ގަތަރު ކޭމްޕަށް ފަހު އޭއެފްސީ ކަޕާ މެދު ޓީސީ އިން ބޮޑު އުއްމީދެއްގައި!

Advertisement

ގަތަރު ކޭމްޕަށް ފަހު އޭއެފްސީ ކަޕާ މެދު ޓީސީ އިން ބޮޑު އުއްމީދެއްގައި!

ޢަލީ ޝަހީމް
މިދިޔަ މަހު ގަތަރުގައި 10 ދުވަހުގެ ކޭމްޕެއް ފުރިހަމަކުރި ޓީސީ ޓީމް. މިއީ އޭއެފްސީ ކަޕަށް ތައްޔާރުވާން ރާއްޖޭގެ ކްލަބަކުން ބޭރުގައި ތަމްރީނުތައް ފުރިހަމަކުރި ފުރަތަމަ ފަހަރު

އަހަރެއްގެ މެދުކެނޑުމަކަށް ފަހު އޭއެފްސީ ކަޕްގައި މިއަހަރު ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ވާދަކުރުމަކީ ކްލަބް ފުޓްބޯޅައިގެ ކުރިއެރުމަށް ހެޔޮ ބަދަލެއް އައިކަމުގެ ހެއްކެކެވެ. 2018 ވަނަ އަހަރުގެ ދިރާގު ދިވެހި ޗެމްޕިއަންކަން ހޯދި ޓީމުގެ ހައިސިއްޔަތުން ޓީސީ މިފަހަރުގެ އޭއެފްސީ ކަޕްގައި ވާދަކުރާއިރު އެޓީމާ އެއް ގްރޫޕެއްގައި ހިމެނޭ މާޒިޔާ މުބާރާތުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވީ ކޮލިފައިންގެ ޕްރިލިމިނަރީ ބުރާއީ ޕްލޭއޮފް ބުރު ކާމިޔާބުކޮށްގެންނެވެ.

މިދިޔަ އަހަރު ރާއްޖޭގެ ކްލަބްތަކަށް އޭއެފްސީ ކަޕުން ފުރުސަތު ނުލިބުނީ ކްލަބް ލައިސަންސިން ލިޔެކިއުންތައް ފުރިހަމަ ނުކުރެވުމުގެ ސަބަބުންނެވެ. އެހެންނަމަވެސް އެފްއޭއެމާއި ކްލަބްތައް ގުޅިގެން ކުރި މަސައްކަތް ކާމިޔާބުކޮށް މިހާރު ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުން ވަނީ އޭއެފްސީ ކަޕްގެ ކްލަބް ލައިސަންސިން ކަންތައް ފުރިހަމަކޮށްފަ އެވެ. ކްލަބް ލައިސަންސިންގެ ކަންކަން ފުރިހަމަކުރުމުގެ އިތުރުން މިފަހަރުގެ އޭއެފްސީ ކަޕަށް ޓީމުތައް ތައްޔާރުވުމުގައި އެހެން އަހަރުތަކާ ތަފާތެއް އެބަހުއްޓެވެ. ދެކުނު އޭޝިއާ އަށް ނިސްބަތްވާ ގްރޫޕުގައި ވާދަކުރާ ޓީސީ ސްޕޯޓްސް ކްލަބުން މިވަނީ އޭއެފްސީ ކަޕްގެ ކުރިން ގަތަރުގައި ރަނގަޅު ފެންވަރެއްގެ ކޭމްޕެއް ފުރިހަމަކޮށްފަ އެވެ. މިއީ އޭއެފްސީ ކަޕަށް ތައްޔާރުވާން ރާއްޖޭގެ ކްލަބަކުން އެހެން ޤައުމެއްގައި މިފަދަ ކޭމްޕެއް ފުރިހަމަކުރި ފުރަތަމަ ފަހަރެވެ.

“ފަހުމިނެޓް” އަށް ދިން އިންޓަވިއުއެއްގައި ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ، އޭއެފްސީ ކަޕަށް ތައްޔާރުވާން އެޓީމަށް އެވަރުގެ ތަމްރީން ކޭމްޕެއް ލިބުން ވެގެންދިޔައީ މުޅި ޓީމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެފްއޭއެމުން ހޯދައިދިން ފުރުސަތެއްގައި މިދިޔަ މަހުގެ 19 ވަނަ ދުވަހު ގަތަރުގައި ފެށި ކޭމްޕް ނިންމާލުމަށް ފަހު ޓީސީ ޓީމު މާލެ އައިސްފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

“މިއީ ވަރަށް ރަގަޅު ފުރުސަތެއް. ގަތަރުގެ ފެސިލިޓިސް އާއި އެހެން ހުރިހާ ކަމެއްވެސް ވަރަށް ރަގަޅު. އެހެންވީމަ ޓީމް އެއްކޮށް އެވަރުގެ ސްޓޭންޑާޑެއްގަ ކޭމްޕްކޮށްލެވުނީމަ ޓީމް ވޯކާ އެއްޗެހި ރަގަޅުވެފަ ވަރަށް ބޮޑަށް ކަންކަން އިމްޕްރޫވް ކުރަން ފުރުސަތު ލިބުނު. އެހެން ވީމަ ވަރަށް ރަގަޅު ކޭމްޕެކޭ ބުނެވޭނީ” ގަތަރުގައި ކުރި ކޭމްޕަށް ފަހު ޓީމާއެކު މިހާރު މާލޭގައި ހުރި ކޯޗު ޝާޒް ބުންޏެވެ.

ލީގު މެޗެއްގެ ތެރެއިން ޓީސީގެ ކޯޗު ޝާޒްލީ. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

މިއަހަރުގެ އޭއެފްސީ ކަޕްގައި ވާދަކުރުމަށް ޓީސީން ވަނީ މިދިޔަ ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ޓީމު އިތުރަށް ވަރުގަދަކޮށްފަ އެވެ. ޝާޒް ބުނީ ބަދަލުތަކާއެކު މިހާރު ޓީސީއާ މެދު ޓީމުތަކުން ވިސްނާގޮތް ތަފާތުވާނެ ކަމަށެވެ.

“ޓީސީގަ އަސްލު މިހާރު އޮތީ ސީޒަން ފެށުނުއިރު އޮތް ޓީމެއް ނޫން. އެހެންވީމަ މުބާރާތުގެ ތެރޭގައި އަސްލު ޓީމެއްވެސް ފޯމްވަމުން މިއައީ. އިތުރު ކުޅުންތެރިން ޓީމާ ގުޅުމާ މިހުރިހާ ކަމެއްވެސް މި ހިނގީ މުބާރާތްތެރޭގަ. އެހެންވީމަ އެއް ކުޅުންތެރިޔަކާ އަނެއް ކުޅުންތެރިޔަކާ އޮންނަ ގުޅުން ތަންކޮޅެއް ކުޑަވާނެ މުބާރާތް ތެރޭގަ. އެކި ކްލަބްތަކުން މި ކުޅުންތެރިން މިއައީ. އެހެންވީމަ ޓީމު އެއްކޮށް އެކަށީގެންވާ މިންވަރަކަށް ޓްރެއިން އެއް ނުކުރެވޭ. މުބާރާތް ހަމައެކަނި މި ކުޅުނީ. ދެން ޓީމުގަ ތިބީ ރަގަޅު ޕްލޭޔަރުން ވީމަ އެހާ އުނދަގޫ ގޮތަކަށް ނޫން ދިމާވީ ނަތީޖާ ނެރުމުގަ. މިހާރު ޓީސީ ނަގާނީ ހުރިހާ ޓީމަކުންވެސް އެހެން ގޮތަކަށް. އެހެންވީމަ ޓީމުގެ ހުރިހާ ކުޅުންތެރިންގެ ގުޅުން ރަގަޅު ކުރުމާ ޓީމުގެ ބައެއް ޓެކްޓިކްސް އަށް ވޯކް ކުރުމާ އެއް ތަނެއްގަ ޓީމު ތިބުން އެއީ ވަރަށް މުހިއްމު ކަމެއް” ޓީމަށް އައި ބަދަލާއެކު ލިބުނު ކުރިއެރުން ފާހަގަކުރަމުން ޝާޒްލީ ބުންޏެވެ.

އޭއެފްސީ ކަޕްގައި ނަތީޖާތައް ރަނގަޅުކުރުމުގެ އަމާޒަށް ދިއުމަށް ޓީސީގެ ކޯޗުކަމަށް ޝާޒްލީ ހަމަޖެއްސީ މިދިޔަ ޑިސެމްބަރު މަހުގެ މެދުތެރޭގަ އެވެ. ޝާޒްލީގެ ކޯޗުކަމުގައި އެޓީމަށް ކުރިއެރުން ލިބިފައިވާއިރު ގަތަރު ތަމްރީނު ކޭމްޕް ވެގެންދިޔައީ މުޅި ޓީމު އިތުރަށް ތައްޔާރުކުރުމަށް އޭނާ އަށް ލިބުނު ރަނގަޅު ފުރުސަތަކަށެވެ.

“ފިޒިކަލީވެސް މިދަތުރަށްފަހު ޓީމް އިމްޕްރޫވް ވާނެ. ޓީމް ވޯކްވެސް ރަގަޅު ވާނެ. އެއް ކުޅުންތެރިއަކު އަނެއް ކުޅުނުންތެރިއަކާ އޮތް ގުޅުންވެސް ރަގަޅުވާނެ. ޓެކްޓިކްސް އަށް ބަލައިފިއްޔާ ޓީމް ކުޅޭ ގޮތްވެސް ތަފާތުވާނެ. އެހެންވީމާ އޯވަރޯލް ކޮށް ކޮންމެ ޑިޕާޓްމަންޓެއް ކޮންމެ ކަމެއް. ހުންނާނީ އިތުރަށް ރަގަޅުވެފަ މިހާރު” ކޭމްޕަށް ފަހު ޓީމަށް ލިބުނު ކުރިއެރުން ފާހަގަކުރަމުން ކޯޗު ޝާޒްލީ ބުންޏެވެ.

ލީގު މެޗަކަށް ނުކުތް ޓީސީ ޓީމް. ޓްރާންސްފާ ބާޒާރުގައި އެޓީމުން ވަނީ އިތުރު ކުޅުންތެރިން ގެނެސް ޓީމު އިތުރަށް ވަރުގަދަކޮށްފަ. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ޝާޒްލީ އަކީ އޭއެފްސީ ޕްރޯ ލައިސަންސް ހާސިލްކުރި ފުރަތަމަ ދިވެހި ކޯޗެވެ. ޓީސީއާ ހަވާލުވުމުގެ ކުރިން މިދިޔަ އަހަރު ޝާޒްލީ ވަނީ ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާއެކު ރަނގަޅު މަސައްކަތްތަކެއްކޮށްފަ އެވެ. މިދިޔަ އަހަރު ނޭޕާލުގައި އޮތް މުބާރާތުން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އުމުރުފުރާގެ ޓީމަކުން މެޑަލެއް ހޯދި ޝާޒްލީގެ ކޯޗުކަމުގަ އެވެ. 18 އަހަރުން ދަށުގެ ޓީމު ސާފް މުބާރާތުން ލޯ މެޑަލް ހޯދިއިރު އެއާ ވިދިގެން އައި އޭއެފްސީ އަންޑަ 19 ކޮލިފައިންގައި ވެސް ޝާޒް ވަނީ ޒުވާން ޓީމަށް އިރުޝާދުދީފަ އެވެ. ބައިނަލްއަގްވާމީ ތަޖުރިބާ ބޮޑު ޝާޒްގެ މިހާރު އަމާޒަކީ ޓީސީން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ވާދަކުރާ ފުރަތަމަ އަހަރު ރަނގަޅު ހިސާބަކަށް އެޓީމު ގެންގޮސްދިނުމެވެ.

“ގްރޫޕްގެ ދެން ތިބި ޓީމުތަކެކޭ ވެސް އެއްގޮތަށް ޓީސީގެ ޓާގެޓަކަށް ވާނީ އަނެއް ބުރަށް ކޮލިފައިވުން. ކޮންމެ ޓީމެއްވެސް ދެކޭނީ ހަމަ އަނެއް ތިން ޓީމް ވަރުގަދަ ވާނެ ކަމަށް. ދެން ލެވަލް އަށް ބަލައިފިއްޔާ އެކި ކަންތައް އެކި ޓީމުތަކުގަ ރަގަޅުވާނީ، އޯވަރޯލްކޮށް ހުރިހާ ކަމެއް ރަގަޅުވާނީ މިވެނި ޓީމެއްގެ އޭ ބުނަން ވަރަށް އުނދަގޫވާނެ. ހަތަރު ޓީމަކީވެސް އަނެއް ބުރަށް ދެވޭ ވަރުގެ ހަތަރު ޓީމް. ޓީސީގެ އަމާޒުވެސް ހަމަ އެއިނީ ގްރޫޕުން ކޮލިފައިވުން” ޓީސީ އަށް މި ސީޒަނުގެ ލީގުގެ ތިން ވަނަ ހޯދައިދިން ކޯޗު ބުންޏެވެ.

އޭއެފްސީ ކަޕްގައި ޓީސީ އާއި މާޒިޔާ ހިމެނޭ ގްރޫޕުގައި ދެން ހިމެނެނީ އިންޑިއާގެ ޗެންނާއި ސިޓީ އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެވެ. ހަތަރު ޓީމުގެ ތެރެއިން އެންމެ ވަރުގަދަ އެއް ޓީމުކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ ޕްލޭއޮފްގައި ސަރަހައްދުގެ ގަދަބާރު ބެންގަލޫރު ކަޓުވާލުމަށް ފަހު ގްރޫޕް ސްޓޭޖަށް ކޮލިފައިވި މާޒިޔާ އެވެ. ޝާޒް ބުނީ ރާއްޖޭގެ ދެ ކްލަބެއް އެއް ގްރޫޕެއްގައި އޮތުމުން އަވޭ މެޗުތައް ގަލޮޅު ދަނޑުގައި ކުޅެން ލިބުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި، މާޒިޔާ ގްރޫޕް ސްޓޭޖަށް ކޮލިފައިވުން ޝާޒްލީ ދެކެނީ ދިވެހި ފުޓްބޯޅަ އަށް ލިބުނު ބޮޑު ކުރިއެރުމެއް ގޮތަށެވެ.

“ގްރޫޕަށް މާޒިޔާ ކޮލިފައިވުން ދެކެނީ އެއީ ޓީސީއަށް ވެސް އެޑްވާންޓޭޖެއް ގޮތަށް. އެއީ ބެންގަލޫރު އެފްސީ ވެއްޖެއްޔާމު އަވޭ މެޗެއް އަންނާނެ. މާޒިޔާ ތުރޫ ވުމަކީ ހަގީގަތުގަ ވަރަށް ބޮޑު ރަގަޅެއް. އެއީ އަވޭގަ ގައިމުވެސް ބެންގަލޫރު އެފްސީއާ ކުޅެން އުނދަގޫވާނެ. އެޓީމަކީ އަނެއްހެން ބަލާއިރު ވަރަށް ވަރުގަދަ ޓީމެއް. ދެން މާޒިޔާ ވަރަށް ރަގަޅަށް ޓީސީ އަށް އެނގޭނެ އަދި މާޒިޔާ އަށްވެސް ޓީސީ ވަރަށް ރަގަޅަށް އެނގޭނެ. ދެން އަސްލު އެންމެ ބޮޑު އެޑްވާންޓޭޖަކީ އަވޭގަ ނުކުޅެ އަމިއްލަ ގައުމުގަ މެޗް ކުޅެން ޖެހުން. އެހެންވީމަ މާޒިޔާ ކޮލިފައިވުން އެއީ ވަރަށް ރަގަޅު ކަމެއްގެ ގޮތުގަ ދެކެނީ. އެއީ ދިވެހި ފުޓްބޯޅައަށް ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް” ކުރިން ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ބީޖީ ސްޕޯޓްސް ކްލަބާއި ވިކްޓްރީ ސްޕޯޓްސް ކްލަބަށް ވެސް އިރުޝާދުދީފައިވާ ކޯޗު ބުންޏެވެ.

ޓިސީގެ ދަގަނޑޭ މާޒިޔާގެ ސަމުއްޓާ ކައިރިން ނައްޓަން މަސައްކަތްކުރަނީ. މި ދެޓީމުގެ އޭއެފްސީ ކަޕްގައި ވާދަކުރާނީ އެއް ގްރޫޕެއްގައި. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

އޭއެފްސީ ކަޕުގައި ޓިސީ ކުޅޭ ފުރަތަމަ މެޗު އޮންނާނީ މި މަހުގެ 11 ވަނަ ދުވަހު ބަންގްލަދޭޝްގަ އެވެ. އެގައުމުގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއާ ދެކޮޅަށް ޓީސީ ނުކުންނައިރު ހަމަ އެދުވަހު އިންޑިއާގެ ޗެންނާއީގެ ދަނޑުގައި އެޓީމާ ދެކޮޅަށް މާޒިޔާ ނުކުންނާނެ އެވެ. އޭއެފްސީ ކަޕްގެ ކުރިން ޓީސީން އަންނަ ބުރާސްފަތި ދުވަހު ފަށާ އެފްއޭ ކަޕްގައި ކްލަބް އޭދަފުއްޓާ ވާދަކުރާ މެޗު އޮންނާނެ އެވެ. ބުރާސްފަތި ދުވަހު އޭދަފުއްޓާ ދެކޮޅަށް ކުޅުމަށް ފަހު ޓީސީ ބަންގްލަދޭޝަށް ދިއުމަށް އަންނަ ހުކުރު ދުވަހު ފުރާނެކަމަށް ބެލެވެ އެވެ.

“މިހާރު ޓީމުގެ ޕްލޭޔަރުންނަށް ބަލާފަ މި ކޭމްޕާ އެއްކޮށް މިހާ ހިސާބަށް އައިއިރު ރަގަޅު ނަތީޖާއަކާ ހަމައަށް ދެވޭ ވަރަށް ޓީސީ ތައްޔާރު ކުރެވިއްޖެ ކަމަށް ގަބޫލުކުރަނީ. ދެން އޮތީ މަސައްކަތްކުރުން” ޓީސީ އަށް ރަނގަޅު ކާމިޔާބެއް ހޯދައިދޭން އަމާޒުހިފާފައިވާ ކޯޗު ޝާޒް ބުންޏެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *