އިންޓަ އޮފީސް ބިލިއާޑް: ޓީމު އިވެންޓުގެ ޗެމްޕިއަންކަން އެމްއޭސީއެލް އަށް، ސިންގަލްސް ދިލް އާއި ސުވައިދަށް

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން އެމްޕީބީއޭގެ ކްލަބް ހައުސްގައި ކުރިއަށް ގެންދިޔަ އަށް ވަނަ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން އެމްއޭސީއެލުން ހޯދިއިރު ސިންގަލްސް ޗެމްޕިއަންކަން ކަސްޓަމްސް ރެކްރިއޭޝަންގެ އާމިނަތު ހަލީމް (ދިލް) އާއި އެމްއޭސީއެލްގެ އިސްމާއީލް ސުވައިދު ހޯދައިފި އެވެ.
13 އޮފީހަކުން ވާދަކުރި މިއަހަރުގެ އިންޓަ އޮފީސް މުބާރާތުގެ ސިންގަލްސް ފައިނަލްތައް އިއްޔެ ހަވީރު ކުޅުނުއިރު ޓީމު އިވެންޓުގެ ފައިނަލް ކުޅުނީ ރެ އެވެ. އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ކަސްޓަމްސްގެ ދިލް ހޯދީ ފައިނަލުގައި އެމްއެންޑީއެފްގެ އާއިޝަތު ޒީނާ 6-2 ފްރޭމުން ބަލިކޮށްގެންނެވެ. މިއަހަރުގެ އަންހެން ސިންގަލްސްގައި އަށް ކުޅުންތެރިން ވަނީ ވާދަކޮށްފަ އެވެ.

އަންހެން ސިންގަލްސް އިވެންޓް ކާމިޔާބުކުރި ކަސްޓަމްސްގެ ދިލް. – ފޮޓޯ: ބިލިއާޑް އެސޯސިއޭޝަން
ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން އެމްއޭސީއެލްގެ ސުވައިދު ހޯދީ ފައިނަލުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުހައްމަދު ދުންޔާޒް އަތުން 6-4 ފްރޭމުން މޮޅުވެގެންނެވެ. ފިރިހެން ޑިވިޝަނުގެ ސިންގަލްސް ބައިގައި 63 ކުޅުންތެރިން ވާދަކޮށްފައިވެ އެވެ.
މިއަހަރުގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން އެމްއޭސީއެލުން ހޯދީ ދެ ގޭމު އެއް ގޭމުން އެމްޕީއެލް އަތުން މޮޅުވެގެންނެވެ. މެޗުގެ ފުރަތަމަ ގޭމް 6-1 ފްރޭމުން އެމްއޭސީއެލުން ހޯދިއިރު ދެ ވަނަ ގޭމް އެމްޕީއެލް އިން ވަނީ 6-2 އިން ކާމިޔާބުކޮށްފަ އެވެ. ނަތީޖާ ނެރެން ކުޅުނު ތިން ވަނަ ގޭމުން އެމްއޭސީއެލް ކުރި ހޯދީ ފޯރިގަދަ ކުޅުމަކަށް ފަހު 6-5 ފްރޭމުންނެވެ.

ފިރިހެން ޗެމްޕިއަންކަން ހޯދި އެމްއޭސީއެލްގެ ސުވައިދު ޓްރޮފީއާ ހަވާލުވަނީ. ފޮޓޯ: ބިލިއާޑް އެސޯސިއޭޝަން
މުބާރާތުގައި ވާދަކުރި އޮފީސްތަކަކީ، އެމްޕީއެލް، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕޮލިސް ކްލަބު، އެމްއެންޑީއެފް، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ޓީއެމްއޭ، ފެނަކަ، އެމްޓީސީސީ، އެމްއޭސީއެލް، ދިރާގު، ކަސްޓަމްސް، އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ.
Advertisement


Leave a Reply