ސިޓީގެ ގޯލަށް ނުރައްކާ ކުރެވިފައި ނެތް ނަމަވެސް ސިޓީން ގިނަ ހަމަލާތަކެއް އުފެއްދުން ހުއްޓުވުމުގައި އެ ޓީމުން ވަނީ ރޭ ރަގަޅު މަސައްކަތެއް ކޮށްފަ އެވެ. މެޗް ނިމުމާއެކު ޝެފީލްޑް ވެނިސްޑޭގެ ސަޕޯޓަރުންވަނީ ކޮޅަށް ތެދުވެ ޓީމަށް ވަރަށް ބޮޑަށް ތަރުހީބު ދީފަ އެވެ.
ރޭ ޓޮޓެންހަމް އާއި ނޯވިޗް ސިޓީ ބައްދަލުކުރި މެޗުން ޓޮޓެންހަމް ބަލިވީ މެޗްގެ ފުރިހަމަ ވަގުތު ހަމަވި އިރު 1-1 އިން އެއްވަރުވެ އިތުރު ވަގުތުގެ ދެ ހާފް ކުޅެގެންވެސް ނަތީޖާ އަށް ބަދަލު އައިސްފައި ނުވުމާއެކު ޕެނަލްޓީ ޖަހައިގެން 2-3 އިންނެވެ. ޓޮޓެންހަމްގެ ދަނޑުގައި ރޭ ކުޅުނު މެޗްގައި ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ ޓޮޓެންހަމުންނެވެ. މެޗްގެ 13 ވަނަ މިނެޓްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ޑިފެންޑަރު ޔަން ވާޓޮންގެން އެވެ. އިނގިރޭސި ޕްރިމިއާ ލީގް ޓޭބަލްގެ ފުލުގައި އޮތް ނޯވިޗް ސިޓީން މެޗުގެ ނަތީޖާ އެއްވަރު ކުރި ލަނޑު ޖަހައިފައިވަނީ 78 ވަނަ މިނެޓްގައި އެ ޓީމުގެ ކެނީ މެކްލީން ފޮނުވާލި ބޯޅައެއް ޓޮޓެންހަމްގެ ގޯލްކީޕަރު މިކެލް ވޯމް ދިފާއުކުރަން އުޅުމުގެ ތެރޭގައި އަތުން ދޫވި ވަގުތު ނޯވިޗް ސިޓީގެ ޖޮސިޕް ޑާމިޗް ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ރޭގެ މެޗްގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް މެޗުން މޮޅުވާން ޓޮޓެންހަމް އަށް ރަގަޅު ފުރުސަތެއް ލިބި ބޭކާރުވި އެވެ. މެޗްގެ 85 ވަނަ މިނެޓްގައި ޓޮޓެންހަމްގެ ސާޖް އޮރިއޭ ފޮނުވާލި ބޯޅަ ނޯވިޗް ސިޓީގެ ކުޅުންތެރިއަކު ދިފާއުކުރީ ގޯލުގެ ރޮނގު މަތިންނެވެ.
ޕެނަލްޓީ ޝޫޓް އައުޓްގައި ރޭ ނޯވިޗް ސިޓީގެ ހީރޯ އަކަށްވީ އެ ޓީމުގެ ގޯލްކީޕަރު ޓިމް ކްރޫ އެވެ. އޭނާ ވަނީ ޓޮޓެންހަމްގެ ކުޅުންތެރިން ޖެހި ދެ ޕެނަލްޓީ އެއް ރޭ މަތަކޮށްފަ އެވެ.
އިނގިރޭސި އެފްއޭ ކަޕްގައި ރޭ ކުޅުނު އަނެއް މެޗުގައި ބާމިންގްހަމްއާ ވާދަކޮށް 0-1 އިން މޮޅުވެގެން ލެސްޓާ ސިޓީން ވެސް ވަނީ ކުއާޓާ ފައިނަލްގެ ޖާގަ އެއް ކަށަވަރުކޮށްފައެވެ. އެފްއޭކަޕްގެ ފަސްވަނަ ބުރުގައި ދެން ބާކީ އޮތް ހަމަ އެކަނި މެޗްގައި މިރޭ ވާދަކުރާނީ މެންޗެސްޓާ ޔުނައިޓެޑާއި އެ ކްލަބްގެ ކުރީގެ ތަރި ވޭން ރޫނީ މިހާރު ކުޅެމުން އަންނަ ކްލަބް ކަމަށްވާ ޑާބީ ކައުންޓީ އެވެ. މި މެޗް ފަށަން ހަމަޖެހިފައިވަނީ ރާއްޖޭގެ ގަނޑިން މެންދަމު 12:45 ގަ އެވެ.
އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި އާސެނަލުން ރަށުން ބޭރުގައި ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު ރަށުން ބޭރުގައި ސިޓީ ނުކުންނާނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ. ލެސްޓާ ސިޓީން އަމިއްލަ ދަނޑުގައި ޗެލްސީއާ ދެކޮޅަށް ނުކުންނައިރު މިރޭ ޑާބީ އާއި ޔުނައިޓެޑް ވާދަކުރާ މެޗުން މޮޅުވާ ޓީމެއް ރަށުން ބޭރުގައި ބައްދަލުކުރާނީ ނޮވިޗާ އެވެ.
Advertisement
Leave a Reply